ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ދައުލަތަށް ހެކިން ހާޒިރު ނުކުރެވިގެން މިއަދުގެ އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކުރީ، މައްސަލައިގައި ސިއްރު ހެކިންގެ ހެކި ބަސް ނެގުމުގެ އަޑުއެހުމެކެވެ. ނަމަވެސް މިއަދު ވެސް ހެކިން ހާޒިރު ނުކުރެވޭތީ، މައްސަލަ ވަނީ މި ހަފްތާގެ ބުދަ ދުވަހަށް ތާވަލުކޮށްފަ އެވެ.
ދައުލަތަށް ހެކިން ހާޒިރު ނުކުރެވިގެން، އަޑުއެހުން ކެންސަލް ކުރަން ޖެހުނު މިއީ ދެވަނަ ފަހަރެވެ.
ނަދީމްގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ، ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ހުއްޓައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިޔަށް ދިޔަ ކަމަށެވެ. އަދި އެ މީހުން ދިޔައީ ތިން ސައިކަލެއްގައި ކަމަށާއި، އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވެދެ ނަދީމަށް ހަމަލާދީފައި ވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.