އިންޑިއާއިން ނިންމާފައި ވަނީ ލެޓިން އެމެރިކާއާއި ކެރީބިއަން އަދި އޭޝިއާއާއި އެފްރިކާގެ ފަގީރު ގައުމުތަކަށް ކޮވިޑް19ގެ ވެކްކސިން ހިލޭ ފޯރުކޮށްދިނުމަށެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނާ ގޮތުން އެގައުމުން މިހާރުވެސް ވަނީ 49 ގައުމަކަށް ވެކްސިން ފޯރުކޮށްދީފައެވެ. ވެކްސިން ޕްރެންޑްޝިޕް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 22.9 މިލިއަން ވެކްސިން ޑޯޒް އިންޑިއާއިން ވަނީ މި ގައުމުތަކަށް ފޮނުވާފައެވެ.

މީގެ އިތުރުން ސުލްޙަ ބަލަހައްޓާ އދގެ ލަޝްކަރުގެ މީހުންނަށް ދެ ލައްކަ ޑޯޒް ވެކްސިން ދިނުމަށްވެސް އިންޑިއާއިން ވަނީ ނިންމާފައެވެ.

ވޯލްސްޓްރީޓް ޖަރނަލްގައި އެރިކް ބަލްމަން، އިންޑިއާގެ ވެކްސިން ޑިޕްލޮމެސީ ޕްރޮގްރާމާ ބެހޭ ގޮތުން ބުނެފައި ވަނީ މިފަދައިންނެވެ.

"ދުނިޔޭގެ ވެކްސިން ރޭހުގައި އެންމެ އާދަޔާ ޚިލާފް ލީޑަރަކަށް ފެނިފައި މި ވަނީ އިންޑިއާއެވެ. އަމިއްލަ ރައްޔިތުންނަށް ދިން ވެކްސިންއަށް ވުރެން ތިން ގުނަ ގިނައިން އިންޑިއާއިން ވަނީ އެގެން ގައުމުތަކަށް ވެކްސިން ހަދިޔާކޮށްފައެވެ."

ނިއުޔޯރކް ޓައިމްސްއިން ބުނެފައި ވަނީ އެވަރުގެ ދެވަނައެއް ނެތް ވެކްސިން އުފައްދާ އިންޑިއާއިން ވަނީ އަވަށްޓެރިންނަށް މިލިއަނުން ވެކްސިންގެ ޑޯޒްތައް ދީފައެވެ.

ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި އިންޑިއާއިން ވެދިން އެހީތެރިކަން ހަނދާނަށް ގެންނަވަމުން، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވިދާޅުފެވައި ވަނީ، މި ވަބާގެ ތެރޭގައިވެސް އިންޑިއާ އައިސްފައިވަނީ ވެކްސިންގެ ހަދިޔާއާއެކުގައެވެ.

އިންޑިއާގެ ކުންފުނިތަކުން ބުނެފައިވަނީ އެތައް ބިލިއަން ވެކްސިން ޑޯޒެއް މިއަހަރުގެ ތެރޭގައި އުފައްދާނެ ކަމަށެވެ. ދުނިޔޭގައި އުފައްދާ ވެކްސިންގެ 60 ޕަސެންޓް އުފައްދަނީ އިންޑިއާއިން ނެވެ.

ކޮވިޑް ވެކްސިންގެ އިތުރުން ބީސީޖީއާއި ޑީޕީޓީއާއި ހިމަބިހީގެ ވެކްސިންވެސް އެންމެ ގިނައިން އުފައްދަނީ އިންޑިއާއިންނެވެ.