ތަފާތު ވައްތަރުގެ ގަސް ހެއްދުމަކީ ބައެއް މީހުން އެންމެކުރާ ހިތްވާ މަސައްކަތެވެ. ބައެއް މީހުން ދަރިއަކު ފަދައިން ގަސް ބަލަހައްޓައެވެ. އެއިން ގަހަކަށް ގެއްލުމެއް ވެދާނެތީ ލޮލުފިޔައެއް ޖަހާލަން ނުކެރިގެން އުޅޭ މީހުން ވެސް އެބައުޅެއެވެ.

ދައްކަން މިއުޅެނީ ސަންފަގެ ވާހަކައެވެ. ސަންފަ އަކީ ގަސް ހައްދަން ނިކަން ފޯރި ހުންނަ އަންހެނެކެވެ. އޭނާގެ ގޯއްޗާއި މަގުމަތީގައި ވެސް ވަނީ ގަސް ހައްދައިފައެވެ. މިރުހާއި، ކޮޕީފަތާއި ބަރަބޯ ވެސް ހައްދާފައިވެއެވެ. މޭވާއާއި ތަރުކާރީގެ އިތުރުން ބަގީޗާ ވެސް ހައްދާފައި ވެއެވެ. އެކި ކުލައިގެ ބޯގަންވިލާއެވެ. ކުލަކުލައިގެ މައު އަޅައިފައި އޮންއިރު ވަރަށް ޗާލެވެ. ސަން އަތުގައި ނެތް ވައްތަރެއްގެ ގަހެއްނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

"މިއީ އަހަރެން މާލެއިން ވަރަށް އަގުބޮޑުކޮށް ގަނެފައި ހުރި ގަސްތަކެއް، އަހަރެން ވަރަށް ކުރާ ހިތުން ކުރާ ކަމެއްމިއީ. މިއިން ގަހަކަށް ކަމެއް ވެއްޖެއްޔާ ވަރަށް ކަންބޮޑުވާނެ،" އޭނާ ބުންޏެވެ. ގަހާމެދު ސަންފަ ހިތްޖެހިފައިވާ ވަރު ފެނުމުން އަޖައިބުވިއެވެ. ސަންފަ އިތުރަށް ބުނީ "އަހަރެން ތަރުކާރީއާއި މޭވާ ހައްދާތީ ފިހާރަތަކުން އެ އެއްޗެހި ވަރަށް ނުގަންނަން. ގިނައިން ބޭނުން ކުރަނީ ގޭގައި ހައްދާ އެއްޗެހި" ކަމަށެވެ.

ސަންފަ ދެން ނުކުތީ ގޯތިން ބޭރަށެވެ. މަގުމައްޗަށެވެ. މަގުމަތީ ފާރު ކައިރީ ހައްދާފައި ހުރި މިރުސް ގަހާއި ކޮޕީފަތާއި ބަރަބޯ ވެލުގައި ވަރަށް ބޮޑަށް އަޅައިގަތެވެ.

ގޯތިން ބޭރުގައި ކޮޕީފަތް ހައްދާފައި ހުންނަ ތަން އާންމު ގޮތެއްގައި ފެނެއެވެ. އެހެން ނަމަވެސް ބަރަބޯ ވެލެއް ހައްދާފައި އޮތްތަން މި ފެނުނީ އަލަށެވެ. މިއާ ބެހޭގޮންތުނަ ސަންފައާ ސުވާލުކޮށްލުމުން ބުނީ "މިއީ އަހަރެންގެ ދޮރުމަތި، އަހަރެން ކުނި ކަހާ ސާފު ކުރާ ހިސާބު، އަހަރެންގެ ގޯތި ތެރޭގައި ބަރަބޯ ހައްދާނެ ޖާގަ ނެތީމައި އަހަރެން މިތާ ބަރަބޯ ހެއްދީ" ކަމަށެވެ.

މިހާ ހިސާބުން ސަންފަގެ ވާހަކަ ކުރުކޮށްލާފައި، ގޯތިން ބޭރު، މަގުމަތީ ގަސް އިންދުމާބެހޭ ގޮތުން ވާހަކަ ދައްކާލާނަމެވެ. ގޯތިން ބޭރު، މަގުމަތީގައި ގަސް އިންދުމަކީ އެކަމުގެ ސަބަބުން އާންމުންނަށް އޭގެ އުނދަގޫ ވެދާނެ ކަމެކެވެ. ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ވެސް ދަތިވާނެއެވެ. އެހެންނަމަވެސް މިއީ ސަންފަގެ ވިސްނުން ހުރިހިސާބެއް ނޫނެވެ. ތިމާގެ އެއްވެސް އާރެއް ބާރެއް ނުފޯރާ ތަނެއްގައި އެގޮތަށް ގަސް އިންދުމަކީ އެހެން މީހުންގެ ނަފުރަތު ވެސް ތިމާއަށް ލިބޭނެ ކަމެކެވެ. ނަތީޖާއަކަށް ވާނީ އިޖުތިމާޢީ ގޮތުން މައްސަލަ ކުރިމަތިވުމެވެ.

ކޮންމެއަކަސް މިކަމަކީ ވިސްނަން ވެއްޖެ ކަމެކެވެ. ކޮންމެ ގެއަކުން މަގުމަތީގައި ތަރުކާރީއާއި މޭވާ ދަނޑުތައް ހައްދަން ވެއްޖެއްޔާ މަގެއް އޮތުމުގެ ބޭނުން ކޮބައިބާވައެވެ؟ މަގަކީ އަމާންކަމާއި އެކު ހިނގާ ބިނގާވެ އުޅެން އޮންނަ ތަނެކެވެ. އެއްޗެހި ދުއްވަން އޮންނަ ތަނެކެވެ. ދުއްވާއިރު އެއިން އެއްޗަށް ފުރޮޅު އަރައި ހަލާކު ވެއްޖެއްޔާ ވެސް ސަންފަ އަންނާނީ ރުޅިއެވެ. ވަރުބާލާނީ އެމީހަކަށެވެ. ތިމާ ކޮށްގެން މިއިނީ ކޮންފަދަ ކަމެއްކަމެއް ހިތަށް ވެސް ނާންނާނެއެވެ.

ސަންފަ ފަދައިން ތިމާގެ ބަގީޗާ ނުވަތަ ގާޑެން ތިމާގެ ގޭގެ ދޮރާށިން ބޭރު ނުކުރާށެވެ. މަގުމައްޗަކީ ޗިޗަންޑާ، ތޮރާ، ބަރަބޯ، ޒުވާރި ފަދަ ތަކެތި ހައްދާ ތަނަކަށް ނުހަދާށެވެ.