ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުން ބުދަ ދުވަހު އޮންނާނެ ކަމަށާއި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު، މަޖިލީހުގެ ހުރިހާ މެންބަރުންވެސް މަޑުމައިތިރިކަމާއެކު ތިއްބެވުމަށް އެދިވަޑައިގެންފައެވެ. އަދި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު، އެ ޖަވާބަށް ވަގުތުން ރައްދު ނުދެއްވުމަށްވެސް މަޖިލީހުގެ ރައީސް އެދިވަޑައިގަތެވެ.

"އަޅުގަނޑު އިއްޒަތްތެރި މެންބަރުންނަށް ދަންނަވަން. ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު އަޅުގަނޑު އިޚްލާސްތެރިކަމާއެކު އެމްޑީޕީ މެންބަރުން ހަނު ތިއްބެވުމަށް އެދެން. މަޑުމައިތިރިކަމާއި އެކު، އެދޭ ޖަވާބު ދެއްވާއިރު ވަގުތުން ތިބޭފުޅުން ޖަވާބުު ދެއްވުން މަޖިލީހުގެ ޤަވާއިދުގައި ވަގުތުން ނުވެސްނެތް. ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވިއިރުވެސް ބައެއް ޕީޕީއެމް މެންބަރުންވެސް ޖަވާބު ދެއްވަމުން ގެންދެވި. އެވެސް މަޖިލީހުގެ ޤަވާއިދުގައި ނެތް." ނަޝީދު ވިދާޅުވިއެވެ.

މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.