މާދަރީ ބަހުގެ ދުވަހާ ގުޅުވައިގެން، ލ. ގަމު މުކުރިމަގު ސުކޫލުގެ ދަރިވަރުން ފޮތްކިޔަން ތިބޭނެ ހިތްގާއިމު މާޙައުލެއް (ރީޑިން ޕާކް) އެ އެސްކޫލް ގޯތިތެރޭގައި ގާއިމްކޮށްފިއެވެ. "ޢިލްމީ ހިޔާ" ނަމުގައި ގާއިމްކުރި މިތަނުގެ ބޭނުމަކީ އެސުކޫލުގެ ދަރިވަރުންގެ މެދުގައި ފޮތްކިޔުމުގެ އާދަ އަށަގެންނެވުމެވެ.

މިއީ އެ ސުކޫލުގައި ލައިބުރަރީއެއް ނެތުމުން ކުދިން ފޮތްކިޔާނެ މާޙައުލެއް ސުކޫލުގެ ތެރެއިން ހޯދައިދިނުމަށް އެ ސްކޫލުގެ ޕްރިންސިޕަލް އަބުދުﷲ ޝަރީފުގެ ދުރުވިސްނެވުމާ އެއްގޮތަށް ފެށި ކަމެކެވެ.

މުކުރިމަގު ސްކޫލުގެ ރީޑިން ޕާކް: ފޮޓޯ ފޭސްބުކް ޕޭޖް

މި މަސައްކަތަކީ 2020 ވަނަ އަހަރު ކުރަން ފެށި މަސައްކަތެކެވެ. ނަމަވެސް ދުނިޔެއަށް މި ކުރިމަތިވި ބަލިމަޑުކަމުގެ ސަބަބުން މަސައްކަތް ބޭނުންވި ހަލުވިމިނުގައި ނުދިޔައީކަމަށް ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ. މުކުރިމަގު ސްކޫލުގެ ޢިލްމީ ހިޔާ ގާއިމު ކޮށްފައި މިވަނީ އެ ސްކޫލުގެ ގޯތިތެރޭގައި ހުރި ހިޔާލިބޭ ގަސްތަކުގެ ދަށުރުގަ އެވެ. މިތަން ވަކިކޮށްފައިވަނީ ތިރި ފާރު ރާނައިގެންނެވެ. މި ހިޔާ ހިމެނޭ ސަރަހައްދުގައި ވަނީ ބުރުތަކެއް ވެސް ހަދައިފައެވެ. އަދި ކުދިންނަށް އިށީނދެގެން ތިބެވޭނޭ ގޮތަށް ގޮނޑިތައް ވެސް ވަނީ މާހައުލާ ގުޅޭނޭހެން ތައްޔާރުކޮށްފައެވެ. ހިތްފަސޭހަ މައިޒާނެއްފަދަ މި މާހައުލުގައި ވަނީ ކާޕެޓް ގްރާސްވެސް އިންދާފައެވެ. މުކުރިމަގު ސްކޫލުގެ އެސެންބުލީ ބާއްވާ ސަރަޙައްދަކީ ވެސް މިހާރު މިއީއެވެ.

މުކުރިމަގު ސްކޫލުގެ ރީޑިން ޕާކް: ފޮޓޯ ފޭސްބުކް ޕޭޖް

ޢިލްމީހިޔާ ތައްޔާރުކުރުމުގައި ގަމުގެ މަސްވެރިންގެ ޖަމިއްޔާގެ ވަރަށް ބޮޑު އެހީތެރިކަން ލިބުނުކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. މީގެ އިތުރަށް މުކުރިމަގު ސުކޫލުގެ ބެލެނިވެރިންގެ ޖަމިއްޔާއާއި ސްކޫލުގެ މުއައްޒަފުންގެ މަސައްކަތުން ދަރިވަރުންނަށް މި ގާއިމު ކޮށްދެވީ ވަރަށް ފުރިހަމަ މައިޒާނެކެވެ. މި ކަމުގައި މުކުރިމަގު ސްކޫލުގެ ފިރިހެން ބެލެނިވެރިންގެ އެއްބާރުލުން ވަރަށްބޮޑަށް ލިބިފައިވާ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ދެން އޮތީ މިތަނަށް ބޭނުންވާނެ ފޮތްތައް ހޯދުމެވެ. އެކަން ވެސް އެ ސުކޫލުން ކުރާނެކަން ޔަޤީނެވެ. ސުކޫލަށް ހެޔޮ އެދޭ ފަރާތްތަކާއި ޕީޓީއޭގެ އެހީގައި މުކުރިމަގު ސުކޫލުގެ ދަރިވަރުންނަށް ޢިލްމީ ހިޔާގެ ފައިދާކުރާނެކަން ކަށަވަރެވެ.