އަމާން ރައްކާތެރި ތަނަކަށް މާލެ ހެދުމަށްޓަކައި ފަށާފައިވާ މާލެފަހި ޕްރޮގްރާމްގެ ދަށުން އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަން ނިޒާމު ހަރުދަނާކުރުމަށްޓަކައި ސެޓްފިކެޓް އޮފް އެންޓައިޓަލްމަންޓް (ސީ.އޯ.އީ) ތަޢާރަފްކުރަން ނިންމައިފިއެވެ.

މި އައު ނިޒާމުގެ ދަށުން މިހާރު އުޅަނދު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. އަދި މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް ސީ.އޯ.އީގެ ފުރަތަމަ ފުރުޞަތު ދެވޭނެއެވެ.

މި އައު ނިޒާމު ފަރުމާކޮށްފައިވަނީ ކޯޓާ އެކުލަވާލުމާއި، ކޯޓާ ބިޑްކުރުމާއި، އަދި ބިޑްކޮށްފައިވާ ޕޭމަންޓްތައް ރައްކާތެރި ގޮތުގައި ބެލެހެއްޓޭނެ ގޮތަށެވެ.

މީގެއިތުރުން، މި އައު ނިޒާމު ފަރުމާކޮށްފައިވަނީ ކެންސަލްކުރެވޭ އަދި ނައްތާލެވޭ އުޅަނދުތަކުގެ ކޯޓާ އަލުން އިތުރުކުރެވޭނެ ގޮތަށެވެ. އަދި އަލަށް ރަޖިސްޓަރީކުރެވޭ އުޅަނދުތަކުގެ ކޯޓާ ވަކި މުއްދަތަކަށް ނުވަތަ އުޅަނދު ކެންސަލްކުރެވެންދެން ލޮކްކުރެވޭނެއެވެ.

މި އައު ނިޒާމު ތަޢާރަފްކުރުމުގެ މަޤްޞަދަކީ އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަން ނިޒާމު ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމެވެ.