މ.ކޮޅުފުށި އަނެއްކާވެސް މޮނިޓަރިން އަށް ލައިފި އެވެ.

އެޗްޕީއޭ އިން ބުނީ ކޮޅުފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމުން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

މިއީ ކޮޅުފުށި މޮނީޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކޮޅުފުށިން ކޮވިޑް ކޭސްތަކެއް ފެނި އެރަށް މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ އެރަށުން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ ބައްދަލުވި ފަރާތްތަކުގެ ޓެސްޓު ހަދައި، އޭގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުފުށި ދެވަނަ ފަހަރަށއ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.