ދިވެހިރާއްޖޭގެ އެންމެންވެސް ވާހަކަ ދައްކަނީ ދިވެހިބަހުންނެވެ. ނަމަވެސް އެކި ހިސާބުތަކުގެ ބަހުރުވަ ތަފާތެވެ. އެހެންކަމުން މި ބަހުގައި ތަފާތު ބަހުރުވަތައް އެކުލެވިގެން ވެއެވެ. ބަހުގެ އިލްމުވެރިން ހާމަ ކުރައްވާގޮތުގައި މި ގޮތަށް ތަފާތު ހިސާބުތަކުގެ ބަހުރުވަ ތަފާތުވަނީ އެއްބަޔަކު އަނެއްބަޔަކާއި މުވާޞަލާތްކޮށް، މުޢާމަލާތްކޮށް ހެދުން މަދުވީމައެވެ. މިގޮތަށް މެދުވެރިވަނީ ކޮންމެވެސް ސަބަބަކާހުރެ ޠަބީޢީގޮތުން އެކަމަށް ހުރަސްއެޅިގެންނެވެ. އެއްބަޔަކާ އަނެއް ބަޔަކާ ދެމެދަށް ހުރަހެއް ކުރިމަތިވެގެންނެވެ. ރާއްޖޭގައި ނަމަ މާސިންގާ ކަނޑެކެވެ. ބޭރުގައި ނަމަ ފަރުބަދައެކެވެ. ނުވަތަ މިނޫން ވެސް ހުރަހެކެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގެ ބަހުރުވައާ ރާއްޖޭގެ އާންމު ބަހުރުވައާ ވަރަށް ތަފާތެވެ. އެހެންނަމަވެސް މިއީ މައްސަލައެއްނޫނެވެ. އެކަމާ ބަޔަކު ކަންބޮޑުވެ ވާހަކަ ދައްކައި ނުހަދައެވެ. ސަބަ ބަކީ އެއީ އެމީހުންގެ އަމިއްލަ ގޮތެވެ. އެމީހުނަށް ޚާޞަ ވެފައިވާ ބަހުރުވައެވެ. އެބައެއްގެ އަމިއްލަ ވަންތަކަމަކާއި ފަޚުރެކެވެ.

ނަމަވެސް މެދު ރާއްޖެތެރެއާއި އުތުރުގެ ރަށްރަށު މީހުން ވާހަކަ ދެއްކުމުގައި ބަހުރުވައިގެ މާ ބޮޑު ތަފާތެއް ނެތެވެ. އެހެން ނަމަވެސް ބައެއް ލަފުޒުތައް ބޭނުން ކުރުމުގައި ތަފާތު ތަކެއް ހުރެއެވެ. މިސާލަކަށް މާލޭގައި "އެހެންތަ" ބުނާއިރު ބައެއް ރަށްރަށުގައި "އެހެންތެ" ކިޔާއުޅެއެވެ. މި ގޮތަށް ކުދި ކުދި ބަސްތައް ތަފާތު ކޮށް ކިޔާތީ މަލާމަތްވެސް ލިބެއެވެ. މިއީ މަލާމަތް ކޮށް ފުރައްސާރަ ކުރަންވީ ކަމެއް ނޫނެވެ. އެއީ ބަހުރުވައިގެ ހުންނަ ތަފާތެވެ. އެ އަމިއްލަ ވަންތަ ކަމަކީ ދޫކޮށްލައިގެން ވާނެ އެއްޗެއްނޫނެވެ. ހަމަގައިމުވެސް އަޅުގަނޑެއް ދުލެއް ނުކުރަމެވެ. ނުވެސް ކުރާނަމެވެ. އަޅުގަނޑުގެ އަހުލުވެރިންނާ ވާހަކަ ދައްކަނީ ކުޑައިރުވެސް ދަސްވެފައި ހުރި ރަށު ބަހުންނެވެ.

މިގޮތުން ތަންކޮޅެއް ކުރީގައި ހިނގާފައި އޮތް ހާދިސާ އެއްގެ ވާހަކަ އަޑު އެހީމެވެ. އެއީ މާލޭގައި ވާހަކަ ދައްކާ ބަހުރުވައިގައި ކުޑަ ތަފާތެއް ހުންނަ ރަށެއްގެ ބަޔަކު މާލެ އައިސް އެގޮތަށް ވާހަކަ ނުދެއްކުމަށް ކަނޑައެޅުމެވެ. މި ބައިމީހުން މާލެ ދާން ފުރަން ތައްޔާރުވެ އެންމެން މިގޮތަށް ސައްލާކޮށް "ތެ" ނުކިޔުމަށް އެއްބަސް ވެއްޖެއެވެ. ދޯނި މާލޭ ކަނޑިންމައަށް ވަނުމާއެކު މި ދޯނީގެ ފަޅުވެރި އަކު ނަގިލި އެއްލަންވެގެން ހުންގާނުގައި ހުރި މީހާއަށް ގޮވާލިއެވެ. "ކޮބާ ނަގިލި އެއްލަންވީތެ" ހުންގާނު ހުރި މީހާ ނިކަން ބާރަށް ގޮވާލިއެވެ. " ކޮން ތެއެއްތެ" "ތެ ނުކިޔާށޭ ބުނުފީމެއްނޫންތެ"

މިއީ ޖޯކެއް ނޫނެވެ. އިންސާނާގެ ޠަބީޢަތު އަންގައިދޭ އިބުރަތެކެވެ. އެހެންކަމުން ރާއްޖޭގެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ވާހަކަދައްކައި އުޅުމުގައި އެބައެއްގެ ބަހުރުވައިން އެ ރާގުގައި ވާހަކަދެއްކުމަކީ ކުރަންވީކަމެކެވެ. ދައުލަތް ހިންގުމުގައި ބޭނުންކުރާ ރަސްމީ ލިޔެކިޔުމާއި މުއާމަލާތު ހުންނަންވާނީ އާންމު ބަހުރުވައިންނެވެ. ރަސްމީ ބަހުރުވައިންނެވެ. ކިޔަވައިދޭ ތަކެއްޗާއި ކިޔަވައިދިނުމުގައި ބޭނުންކުރަންވާނީ ރަސްމީ ބަހުރުވައެވެ. މިކަން މިގޮތަށް އޮތުމަކީ ދިވެހިބަހުގެ ބަހުރުވައަކުން ފޮތެއް ނުލިޔެވެންވީ ސަބަބެއް ނޫނެވެ. ޅެމެއް ނުހެދެންވީ ސަބަބެއް ނޫނެވެ.