އިނގިރޭސިވިލާތުގައި ކޯލާ ދެލި އަންދައިގެން ހަކަތަ އުފެއްދަން ފެށިތާ 142 އަހަރު ފަހުން އެ ޤައުމުން ކޯލާ ދެލިން ކަރަންޓު އުފެއްދުން މިއަދު ހުއްޓާލައިފިއެވެ. އިނގިރޭސިވިލާތުގެ މެދުތެރޭގައި ހުންނަ ރެޓްކްލިފް އޮން ސޯއާ ކޯލް ޕްލާންޓްގައި ވަނީ މިއަދުން ފެށިގެން ބަންދު އަޅުވާފައެވެ.

އިނގިރޭސިވިލާތަކީ 1882 ވަނަ އަހަރު ލަންޑަންގައި ކޯލާ ދެލިން ކަރަންޓު އުފެއްދި ފުރަތަމަ ޤައުމެވެ. މިއީ ދުނިޔޭގެ ބާރުދައްކާ ޖީ7 ގެ ޤައުމުތަކުގެ ތެރޭން ފުރަތަމައަށް ކޯލާ ދެލިން ކަރަންޓު އުފެއްދުން ހުއްޓާލި ޤައުމެވެ.

1994 ވަނަ އަހަރާ ހަމައަށް އިނގިރޭސިވިލާތުގައި އާންމުކޮށް ކަރަންޓް އުފައްދަމުން އައީ ކޯލާ ދެލިންނެވެ. ނަމަވެސް ކާބަންގެ އަގު ކަނޑައެޅުމާއި އިއާދަކުރަނިވި ހަކަތަ ހަލުވިކަމާއެކު ފެތުރިގެން ދިއުމުން 2013 ވަނަ އަހަރަށް ފަހު ކޯލާ ދެލިން ކަރަންޓު އުފެއްދުން ދަށްވި އެވެ.

އިނގިރޭސި ސަރުކާރުން ދަނީ ކުދި ސައިޒްގެ ނިއުކްލިއާ ހަކަތަ އުފައްދާ އިންޖީނުގެތައް ހަދައިދޭނެ ފަރާތެއް ހޯދަމުންނެވެ. އިނގިރޭސިވިލާތުގެ އަމިއްލަ ރޯލްސްރޮއިސް އަކީ މިކަމަށް އެންމެ ޤާބިލު ފަރާތްކަމަށް ބެލެވެއެވެ.