މިއަދަކީ ދުނިޔޭގެ މާދަރީބަހުގެ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ށަވިޔަނީގެ އަހުލުވެރީނަށް ތަހުނިޔާ ދަންނަވަމެވެ. ށަވިޔަނީގެ އަހުލުވެރިންނޭތޯއެވެ؟ އެއީ ދިވެހީންނެވެ. ށަވިޔަންޏަކީ ދިވެހިބަހުގެ ޚާއްސަ އަޑެއްގެ ނިޝާނެވެ. ށަވިޔަންޏަކީ އަޅުގަނޑުމެންގެ އަހުލުވެރި އަމިއްލަ އަޑެކެވެ.

މާދަރީބަހުގެ ދުވަސް ފާހަގަކުރަނީ ބަހުގެ ލޯތްބާއި ބާރާއި މަގާމު ހަނދާންކޮށް މިކަންކަމަށް މަތިވެރިކަން ހޯދައިދިނުމަށެވެ. މިދުވަސް ނިސްބަތްވަނީ އަމިއްލަ ބަހަށްޓަކައި ގުރުބާންވެގެން ދިޔަ ބައެއްގެ ހަނދާނަށެވެ. އެ ގުރުބާނީގައި ފުރާނަތަކެއް ގެއްލިގެންދިޔަ ތާރީޚަށެވެ. ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހަށެވެ. ކޮންމެ އަހަރެއްގެ މާދަރީބަހުގެ ދުވަހު މި ހާދިސާ ހިނގިގޮތާއި އޭގެ ސަބަބުތައް ކިޔައިދެވެއެވެ. މަދަރުސާ ކުދިންނަށް މިކަން އޮޅުންފިލުވައިދެއެވެ. ބަހުގެ ވާހަކަ ވަރަށް ބާރަށް ދެކެވެއެވެ. އެއިން ނަތީޖާއެއް ވެސް ފެނެއެވެ. ނަމަވެސް އެވަރަކުންނެއް އަދި ނުފުދެއެވެ.

ފަހަކަށް އައިސް މާދަރީބަހުގެ ދުވަހުގެ ޝިޢާރު ކަނޑައެޅުއްވުމުގައި ބަހުރުވަތަކަށް ޔުނެސްކޯ އިން އިސްކަން ދެއްވައިފައިވާކަން ފާހަގަކުރެވެއެވެ. ޔުނެސްކޯގެ ތަޖުރިބާކާރު އިލްމީ ސިކުނޑިތަކަށް އޭގެ ސަބަބު ފެންނާތީއެވެ. ނަމަވެސް ރާއްޖޭގައި މިއަދު މިއޮތީ ގައުމީ ބަހުގެ މުސްތަގުބަލާމެދު ވެސް ބަހުސްކުރެވޭ ހާލަތެކެވެ. އެހެންކަމަށް ވާއިރު މި ބަހުގެ ބަހުރުވަތަކުގެ މުސްތަގުބަލަކީ ކޮބައިތޯއެވެ؟

ބަހުރުވަތަކުގެ މުސްތަގުބަލް ހޯދަދިނުމަކީ އަޅުގަނޑުމެން ކުރާންއޮތް ކަމެކެވެ. އެ ބަހުރުވައެއްގެ އަހުލުވެރީންނެވެ. މާލޭގައި ހުންނަ ދެތިން އޮފީހަކުން އެކަންޏެއް ނޫނެވެ.

ބަހުރުވަތަކުގެ ހާލަތާމެދު ފިކުރުބޮޑުވާ މީހުން އެބަތިއްބެވެ. ހަރުމީހުންނެވެ. ބަސްވިކޭ ގަދަރުވެރިންނެވެ. އިލްމުވެރިންނެވެ. ލޯތްބާއި ޖޯޝުން ހިތްތައް ފުރިފައިވީ ޒުވާނުންނެވެ. އެހެންކަމުން މި އެންމެނާއި މިނޫން އެންމެން ވެގެން މި ހާލަތު ބަދަލުކުރުމަށް މަސައްކަތް ފަށައިގަތުމަށް މިއަދަކީ ރަނގަޅު ދުވަހެކެވެ.

އެބަހަށްވުރެ މިބަސް މޮޅޭ ބުނެ ވެވޭ މާނައެއް ނެތް އަރައިރުންވުންތައް ދޫކޮށްލަންވީއެވެ. މޮޅިއްޔާ މޮޅީއެވެ. މޮޅު ނޫނިއްޔާ މޮޅުކުރެވޭތޯ އުޅެންވީއެވެ. އެއްބަހަކަށްވުރެ އަނެއް ބަހެއް މޮޅުތޯ އަޅައިބެލުމަކީ ބަހުގެ އިލްމުވެރިންގެ ގާތުގައި އޮތްކަމެއް ނޫނެވެ. ސަބަބަކީ ކޮންމެ ބަހަކީ އޭގެ ޒާތުގައި މުސްތަގިއްލު އެއްޗެއްކަމުގައި އެމީހުން ދެކޭތީއެވެ. އެހެންކަމުން ބަހުރުވަތަކުގެ މައްސަލާގައި މި އުސޫލުގައި ހިފުމަކީ އޮތްކަމެކެވެ.

ބަހަކަށް ކޮށްދެވޭ އެންމެ ބޮޑު ޚިދުމަތަކީ އެބަހެއް ބޭނުންކުރުމެވެ. ބަސްބޭނުންކުރުމުގެ ތެރެއިން ލިބެން އޮންނަ ވަރަށް ބޮޑު ޚިދުމަތަކަކާއި އެހީތެރިކަމެއް ރާއްޖޭގެ ބަހުރުވަތަކަށް ލިބިފައެއް ނުވެއެވެ. އެއީތޯއެވެ؟ އެއީ ބަހުރުވަތަކުން ލިޔުމެވެ. އަދަބީ އުފެއްދުންތައް އުފެއްދުމެވެ. ބަހުރުވައިގެ ރަދީފުތައް އުފެއްދުމެވެ. ބަހުރުވައިގެ އަދަބީބަސްތައް އެ ބަހުރުވައަކުން ލިޔުމެވެ. އެއާ ގުޅިފައިވާ ސަގާފަތާއެކު ލިޔުމެވެ. ބަހުރުވަތަކުގެ އަދަބިއްޔާތު ކުރިއަރުވުމެވެ. ބަހުރުވަތަކުން މަޒުމޫނު ލިޔުމެވެ. ވާހަކަ ލިޔުމެވެ. ޅެންހެދުމެވެ. މިއީ ފަރުދީ ފެންވަރުގައި ވެސް ކުރެވޭން ހުރި ކަންކަމެވެ. މި މަސައްކަތުގައި ވެސް ހިތްވަރު ލިބިގަންނަންވީ ކާބަފައިންގެ ނަމޫނާއިންނެވެ. އާދޭހެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް މިހާތަނަށް ކުރެވިފައިވާ އެންމެ ބޮޑު ޚިދުމަތްތަކަކީ މިގައުމުގެ އަމިއްލަ ފަރުދުން ފަރުދީގޮތުން ކޮށްފައިވާ މަސައްކަތްތަކެވެ.

ބަހުރުވައިން ލިޔަން ފެށުމުން އެ ބަހުރުވައިގެ ހަމަތަކާ ގަވާއިދުތައް ހާމަވަމުން ދާނެއެވެ. އެ ބަހުރުވައަކާ ބެހޭގޮތުން އާންމުވެފައި ނުވާ ކަންކަން އާންމުވަމުން ދާނެއެވެ. ވަޅުޖެހެމުން ގެއްލެމުންދާ ކަންކަން ދިރެމުން އާލާވަމުންދާނެއެވެ. ބަހުރުވައިގައި ކުރިންނެތް އިލްމީ ސިފަތައް އެއަށް ވަންނަމުން ޒީނަތްތެރިވަމުން ދާނެއެވެ. އާންމު މުއާމަލާތެއްގައި ބޭނުންކުރާއިރު އާންމު މީހާގެ ހިތަށް ގެނެވިފައިނުވާ ބަހުގެ ހަމަތަކާއި ބަހުގެ ބާރު ހާމަވަމުންދާނެއެވެ.

މިކަންކަން ފަށައިގަންނަންވީ ކޮންއިރަކުތޯއެވެ؟ ކޮން ދިމާއަކުންތޯއެވެ؟ އާދޭހެވެ. މިއަދު ފަށްޓަވާށެވެ. އަދަބިއްޔާތުން ފަށްޓަވާށެވެ. ބަންޖެއް ހައްދަވާށެވެ. ޅެމެއް ހައްދަވާށެވެ. ލަވައެއް ހައްދަވާށެވެ. ޖޯކެއް ލިޔުއްވާށެވެ. އަދަބީ ބަހަކާއި އޭގެ މާނައާ އެ މާނަ ގުޅޭ ހާލަތު ލިޔުއްވާށެވެ. ކުރު ވާހަކައެއް ލިޔުއްވާށެވެ. ކުރު ތަމްސީލެއް ލިޔުއްވާށެވެ. ބަހުރުވަތަކުން ލިޔުއްވައިފައިވާ ތަކެތި އަދަބީގޮތުން ތަހުލީލުކުރައްވާށެވެ. ލަފުޒުތަކާއި އިބާރާތްތައް ވެށްޓާ ގުޅޭގޮތާއި، ސަގާފަތާ ގުޅޭގޮތާއި ބަހުރުވައިގެ އަހުލުވެރިންގެ ދިރިއުޅުމާ ގުޅޭގޮތް ސާފުކޮށްދެއްވާށެވެ. ހާސް ހާސް ދޮރު ހުޅުވިގެންދާނެއެވެ.

ބަހުރުވަތަކުގެ އަދަބީ އުފެއްދުންތަކެއް އުފެދި އެތަކެތި އަދަބީގޮތުން ތަހުލީލުކުރެވޭ ނަމަ ހަމަ ކަށަވަރުން ވެސް ބަސްކުރިއަރާނެއެވެ. އަދަބީގޮތުން ތަހުލީލުކޮށްގެން ފެންނަ ނަތީޖާގެ މައްޗަށް އަދަބީގޮތުން ފާޑުކިޔޭ ނަމަ، ފެންވަރު ރަނގަޅު އާ ތަކެތި އުފެދެމުން އުފަންވަމުން ދާނެއެވެ.

ފާޑުކިޔުމަކީ ފާޑެއްގެ ކަމެކެވެ. އެހެންކަމުން އަދަބީ ފާޑުކިޔާންވާނީ އިލްމީ ހަމަތަކުންނެވެ. "ހުދެ ފާތުމާ ބުދެ ހެދީހެން"ނެއް ނޫނެވެ.

ބަހުރުވަތައް ކުރިއެރުވުމަށްޓަކައި އެ ބަހުރުވަތަކުން މިހާރަށްވުރެ ގިނައިން ލިޔާންވެއްޖެއެވެ. ބަހުރުވަތަކުން މުބާރާތްތައް ބާއްވަންވެއްޖެއެވެ. ދެމިއޮތުމާއި ކުރިއެރުން އޮތީ މިގޮތުގައެވެ. ކުރެވޭ ޖަދަލެއްގައެއް ނޫނެވެ.