ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ތަރައްގީކުރަން ފެށްޓެވި މާލެސިޓީގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީގޮތުން މިއަދު އެމަނިކުފާނު ހުޅުވައިދެއްވައިފިއެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އެ މިސްކިތުގައެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެއަކީ މީގެ ކުރިން، ޖާގައިގެ ގޮތުން ދަތި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަންހެނުންނަށާއި އަދި އާސަހަރާއަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެ އެކަށީގެންވާ ޖާގަ ނެތްތާ ގިނަ އަހަރުތަކެއް ވެފައިވާ ތަނެކެވެ.

އާސަހަރާ މިސްކިތަށް ޒަމާނީ ބަދަލުތަކެއް ގެނަސް އަލުން ތަރައްގީކޮށްފައި މިވަނީ ދެފަންގިފިލާއަށް ވާގޮތަށެވެ. ދެ ފަންގިފިލާވެސް އޭސީކޮށްފައިވާއިރު މީހުން މަޑުކޮށްގެން ތިބޭ ސަރަޙައްދު ނުވަތަ 'ވެއިޓިން އޭރިޔާ'ވެސް ވަނީ އޭސީކޮށްފައެވެ. އަދި ހިނަވާގޭގައިވެސް ވަނީ، ޖާގަ ތަނަވަސް، ހިނެވުމަށް ހާއްސަ ތިން ތަނެއް ތަރައްގީކޮށްފައެވެ.

މީގެއިތުރުން ސިޑިން މައްޗަށް އަރަންދަތި ފަރާތްތަކުން ނަމާދުކުރަން ހާއްސަ ޖާގަ ތިރީ ފަންގިފިލާގައި ހަމަޖައްސައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ކުދީންނަށް ވަކި ހާއްސަ ފާހާނާއާއި، ދެ ޖިންސުގެ އާންމުންނަށް ވަކި ފާހާނާވެސް މިފަހަރު ތަރައްގީކޮށްފައިވެއެވެ. އަދި މިސްކިތާއި ހިނަވާގޭގެ ސަރަޙައްދުން ބޭރުގައި މަޑުކޮށްލައިގެން ތިބޭއިރު އިށީނދެ ތިބެވޭ ގޮތަށް ގޮނޑިޖަހައި، ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި، ސަހަރާއަށް ވަންނަ މަގުގެ ޖާގަވެސް ތަނަވަސްކޮށް، މިސްކިތަށް އަންނަ މީހުންގެ ސައިކަލު ޕާކު ކުރާނެ ޕާކިންގ ޒޯން ހަދައި، ޖަމާޢަތްތެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ކޮޓަރި ފަދަ ތަނުގެ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ.

މިސްކިތާއި ހިނަވާގެ ހުޅުއްވައިދެއްވުމަށްފަހު، މިއަދު އެ މިސްކިތުގައި އޮތް ހުކުރު ނަމާދުގައި ރައީސް ބައިވެރިވެވަޑައިގަތެވެ. އަދި ހުކުރުނަމާދަށްފަހު އެމަނިކުފާނު ވަނީ އާސަހަރާ މިސްކިތުގެ އިތުރުން ހިނަވާގެއާއި މީހުން މަޑުކޮށްލައިގެން ތިބެން ހާއްސަކޮށްފައި އޮތް ސަރަހައްދަށްވެސް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވައިފައެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެ އިތުރަށް ތަރައްގީކުރުމުގެ މަސައްކަތަކީ މާލެ ސިޓީގެ މޭޔަރުކަމުގައި މީގެކުރީން ރައީސް ހުންނެވިއިރު އާސަހަރާގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ހިތްހަމަޖެހޭ ތަނަވަސް މާހައުލެއް ގާއިމުކޮށްދެއްވުމަށް އެމަނިކުފާނު ކުރެެއްވި ތަސައްވުރާއި އެއްގޮތަށް ފެށްޓެވި މުހިންމު މަސައްކަތެކެވެ.