ދުނިޔެއަށް ބޭނުންވާ ކާނާ އުފައްދާ އާޖެންޓީގެ މީހުން އުޅެނީ އަނގަޔާ އަތާ ދިމާ ނުވެގެންނެވެ. އާޖެންޓީނާގެ އެންމެ ފަގީރު އަވަށްތަކުގައި ކާބޯތަކެތީގެ ކުއްލިހާލަތެއް އާންމުވާން ފަށައިފިއެވެ.

ދެކުނު އެމެރިކާގައި އެންމެ ގިނައިން އެއްގަމު މަހާއި ގޮދަނާއި ގޮވާން އުފައްދާ އެއް ގައުމުކަމަށް ވިޔަސް، އާޖެންޓީނާގެ 53ޕަސެންޓް މީހުންނަށް ވަނީ ފަގީރުކަމާ ކުރިމަތިލާން ޖެހިފައެވެ. އަދި 18 ޕަސެންޓް މީހުންނަކީ އިންތިހާއަށް ފަގީރު ވެފައިވާ މީހުންނެވެ.

އިޤްތިޞާދު ވަޅު ޖެހިފައި ވުމާއެކު އެތައް ހާސް ބަޔަކަށް އެކަށީގެންވާ މިންވަރަށް ކާނާ ނުލިބެއެވެ. ކާނާ ގަންނާނެ އާމްދަނީއެއް ނުލިބެއެވެ. އަދި ލިބޭ އާމްދަނީން ދިރިއުޅުން ދެކޮޅެއް ނުޖެއްސެއެވެ.

އާޖެންޓީނާގެ ތިންބައިކުޅަ އެއްބައި މީހުންނަށް ވުރެ ގިނަ މީހުންނަކީ އަސާސީ ކާބޯތަކެތި ނުގަނެވޭ ވަރުގެ ބައެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އާބާދީގެ ބޮޑު ބައެއް ބަރޯސާވަމުން ދިޔަ ސަބްސިޑީތައް ސަރުކާރުން ވަނީ ކަނޑާލާފައެވެ.

އާޖެންޓީނާގެ ޔަހޫދީ ރައީސް ހާވިއާ މިލޭއީގެ "އިކޮނޮމިކް ޝޮކް ތެރަޕީ" ގެ ސަބަބުން އާންމުންނަށް އިންތިހާއަށް ތަދުމަޑުކަމާ ކުރިމަތިލާން ޖެހިފައި ވެއެވެ. ނޫސްތަކުގެ އެޑިޓޯރިއަލްތަކުގައި ސަރުކާރަށް ގޮވަމުން ދަނީ އާންމުންނަށް ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުމަށެވެ.