ފުވައްމުލަކު ދަޑިމަގު، އާބާދުގޭ އިސްމާޢީލް ރަފީގަކީ އެސިޓީގެ މޭޔަރު ކަމަށް އެންމެ ހެޔޮވަރު ކެންޑިޑޭޓެވެ. އެންމެ ގާބިލް ބޭފުޅާއެވެ. އޭނާގެ މާލިމީކަމުގެ ދަށުން ފެނިގެންދާނެ އެންމެބޮޑު އެއް ކަމަކީ ތަރައްގީ ވެފައިވާ އަމާން ސިޓީއަކަށް ފުވައްމުލައްވުމެވެ. މިހާރުވެސް ތަރައްގީ ވަމުން އަންނަ ފުވައްމުލަކަށް އިތުރު ތައްރަގީ ބޭނުން ކަމަށްވާނަމަ އިސްމާޢީލް ފަދަ ވަތަނީ ބޭފުޅަކު އެމަގާމަށް ހޮވުން ބުއްދިވެރި ކަމަށް އެރަށުގެ ހަރު މީހުން ބުނެއެވެ.
އިސްމާޢީލް ވިދާޅުވި ގޮތުގައި އޭނާގެ މޭޔަރު ކަމުގައި އެސިޓީ ވެގެންދާނީ އަމާން ރައްކާތެރި ތަނަކަށެވެ. ރައްކާތެރިކަން ލިބިގެންވާ އުފާވެރި މުޖުތަމައެއް ބިނާ ކުރުމަކީ ސިޓީކައުންސިލްގެ އެންމެ ބޮޑު އެއް ޒިންމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކަކީ އަމާންކަން ލިބިފައިވާ ސުލްހަވެރި އުފާވެރި ސިޓީއަކަށް ހެދުމަށްޓަކައި އެންމެ ފުރަތަމަ އޭނާ ބައްލަވާނީ އެކަމަށްހުރި ގޮންޖެހުންތަކެވެ. އެއަށްފަހު އެކަންކަން ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެއްވުމެވެ.
އުފާވެރި މާހައުލަކަށް އެސިޓީ ހެދުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ކުށްކުރުން ހުއްޓުވުމެވެ. އެކަން ކުރުމަށް ސީސީޓީވީ ކަހަލަ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެއްވުމަކީ އިސްމާޢީލްގެ ވިސްނުމެވެ. އޭގެ އިތުރުން ކޮމިއުނިޓީ ޕޮލިސިން ފުޅާކޮށް ހަރުދަނާ ކުރުމަކީ ވެސް އޭނާގެ އެއް އަމާޒެވެ.
އިސްލާމާޢީލް ވިދާޅުވީ މުޖުތަމައަކީ އަމާން ރައްކާތެރި ތަނަކަށް ހެއްދެވުމަށްޓަކައި ރައްޔިތުންގެ ބައިވެރިވުން އިންތިހާއަށް އިތުރުކުރަން ޖެހޭ ކަމަށެވެ. އެފަދަ ކަންކަމުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ އިންތިޒާމު އޭނާގެ މޭޔަރުކަމުގައި ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދަތުރުފަތުރު
ފުވައްމުލަކަކީ ފުރިހަމަ ވެފައިވާ ސިޓީއަކަށް ހެއްދެވުމަށްޓަކައި ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް އެއްގަމާއި ކަނޑުން ފަހިވެފައި އޮންނަން ޖެހެއެވެ. އެފަދަ ނިޒާމެއް ގާއިމު ކުރުމަކީ އިސްމާޢީލްގެ ވަރަށްބޮޑު ތަސައްވުރެކެވެ. މިއިން ކޮންމެ ކަމެއް ހާސިލް ކުރުމަށްޓަކައި އޭނާއަށް ބޭނުންވަނީ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމެވެ.
މިފަދަ ފުރިހަމަ ނިޒާމެއް ގާއިމް ކުރެވޭނީ މަގުތަކަކީ އުޅަނދުފަހަރު ދުއްވަން ރައްކާތެރި ފަސޭހަ މަގުތަކަކަށް ވެގެންނެވެ. އަދި ބައިސްކަލްދުއްވާ މީހުންނާއި ހިނގާމީހުނަށް ވެސް ތަނަވަސް ރައްކާތެރި ތަނަކަށް ހެދިގެންނެވެ. މިއިން ކޮންމެ ކަމެއްގެ ހައްލު އިސްމާއީލްގެ އަތުގައި އެބައޮތެވެ. އޭނާ ވިދާޅުވީ މަގުތަކަކީ އެންމެންގެ ތަނެއް ކަމަށެވެ. އެހެން ކަމުން މަގުތަކަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުނަށްވެސް ބޭނުން ކުރެވޭތަނަކަށް ހެއްދެވުމަކީ އޭނާ ކުރައްވާނެ ކަމެކެވެ. "މަގުތަކަކީ ރީތިކޮށް ލޭންޑްސްކޭޕް ކުރެވިފައިވާ ހިޔާލިބޭ ގޮތަށް ފަރުމާ ކުރެވިފައިވާ ތަނަކަށް ވުން،" އެއީ އޭނާ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެކެވެ. އެކަން ކުރެއްވުމަށްޓަކައި ހަނިމަގުތަށް ފުޅާކުރެއްވުމާއި، ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގާއިމް ކުރެއްވުމާއި، ބައިކްޝެއަރ ޚިދުމަތުގެ އަޖުމަބެލުމާއި، ސްކޫލް ބަސް ބޭނުންކުރަން ފެށުމާއި، ސަރަހައްދީ ފެރީ ނިޒާމް ހަރުދަނާ ކުރުމާއި، ސަރަހައްދީ ވައިގެ ބަނދަރުތަކަށް ދަތުރުކުރަން ޓްވިން އޮޓާ ބޯޓު ބޭނުންކުރެވޭތޯ ބައްލަވަން ސަރުކާރާއި ދެކުނުގެ އަތޮޅުތަކާ މަޝްވަރާކޮށް ފީޒިބިލިޓީ ހެއްދެވުމަކީ ވެސް އޭނާގެ ތަސައްވަރުގައި ހިމެނޭ ބޮޑެތި ކަންކަމެވެ.
އިސްމާޢީލް ވިދާޅުވީ އިންޓެގްރޭޓެޑް ޓައުންހަބް ނުވަތަ ސިޓީ ސެންޓަރަކީ އިގްތިސާދީ އަދި އިޖްތިމާއީގޮތުން މުހިންމުތަނަކަށް ވާނެ ކަމަށެވެ. އެހެން ކަމުން ޓައުންސްކެއަރ
ހިމެނޭގޮތަށް އޮފީސް، ވިޔަފާރި އަދި އިޖްތިމާއީ ބޭނުން ހިފޭގޮތަށް އިމާރާތްތަކެއް ކުރެއްވުމަކީ އޭނާގެ ވިސްނުމުގައި ހިމެނޭ ތަރައްގީގެ ޕްލޭންތަކެކެވެ.
"ޓައުން ހަބްގައި ސިޓީހޯލް، ސަރުކާރު އޮފީސްތައް، ބޭންކު، ޕޯސްޓްއޮފީސް، ސުޕަރމާކެޓް/ފިހާރަ، ކެފޭ/ރެސްޓޯރަންޓް އަދި ކަސްޓަމަރުންނަށް ޚިދުމަތްދޭ ކުންފުނިތަކުގެ ފްރޮންޓް އޮފީސް ކަހަލަ ތަންތަން ގާއިމު ކުރެވިދާނެ. އަދި މުނިފޫހި ފިލުވުމާއި ރިކްރިއޭޝަންއާ ގުޅޭ ތަންތަންވެސް ހެދިދާނެ،" އޭނާ ވިދާޅުވިއެވެ.
އެކި އޮފީސްތަކާއި މުއައްސަސާތަކަށް މިހާރު ބިންދޫކޮށްފައިވަނީ އެރަށުގެ އެކި ސަރަހައްދު ތަކުންނެވެ. އެފަދަ ތަންތަން ސިޓީ ސެންޓަރަށް ބަދަލުކުރުމުން އެހެން ކަންކަމަށް ރަށުން ބިން ހުސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޓީއެއްގެ ރީތިކަމަކީ މުހިންމުކަމެއް
"އިމާރާތެއް ކުރިއަސް، މަގެއް ހެދިއަސް އެހަދާ ތަނެއްގެ އާންމު ބޭނުމުގެ އިތުރުން އެތަނުން ރަށުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ ވިސްނުން ގެންގުޅުން މުހިންމު. އެގޮތުން ލޭންޑްސްކޭޕް ކުރުމާއި އާކިޓެކްޗާއަކީ އިސްކަންދޭންޖެހޭ ކަންކަން" އޭނާ ވިދާޅުވިއެވެ.
ޕާކްތަކަކީ ރައްޔިތުން ހިތްހަމަ ޖައްސާލަން ދާތަނެއްގެ އިތުރުން އިޖްތިމާއީ ގުޅުން ބަދަހި ކުރެވޭނެ ތަނަކަށްހެދުމަކީ މުހިންމު ކަމެއް ކަމަށް އިސްމާޢީލް ވިދާޅުވިއެވެ.
"މަގުތަކުގެ ދެފަރާތުގައި އެއްކޮޅުން އެނެއްކޮޅަށް އިމާރާތް ކޮށްފައި ހުންނަ މަގުތަކުގައި ވެސް ބައެއް ހިސާބުތަކުން ބިންހުސްކޮށް ޕަބްލިކް ސްޕޭސް ނުވަތަ ޕާކް ހެދުން" އެއީ ވެސް އިސްމާއީލްގެ ވިސްނުމުގައިވާ ކަމެކެވެ.
ގެދޮރު އިމާރާތް ކުރުން
ގެދޮރު އިމާރަތް ކުރުމުގައި ރީތިކަން ނުގެއްލޭނޭ ގޮތަށް އިމާރާތްތައް ޑިޒައިން ކޮށްގެން ކުރުމަކީ ސިޓީގެ މަލަމަތި ޗާލުވެފައި ހިތްގައިމު ވެގެންދާނޭ ކަމެކެވެ. މިކަންކަމަށް ޚާއްސަކޮށްގެން ބިލްޑިންކޯޑެއްގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާގެ މޭޔަރުކަމުގައި މިކަން ވެސް ކުރެވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ ދަށުން ފުވައްމުލަކަކީ ޕްލޭން ކުރެވިގެން ތަރައްގީކުރެވޭ ސިޓީއަކަށް ހެއްދެވުމަކީ މުހިންމުކަމެއް ކަމަށާއި އެކަމަށް ބޭނުންވާ އެކިއެކި ޕްލޭންތައް ތައްޔާރުކުކޮށް އެގޮތަށް ސިޓީ ބައްޓަން ކުރުމަކީ ސިޓީގެ ރީތިކަން އިތުރަށް ފެނިގެންދާނޭ ކަމެކެވެ.
ތަނަސްވަސް ބޯހިޔާވަހިކަން
އިސްމާޢީލް ވިދާޅުވީ އުފަލާއި ހިތްހަމަޖެހުމުގައި އުޅެވޭނީ ތަނަވަސް ބޯހިޔާވަހިކަމެއް ލިބިގެންނެވެ. އެއީ އަސާސީ ހައްގެއް ކަމަށާއި އެހައްގުން އެއްވެސް މީހަކު މަހުރޫމް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ތަނަވަސް ފްލެޓް/އެޕާޓްމެންޓް ހިމެނޭގޮތަށް އުސްކޮށް ދިރިއުޅޭ އިމާރާތްތައް ކުރުން. މިގޮތަށް ތަރައްގީ ކުރާއިރު އެސަރަހައްދަކީ ކޮމިއުނިޓީއެއްގޮތަށް ޕްލޭންކޮށް، ފިހާރާ، ޕާކް. މިސްކިތް އަދި ކޮމިއުނިޓީގާޑަން ފަދަ ތަންތަން ހެދުން،" އެއީ އިސްމާޢިލްގެ ޕްލޭނެކެވެ.
ތަރައްގީގެ މިފަދަ ޕްލޭނެއް ހިއްޕަވައިގެން ވަޑައިގެން ހުންނެވި ކެންޑިޑޭޓަކަށް ފުރުސަތު ދެއްވުމަކީ ސިޓީގެ މުސްތަގުބަލަށް އެޅޭނެ ހަރުދަނާ ބިންގަލެކެވެ.