ކޮވިޑް ވެކްސިން ޖަހާފައިވަނިކޮށް ޖެހިޖެހިގެން ދެދުވަހު ދެމަފިރިއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ގދ. ގައްދުއަށް ނިސްބަތްވާ ދެމީހެކެވެ. ދެމީހުންވެސް މަރުވީ ފަރުވާ ދެމުންގެންދާތާ ގިނަދުވަސް ތަކެއް ފަހުންނެވެ.

މި ދެމަފިރިންގެ ތެރެއިން ފިރިމީހާ މަރުވިއިރު އުމުރަކީ 93 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ކޮވިޑް ވެކްސިން ދިން ފަހުން އިތުރަށް ބަލިބޮޑުވިއެވެ. އެހެން ކަމުން ވަގުތުން ގައްދޫ ސިއްޙީ މަރުކަޒަށް ގެންދިޔައެވެ. އެތަނުން ލަފާދިނީ ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔުމަށެވެ. އެތަނަށް ގެންދިޔަފަހުން އެމީހާ މަރުވީ އިއްޔެ ހެނދުނު އެވެ. އޭނާގެ ހަށިގަނޑު މިހާރުވަނީ ގައްދުއަށް ގެންގޮސް ވަޅުލައިފައެވެ.

އޭނާގެ އަންހެނުން މަރުވީ މިއަދުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ވެސް ވެކްސިން ދިނުމުން ހުން އަންނަން ފެށީއެވެ. އެހިސާބުން އޭނާ ވަގުތުން ސިއްހީ މަރުކަޒަށް ގެންދިޔައެވެ. މަރުވީ އެތާ އޮއްވައި ކަމަށް އެނގިފައިވެއެވެ. އޭނާ ވަޅުލުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. ވެކްސިން ދިން ފަހުން ދެމީހުން މަރުވިޔަސް މަރުވީ ވެކްސިންގެ ސަބަބުން ކަމެއް ކަށަވަރު ވެފައެއް ނުވެއެވެ.

މިއަދު މަރުވި އަންހެން މީހާއަކީ ފިނޭންސް މިނިސްޓަރ އަމީރުގެ މާމައެވެ. ފިރިހެން މީހާއަކީ މިނިސްޓަރުގެ ދޮންކާފަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިނިސްޓަރުގެ މާމަ މަރުވިއިރު އުމުރަކީ 84 އަހަރެވެ.