ބީރުކެނޑުން ނުވަތަ ތުނޑިއަށް ދިއުން މީ ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި އަޟުޙާޢީދު ގައި ކުރަމުން އައި ކަމެކެވެ. ބައެއް ރަށްރަށުގެ އާދަކައިދައިގެ ތެރޭގައި ހިމެނުނު ކަމެކެވެ. ނަމަވެސް މިހާރު މިކަން ވަނީ ޒަމާނާއި އެކު ބަދަލުވެ އުވި ގޮސްފައެވެ. އެހެންނަމަވެސް އަދިވެސް ރާއްޖޭގެ މަދު ރަށެއްގައި ބީރު ކެނޑުމުގެ އާދަކާދަ އޮވެއެވެ.
ބީރު ކެނޑުން މި ކިޔަނީ ތަކުބީރު ނިމޭދުވަހު އެއީ ޒުލްޙިއްޖާ މަހުގެ 13 ވަނަ ދުވަހުގެ ރޭ އޮންނަ ކެއުމެއް ކަމަކަށެވެ. މި ކަމަކީ ރަށުގެ އަންހެން ވެރިން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ހަދައިގެން އެރޭގެ ޢިޝާނަމާދު ފަހު މީހުން ނޫޅޭ ހިސާބަކަށް ގޮސް ތި ބެ ކެއުމެވެ. މީހުން ނޫޅެ ހިސާބޭ މި ކިޔަނީ ގެތައް ނުހުންނަ ހިސާބު ދެފަރާތުން ވާ ހެދިފައި އޮންނަ މަގުތަކަށެވެ. ނުވަތަ އަތިރިމައްޗަށެވެ. މި ގޮތަށް ކެއުން ތައްޔާރު ކުރާނީ އަވައްޓެރި ގެތަކުން ހަތަރެއް ނުނީ ހައެއްކަ ގެ އެއްގެ އަންހެން ވެރިން އެކުގައެވެ. މިގޮތަށް ތައްޔާރު ކުރާ ކެއެމުގައި ވަރަށްގިނަ ބާވަތްތައް ހިމެނޭނެވެ. އެކި ބާވަތްތަކުގެ ބޯކިބަލާއި ފޮނިކާތަކެއްޗާއި ރިހަތަކާއި ބަތެވެ.
ބީރު ކެނޑުމުގައި އެންމެ މަޖާ ކަމަކީ އެ ކެއްކުމަށްފަހު އެ ތަކެތި ރައްކާކުރަން އުޅެން ޖެހޭ ހާލެވެ. ސަބަބަކީ ބީރު ކެނޑުމަށް ނުވަތަ ތުނޑިއަށް ދިއުމަށް މި ތައްޔާރުކުރާ ކެއުން ވަގަށް ނެގުމަކީ ވަރަށް މޮޅުކަމެކެވެ. އަދި މި ވަގަށް ނަގާނީވެސް މި ކައްކަން ބައިވެރިވާ އަންހެނުންގެ ގޭގޭގެ ފިރިހެން ވެރިންނެވެ. މިބައިމީހުން ތިބޭނީ ކައްކަން އުޅޭ އަންހެން ގުރޫޕު ކިރިޔާވެސް އަތަކަށް ގުޑިލާތޯ ބަލަބަލަ އެވެ. މީގެ މޮޅުކަމަކީ ކާއެއްޗެހި ވަގަށްނެގި މީހަކު ނުވަތަ ބަޔަކު ނޭނގުމެވެ. އެހެން ކަމުން މި މަސައްކަތް ކުރަން އުޅޭ ފިރިހެންވެރިންވެސް ނިކަން ކުޅަދާނަ ވާނެއެވެ. ކިތަންމެ ހަނި ތަންވަޅެއް ލިބުނަސް ކޮންމެވެސް އެއްޗެއް ވަގަށް ނަގާނެއެވެ. އަދި އެ އެއްޗެއް ނެގި މީހަކު ނޭނގި އެ ގެއްލުނީއެވެ. ދެން އަނެއް ދުވަހު އެ ވަގަށްނެގި އެއްޗެއްގެ ދެގުނަ ބަދިގެ އަށް ޖަމާ ކޮށްދޭނެއެވެ. ވަގަށް ނެގީ ބޮނޑިބަތް ކަމަށް ވާނަމަ، ހަކުރާއި ހަނޑުލާއި ރާނބާފަތާއި ދެންވެސް އެއަށް ބޭނުންވާނެ ހުރިހާއެއްޗެއް ދެގުނަ އިތުރުކޮށްގެން ބަދިގެއަށް ލައިދޭނެއެވެ.
ބީރު ކަނޑަން ދާއިރު ކުޑަ ކުދިންނެއް ނުގެންދާނެއެވެ. މިހެން ދެންނެވިޔަސް ގޭގައި ކުޑަކުއްޖާގާތު ހުންނާނެ މީހަކު ނެތިއްޖެނަމަ، އެ ކުއްޖަކު ގެންދާނެއެވެ. މި އަންހެންވެރިން ކާތަކެތި ހިފައިގެން ކާން ތިބޭއިރުވެސް ފިރިހެންވެރިންގެ ކިބައިން ސަލާމަތެއް ނުވެވޭނެއެވެ. މަގުގެ ދެފަރާތު ހެދިފައި އޮންނަ ހޭޅި ފަށުން ނުކުމެގެން ވިޔަސް ކާއެތި ކޮޅު ޖަހައިގަނެވޭތޯ ބަލާނެއެވެ. މި ގޮތަށް ވަލުތެރެއިން ނުކުންނަ މީހުން ތިބޭނީ ކާކުކަން ނޭނގޭ ގޮތަށް ދެލި މާލި ހެދިގެންނެވެ. ބައެއް ފަހަރު މި މާލި ތަކުގެ މަސަކަތް ކާމިޔާބުވެސް ވެއެވެ. އަންހެންވެރިން ކެއުމާއިގެން މަސްއޫލު ވެގެން ތިއްބާ ކޮންމެވެސް އުކުޅަކުން ރިހަތެލި ނޫނީ ބަތްތެލި ގެންގޮސްފާނެއެވެ. މި ބީރު ކެނޑި ޒަމާނުގައި މި ބައިމީހުން ކާންތިބޭނީ ހަނދުވަރު މަތީގައެވެ. ހަނދުގެ އަލިކަން ފިޔަވައި އިތުރު އެއްވެސް އަލިކަމެއް ނުހުންނާނެއެވެ. މި ގޮތަށް މާ ބޮޑު އަލިކަމެއް ނެތުމުން ލަނޑުވެސް ލިބެއެވެ. ބައެއްފަހަރަށް ތައްޓަށް ބަތް އަޅާފައި ރިހަކަމަށް ފޮނިކިރުވެސް އެޅޭކަމަށް ވެއެވެ.
ނަމަވެސް ބީރު ކެނޑުމަކީ މިހާރު ކުރިކަމެއްކަންވެސް ނޭނގޭ ޒުވާނުން ތިބޭނެއެވެ. އެހެނަސް އަޅުގަނޑު ދެކޭގޮތުގައި މިއީ ޢީދުގެ ކުޅިވަރުގެ ތެރޭގައި ހިމެނުން ރަނގަޅު ކަމެކެވެ. ސަބަބަކީ އައްވައްޓެރިންގެ މެދުގައި އެކުވެރިކަން އިތުރުވުމެވެ. އަދި އެގޮތަށް ހަމަ އެކަނި އަވައްޓެރިންގެ ތެރޭގައި އުޅޭ ހުރިހާ އަންހެނުން ގޮސް ހީސަމަސާކޮށް މަޖާކޮށްލައި ހަދާލުމަކީ އެކަކު އަނެކަކަށް އޮންނަ ގާތްކަމާއި ގުޅުންވެސް ބަދަހި ވާނެކަމެކެވެ.