އާޖެންޓީނާގެ ހެލްތު މިނިސްޓަރ ގިނޭސް ގޮންޒާލޭޒް ގާރސިއާ އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވީ، އާޖެންޓީނާގައި ކޮވިޑް-19 އަށް ވެކްސިން ޖެހުމުގައި ބައެއް މީހުން ހެލްތު މިނިސްޓަރާ އޮންނަ ގާތް ގުޅުމުގެ ތެރެއިން ފުރުސަތު ހޯދައިގެން ކިޔޫތަކުގެ ކުރިއަށްޖެހި އަވަހަށް ވެކްސިން ޖެހުމުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

މި ވާހަކަތައް ފެންމަތިވެފައި ވަނިކޮށް ޓްވީޓްކުރި ބަޔާނެއްގައި ހެލްތު މިނިސްޓަރ ގިނޭސް ގޮންޒާލޭޒް ގާރސިއާ ވިދާޅުވެފައިވަނީ، ވަކިވަކި ފަރުދުންތަކެއް، ވެކްސިން ޖެހުމުގެ ތަރުތީބުން އެއްކިބާވެ އަވަހަށް ވެކްސިން ޖެހުމުގެ ފުރުސަތު ހޯދާފައިވަނީ އޭނާ އޮފީހުގައި ވަޑައިގެން ނޫޅުއްވާ ވަގުތެއްގައި، އޮފީސް ތެރެއިން ގަސްތަކާނުލައި އެރި އޮޅުންތަކެއްގެ ތެރެއިން ކަމަށެވެ.

ބަޔާނުގައި ގިނޭސް ގޮންޒާލޭޒް ގާރސިއާ ވިދާޅުވެފައިވަނީ، އެކަމާ ގުޅިގެން ބްރެޒިލްގެ ރައީސް އަލްބާޓޯ ފަރނާންޑޭޒްގެ އެދިވަޑައިގަތުމަށް ހެލްތު މިނިސްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ހަމަ އެއާއެކު، އާޖެންޓީނާގެ ފެޑެރަލް ސިއްހީ ނިޒާމު އަލުން ބިނާކޮށް ތަންފީޒު ކުރުމުގައި އާޖެންޓީނާގެ އާންމު ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމާއި ތާއީދަށް ގިނޭސް ގޮންޒާލޭޒް ގާރސިއާ ޝުކުރު އަދާކުރައްވާފައި ވެއެވެ.

މިހާރު ގާއިމް ކުރެވިފައިވާ ސިއްހީ ނިޒާމަކީ އެންމެނަށް ހަމަހަމަ ފުރުސަތު ލިބިދޭ ނިޒާމެއް ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ބައެއް މީހުން ކިޔޫ ފަޅާލާފައި ކޮވިޑް ވެކްސިން ޖަހާކަން ފަޅާއެރީ، ސީދާ ހެލްތު މިނިސްޓަރަށް ގުޅައި ފުރުސަތު ހޯދައިގެން ވެކްސިން ޖަހައިފި ކަމަށްބުނެ އާޖެންޓީނާގެ ނޫސްވެރިޔަކު އެ ވާހަކަތައް ހާމަކުރި ހިސާބުންނެވެ.

މިމައްސަލާގައި ގިނޭސް ގޮންޒާލޭޒް ގާރސިއާ އިސްތިއުފާ ދެއްވުމުން، ހެލްތު މިނިސްޓަރުގެ ޒިންމާއާ ވަގުތީގޮތުން ހަވާލުވެވަޑައި ގެންނެވީ ހެލްތު މިނިސްޓަރުގެ އެއް ނައިބް ކަމަށްވާ ކާރލާ ވިޒޯޓީއެވެ.

ކާރލާ ވިޒޯޓީއަކީ، ރަޝިޔާއިން އުފައްދާފައިވާ ކޮވިޑް ވެކްސިން، ސްޕުޓްނިކް5 ވެކްސިން ހޯދައި އާޖެންޓީނާގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޒިންމާއާ ހަވާލުވެ ހުންނެވި އެންމެ އިސް ފަރާތެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އާޖެންޓީނާގެ ރައްޔިތުންނަށް ސްޕުޓްނިކް5 ވެކްސިން ގެންދަނީ ދެމުންނެވެ.

ވެކްސިން ދިނުމުގައި އާޖެންޓީނާއިން އިސްކަން ދީފައިވަނީ އެންމެ ފުރަތަމަ ހެލްތު ވޯކަރުންނަށެވެ. ދެން އިސްކަން ދީފައިވަނީ އުމުރުން 70 އަހަރުން މަތީގެ މީހުންނަށެވެ.