އެންމެ މުހިންމު ކަމަކަށް ވާންވާނީ ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު އީރާނަށް ލިބި ނުދިނުން ކަމަށާއި އިޒްރޭލަށް އެންމެ ރަގަޅު ވާނީ އީރާނަށް ހަމަލަ ދިނުން ކަމަށް އެމެރިކާގެ ރިއާސީ ކެންޑިޑޭޓް ޓްރަމްޕް ބުނެއެވެ.
އީރާނަށް ޙަމަލަ ދިނުމަކީ އެމެރިކާގެ ސިޔާސީ ފަންތިއާއި އިޒްރޭލުގެ ސިޔާސީ ފަންތިން ކުރަން ބޭނުންވާ ކަމެކެވެ. އީރާނުން ބުނެފައި ވަނީ އިޒްރޭލުން ހާމަލައެއް ދީފިނަމަ އީރާނުން ދޭ އަދަބު ހަރުކަށި ވާނެ ކަމަށެވެ. އެމެރިކާއަށް އީރާނުގެ ބަސްމަގާއި އީރާނުގެ ސީރިއަސް ކަން މިހާރު ސާފެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް އިއްޔެ ނަތަންޔާހޫއަށް ތުހުމަތު ކުރައްވައި ވިދާޅުވީ، ޒަޔަނިސްޓު ލީޑަރު މަސްރަހު ފިނި ނުކޮށްގެން އުޅެނީ އެމރިކާގެ އިންތިޚާބަށް ނުފޯރުވުމަށް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވިދާޅުވީ ނަތަންޔާހޫ ހަދަން އުޅޭ އެއްޗެއް ސާފު ނުވާކަމަށާއި އޭނާގެ ޕާޓީގެ ކެންޑިޑޭޓަށް ގެއްލުން ވާގޮތަކަށް ނަތަންޔާހޫ ކަން ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ބައިޑަންގެ އަމިއްލަ ރެކޯޑާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ފެށުނީއްސުރެން އޭނާ (ޒަޔަނިސްޓުންގެ ޓެރަރިސްޓް) ޢަމަލުތަކަށް ވާގިވެރިވެފައި ވާނެ ކަމަށެވެ.
ޓްރަމްޕް ބުނެފައި ވަނީ ލޯ މަރާލާފައި އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލަ ދިނުމެވެ. އަދި ނަތީޖާއާ މެދު ވިސްނަންވީ އޭގެ ފަހުން ކަމަށެވެ.
އެމެރިކާއަކީ މެދުއިރުމަތީގެ ހަނުޖެހުމަށް 70 އަހަރު ވަންދެން ތެޔޮޖަހައި ހުޅު ރޯކުރާ އަދި ޤަތުލުއާންމަށް ވާގިވެރިވާ ހުރިހައި ހަތިޔާރެއް ސަޕްލައި ކުރާ ޤައުމެވެ. އީރާނުގެ އާޔަތުﷲ ޚޮމައިނީ އެމެރިކާ ސިފަ ކުރައްވަނީ މިއުޑުދަށުގައި ބޮޑު ޝައިޠާންގެ ގޮތުގައެވެ.