އިންޑިއާގެ ސަބަބުން ރާއްޖޭގެ މިނިވަންކަން މިދަނީ މަޑުމަޑުން ގެެއްލެމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ އުތުރުތިލަފަޅުގައި އިންޑިޔާ ސިފައިންނަށް ތިބެވޭ ގޮތަށް އަދި އިންޑިޔާގެ މަނަވަރުތަކަށް އެތަން ބޭނުންކުރެވޭ ގޮތަށް އެއްބަސްވުމެއްގައި މިއަދު ރާއްޖެއާއި އިންޑިޔާގެ މެދުގައި ސޮއިކުރާނެ ކަމަަށް "ދިޔަރެސް" ނޫހުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

އެގޮތުން އުމަރު ވިދާޅުވީ ދިވެހި ސިފައިންނަށް ދޫކޮށްފައިވާ އުތުރުތިލަފަޅުގައި އިންޑިޔާއިން އެޅުމަށް ހަމަޖެހިފައިވާ ޑޮކްޔާޑަކީ އިންޑިޔާގެ ކަނޑުގެ ލަޝްކަރުގެ އުޅަދުތަށް ބަދަރު ކުރުމަށާއި މަރާމާތުކުރުމަށާއި އަދި އިންޑިޔާ ސިފައިން މި ސަރަހައްދުގައި ބޭތިބުމަށް މަގުފަހި ކުރުމަށް އަޅާ ތަނެއް ކަމަަަށެވެ.

މި ޕްރޮޖެކްޓް ގެ ސަބަބުން މި ސަރަހައްދުގައި އިންޑިޔާގެ ސިފައިންނާ މަނަވަރު ތައް އަބަދުމެ ތިބުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"ޚާރިޖީ ގުޅުމުގެ ތެރެއިން އެހެން ޤައުމު ތަކާ ދިފާޢީ ގުޅުން ބަދަހި ކުރަންވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ބުރުލެއް ނާރާގޮތަށެވެ. އަދި އިންޑިޔާ ކަޑުގެ 'ގޭޓް ކީޕަރު' ގެ ހައިސިއްޔަތުން މި ސަރަހައްދާ ދުނިޔޭގެ މަސްލަހަތަށްވެސް ބުރޫ ނާރާ ގޮތަށެވެ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިއީ އިންޑިޔާއިން ރާއްޖޭގައި އެކިނަންނަމުގައި އެމީހުންގެ ސިފައިން ބައިތިއްބާ 4 ވަނަ ސަރަހައްދު ކަމަށާއި މިހާރުވެސް އައްޑޫ، ލ.ކައްދޫ، ހދ.ހަނިމާދޫ ގައި އެމީހުންގެ އުޅަދުތަކާއެކު އިންޑިޔާގެ ސިފައިން ގާއިމްވެ އެބަތި ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަން މަޑުމަޑުން މި ދަނީ ގެއްލެމުންނެވެ." އުމަރު ވިދާޅުވިއެވެ.

އުމަރުގެ ވެރިކަމެއްގައި އިންޑިއާގެ ހުރިހާ ސިފައިން ޤައުމުން ފޮނުވާލެވޭނެ ކަމަށާއި އިންޑިޔާ އާއިއެކު އެކުވެރި ގުޅުމެއް ދަމަހައްޓާނެ ކަމަަށް އޭނާ ވިދާޅުވިއެވެ.