މާލެއިން ފުރައިގެން ބަރާބަރު 45 މިނެޓުން ސްޕީޑް ބޯޓެއްގައި ދެވޭ ހިސާބުގައި އޮތް ކ.ދިއްފުއްޓަކީ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ހިތްފަސޭހަ، އަރާމު، ހިތްގައިމު ރަށެކެވެ.

މިއީ ހަފްތާ ބަންދު ޗުއްޓީ ހޭދަކޮށްލަން ރަނެއް މަލެއްފަދަ ރަށެކެވެ. ރީތި މޫދާއި ރަށު ތެރެ ހަމަހިމޭން ވުމުގެ ސަބަބުން ޗުއްޓީ، ޗުއްޓީއެއް ގޮތަށް އިހްސާސް ކުރެވޭ ރަށެކެވެ.

ދިއްފުށީ ސްޓޯން ހޮޓެލްގެ މަންޒަރެއް. ފޮޓޯ: ސްޓޯންހޮޓެލް

1300 އެއްހައި މީހުން ދިރިއުޅޭ ދިއްފުށީގައި މިވަގުތު 40 އާ ގާތް ކުރާ އަދަދަށް ގެސްޓް ހައުސް އެބަހުއްޓެވެ. އަގުތައް އުޅެނީ 500 ރުފިޔާއިން 2500 ރުފިޔާއާ ދެމެދުގައެވެ. ޕޫލާއެކު ތަރައްގީ ކޮށްފައި ހުރި ގެސްޓްހައުސްތައްވެސް އެބަހުއްޓެވެ.

ސްޕީޑް ބޯޓް ދަތުރު ފަސޭހަވެފައި އަރާމެވެ. އޮޑިއެޕުން ބޭނުން ސީޓެއް ބުކް ކޮށްލެވޭނެއެވެ. ބޭނުން ނަމަ އެއަރޕޯޓުންވެސް ސްޕީޑް ބޯޓަށް އެރިދާނެއެވެ. މާލެއިން ދިއްފުއްޓަށް ދިޔުމަށް ދަތުރުފަށަނީ އެމްއެމްއޭއާ ދިމާއިންނެވެ.

ދިއްފުށި ހާއްސަ ވަނީ ކީއްވެ؟

ޗުއްޓީއަށް ރަށަކަށް ދިޔުމުގެ ކުރިން އެންމެ ފުރަތަމަވެސް ކުރެވޭނެ އެރަށަކުން ހިތްހަމަ ޖައްސާލަން ކުރެވޭނެ އެންމެ ހާއްސަ ކަމަކީ ކޮބައިތޯއެވެ.

ދިއްފުށީގެ ސަންސެޓް ޑޮލްފިން ތަފާތު ތަޖުރިބާއެއް

"ސަންސެޓް ޑޮލްފިން ކްރޫޒް" ނުވަތަ އިރު އޮއްސޭއިރު ކޯމަސް ބަލަން ދިޔުމަކީ ދިއްފުށިން ތަޖުރިބާ ކޮށްލެވޭނެ އެންމެ ހިތްފަސޭހަ، ހިތްގައިމު، ގިނަ ދުހަށް ހަނދާނުގައި ހުންނާނެ މަންޒަރެވެ. މިއީ ދިވެހިންގެ އިތުރުން އެރަށަށް ޒިޔާރަތް ކުރާ ބޭރުގެ ފަތުރުވެރިންގެ ހިތްތަކާވެސް ކުޅެލާފައިވާ ޖާދުވީ މަންޒަރެކެވެ.

ދިއްފުށި ކައިރިން ފެންނަ ކޯމަސް އައިންތައް ފަތުރުވެރިޔަކު ބަލަނީ. ފޮޓޯ: އަރާމް ހޮލިޑޭ

ކޯމަސް ބަލަން ދިޔުމުގެ ދަތުރު ކުޑަ ކުދިން ގޮވައިގެން ދާނަމަ ހެނދުނުވެސް ކުރެވިދާނެއެވެ. ރަށުގެ ގެސްޓް ހައުސްތަކާއި މިކަމަށް ހާއްސަ ކުދި ލާންޗް އަދި ޑިންގީ ފަހަރު ގެންގުޅޭ މީހުންވެސް މަދެއް ނޫނެވެ.

ރީތި ފޮޓޯ ނަގާނެ މަންޒަރުތަކެއް

ރީތި ފޮޓޯ ކޮޅެއް ނަގަން ބޭނުންނަމަ ޖެޓްސްކީ އެއް ހަމަޖައްސައިގެން ދުއްފުށީ އުތުރު ބީޗަށް ލަސްނުކޮށް ދާންވީއެވެ. ވިލު ނޫކަލައިގެ މޫދުގެ ޗާލުކަމާއި ކައިރިން ފެންނަން އޮތް މީރު ފެންފުށި ރެޒޯޓު އަރާ ގޮތަށް ޗާލު ފޮޓޯތަކެއް ނެގޭނެ މަންޒިލަކަށް ތިހުރީ އާދެވިފައެވެ. ރަށަށް ޒިޔާރަތް ފަތުރުވެރިންގެ ކެމެރާގެ ލެންސްތައް އެންމެގިނައިން އަމާޒުވާ ތަނަކީ މިއީއެވެ.

މީގެ އިތުރުން ދިއްފުށީގައި މިފަހުން ތަރައްގީ ކުރި ބައެއް ގެސްޓްހައުސްތަކުން ނަގައި ސޯޝިއަލް މީޑިޔާއަށް ދޫކޮށްލާފައިވާ ފޮޓޯތަކަށް ސޯޝިއަލް މީޑިޔާގައި ބޮޑު މަގުބޫލުކަމެއްވެސް ލިބިފައިވެއެވެ.

ފިނޮޅު ދަތުރު

ދިއްފުށިން ފުރައިގެން ޑިންގީ ނުވަތަ ކުޑަ ލާންޗެއްގައި 15 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި 2 ފިނޮޅު އެބައޮތެވެ. ކިރު ދޫނިތައް ގިނަ އަދަދަކަށް އުޅޭ މި ދެ ފިނޮޅަކީ ދިފުއްޓަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި މަގުބޫލް ދެ މަންޒިލެވެ. ސްކޫލް ބަންދު ދުވަސްވަރެއްނަމަ ތުލުސްދޫ އަދި ހުރާ އިންވެސް މިތަނަށް މީހުން ޒިޔާރަތް ކުރެއެވެ.

ދިއްފުށި ކައިރީގައި އޮންނަ ފިނޮޅު. ފޮޓޯ: ދިއްފުށިއިން

ކޮފީ ބޯލަން ތަފާތު މާހައުލެއް

ދިއްފުށީގައި ކޮފީ މޭޒުތައް ހުރި ދިމާތައް ވަރަށް ތަފާތެވެ. ހުޅަނގު ފަރާތުގައި ހިންގަމުން އަންނަ ރެސްޓޯރައުންޓުން ކޮފީ ބޯލަން ހުންނައިރު ފެންނާނީ ސާފުކޮށް އޮތް މޫދެވެ. ހަވީރުނަމަ އިރުއޮއްސޭ މަންޒަރެވެ. ރަށުގެ އުތުރު ފަރާތު ތުޑީ ސަރަހައްދުގައި ހުރި ގެސްޓް ހައުސްތަކުން ކޮފީ ބޯލަން ހުންނައިރު ފެންނަނީ ވިލު ނޫކުލައިގެ ސާފު މޫދެވެ. އިރުމަތީ ފަރާތަށް ޖެހިލާއިރު ކޮފީ މޭޒުތައް ހުރީ ރާޅު ޖަހާ ފަށުގައެވެ. ރޭގަނޑުގެ ހަމަހިމޭން ކަމުގައި ކޮފީއެއް ބޯލަން ބެލިޔަސް މިއީ މިރަށުގެ އެންމެ ހިތްފަސޭހަ ސަރަހައްދެވެ. ރަށުގެ ދެކުނު ފަރާތުންވެސް ފެންނާނީ މި މަންޒަރެވެ.

ކުރުކޮށް ބުނާނަމަ ދިއްފުށި މި ފެނުނީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމްގެ ވަރަށް ޗާލު، ޗާލު ނަންބަރުގެ އެންމެ ކުރީގައި އޮތް އެއްރަށުގެ ގޮތުގައެވެ.