ގިނަ ޑިކްޓޭޓަރުންގެ ޕްރައިވެޓް ޖެޓްތަކަށް ދިމާވާ ފަދައިން ގައްޒާފީގެ ޕްރައިވެޓް ޖެޓަށްވެސް ވަނީ ސުންޕާކަމެއް ލައިގެންފައެވެ. އެއަރބަސް އޭ 340 200 މަރުކާގެ ބޯޓް މިހާރު ވަނީ މަރާމާތަށް ފަރަންސޭސިވިލާތަށް ގެންދިޔަ ގޮތަށް ހެންގަރެއްގައި ތާށި ވެފައެވެ.
އޮގަސްޓް 2011 ގައި ޓްރިޕޮލީގެ އެއަރޕޯޓް ހަނގުރާމަވެރިންގެ އަތްދަށަށް ދިއުމަށްފަހު އެމީހުން ވަނީ އެތާގައި ހުރި މަތިންދާ ބޯޓްތަކަށް ހަމަލަ ދީފައެވެ. ގައްޒާފީގެ ޕްރައިވެޓް ޖެޓް 5އޭ ވަން އަށްވެސް ބަޑި ޖެހުމުގެ ސަބަބުން ގެއްލުންތަކެއް ލިބުނެވެ.
މި ޖެޓަކީ ބޭރުފުށުން ބަލާ ބެލުމަށް ލީނބިޔާގެ އެހެން ބޯޓްތަކާ ތަފާތު ބޯޓެއް ނޫނެވެ. ނަމަވެސް ހަނގުރާމަވެރިން ނޫސްވެރިންނަށް ދައްކާލުމުން މީގެ ތަފާތުކަން ފެނިގެން ދިޔައެވެ. މިރިއާސީ ޖެޓްގައި ޕްރައިވެޓް ސިނެމާއާއި ވަށައިގެން މޫނު ފެންނަ ބިއްލޫރި ހަރުކޮށްފައިވާ ނިދާ ކޮޓަރިއާއި ހޮޓްޓަބް ހަރުކޮށްފައިވާ ފާޚާނާ ފަދަ ފަސޭހަތަކަކީ ބައެއް ކަންތައްތަކެވެ. ހަނގުރާމަވެރިން ވަނީ މި ބޯޓްގެ ތަންތާނގައި ތިބެގެން ސެލްފީވެސް ނަގައި ހަދާފައެވެ.
ޑިކްޓޭޓަރުންގެ ނިމުމާއެކު އެމީޙުންގެ ޖެޓްތައްވެސް ނިމިގެން ދެއެވެ. ޓިއުނީސިއާގެ ޒައިނަލްއާބިދީން ބިން އަލީގެ ވެރިކަން ނިމުމާއެކު އޭނާގެ ޖެޓް ރޫޅާލައި ޓާރކިޝް އެއަރލައިނަށް އެ ބޯޓް ވިއްކާ ލެވުނެވެ. ހަމައެފަދައިން ގައްޒާފީގެ ބޯޓާއެކު ބެނިންއާއި މޮރިޓާނިޔާގެ ރިއާސީޖެޓްތައްވެސް މަރާމާތަށް ގެނައި ގޮތަށް ހަވާލުނުވެ ފަރަންސޭސި އެއަރޕޯޓްގައކި އެބަހުއްޓެވެ.
ގައްޒާފޫގެ ޕްރެޒިޑެންޝަލް ޖެޓަކީ އޭގެ ފެށުންވެސް ރަނގަޅަށް ދިޔަ އުޅަނދެއް ނޫނެވެ. އެއަރބަސް ކުންފުނިން މި މަތިންދާބޯޓް އެންމެ ފުރަތަމަ އުފެއްދީ ބުރޫނާއިގެ ޕްލޭބޯއި ޕްރިންސް ޖެފްރީ ބުލްގިޔާގެ އެދުމަކަށެވެ. އާއިލާގެ ތެރޭގައި މައްސަލަޖެހި ފައިސާއަށް ދަތިވެގެން، ބޯޓް ގެންގުޅުތާ ހަތަރު އަހަރު ނުވަނީސް އޭނާ ބޯޓް ދޫކޮށްލެއްވިއިރު އެތެރެ ޒީނަތްތެރިކުރުމަށް 250 މިލއަން ޑޮލަރު ހޭދަ ކުރެއްވިއެވެ.
'ދެން މި ބޯޓް ބައްލަވައިގަތީ އަގު ބޮޑު ލަގްޒަރީއަށް ޝައުގުވެރިވެ ވަޑައިގަންނަވާ ސައޫދީ އަމީރު އަލްވަލީދުއެވެ. އޭރު އޭނާ ވަނީ އެއަރބަސްއާއެކު ސުޕަރޖަމްބޯ ވީއައިޕީ ބޯޓެއް އުފެއްދުމަށް އެދި ހުށަހަޅުއްވާފައެވެ. ނަމަވެސް މި ބޯޓް ދުވަހަކުވެސް ނުއުފެއްދުނެވެ.
އުރުދުންގެ އަންހެން ވިޔަފާރިވެރިއަކު މެދުވެރިކޮށް، އަލްވަލީދު މިޖެޓް ވިއްކާލެއްވީ ގައްޒާފީއަށެވެ. އެއީ 2006 ގައި 120 އެމެރިކާ ޑޮލަރަށެވެ.
ފަހުން ލަންޑަންގެ ކޯޓެއްގައި މި ޖެޓާއި އަލްވަލީދާ ގުޅިގެން އުރުދުންގެ ވިޔަފާރިވެރިޔާ ދައުވާ ކުރީ އޭނާގެ ކަމިޝަނަށްވާ ދިހަ މިލިއަން ޑޮލަރު އަލްވަލީދު އޭނާއަށް ނުދެއްވި މައްސަލާގައެވެ. ލަންޑަން ކޯޓުން ޙުކުމް ކުރީ ދިމަ މިލިއަން ޑޮލަރާއި އިންޓަރެސްޓާއެކު ފައިސާ އަންހެން މީހާއަށް ދިނުމަށެވެ.
މި ހާރު ފަރަންސޭސި އެއަރޕޯޓްގައި މި ޖެޓް ބާއްވާފައި އޮތް އިރު ކުވެއިތުގެ އަލްޚަރާފީ ކުންފުނިންވެސް ވަނީ ބޯޓް ހިފެހެއްޓުމަށް އެދި ފަރަންސޭސި ކޯޓެއްގައި ދައުވާ ކޮށްފައެވެ. ނަމަވެސް ފަރަންސޭސި ކޯޓުން ބުނެފައިވަނީ ޚަރާފީއަށް ލީބިޔާ ސަރުކާރުން ދޭންހުރި ފައިސާ ނުދިނުމުން މިޖެޓް ހިފަހައްޓާނެ ތަނެއް ނެތް ކަމަށެވެ.
އަދި މި ދައުވާގެ ތެރެއަށް ޖެޓް މަރާމާތުކޮށް ބަލަހައްޓާ ފަރަންސޭސި ކުންފުނިންވެސް ވަނީ ތަދައްޚުލު ވެފައެވެ. އެފަރާތަށް ލިބެންވާ ފައިސާ ހޯދުމަށް އެކުންފުނިންވެސް ވަނީ ދައުވާ ކޮށްފައެވެ.
މިހާރު މިޖެޓްގެ ބާޒާރުގެ އަގަކީ 60 މިލިއަން ޑޮލަރެވެ. ޖެޓް ބަލަހައްޓާ ކުންފުންޏަށް މިހާތަނަށް ތިން މިލިއަން ޔޫރޯ ދައްކަން ޖެހޭކަމަށް އެކުންފުނިން ބުނެއެވެ.