މުޖުތަމަޢުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީގެން ސިޔާސަތުތައް ބައްޓަންކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗް.އާރް.ސީ.އެމުން ގޮވާލައްވައިފިއެވެ.

އެޗްއާރްސީއެމުން މިހެން ގޮވާލީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚާއްސަ ބަޔާނެއްގައެވެ. މިއަހަރުގެ ދޮށީ އުމުރުގެ މީހުންގެ ދުވަހުގެ ޝީޢާރަކީ "ޕެންޑަމިކްސް: އާލަމީ ވަބާ ގެ ސަބަބުން، އުމުރުން ދުވަސްވުމާއި، ދޮށީ އުމުރުގެ މީހުންނާއި މެދު އަމަލު ކުރެވޭގޮތް ބަދަލުވޭތަ؟" އެވެ.

މި ޝިޢާރުގެ މައިގަނޑު މަޤްސަދަކީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19 ގެ ބަލި މަޑުކަމުގައި ދޮށީ އުމުރުގެ މީހުންނަށް ކުރިމަތިވެފައިވާ ޞިއްޙީ ނުރައްކާތެރިކަމާއި، ތަޙައްމަލު ކުރަންޖެހިފައިވާ ތަފާތު ދަތިތަކަށް ހޭލުންތެރިކުރުވައި، ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރި މާހައުލެއް ހޯދައި ދިނުމާއި އަދި ކުރިއަށް އޮތްތާގައި ވެސް ކުރިމަތިވެދާނެ މިފަދަ ޞިއްޙީ ކާރިސާތަކުގެ ސަބަބުން ދޮށީއުމުރުގެ މީހުންނަށް ދިމާވެދާނެ ގޮންޖެހުންތަކުން ރައްކާތެރިކުރުމަށްޓަކައި ތައްޔާރުވެ ތިބުމަށް ބާރުއެޅުމެވެ.

ދޮށީއުމުރުގެ މީހުންގެ ޙައްޤުތަކާ ގުޅޭގޮތުން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ މައްސަލަތަކަށް ބަލާއިރު، އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި އޯގާތެރިކަން ނުލިބުމާއި، ދޮށީ އުމުރުގެ މީހުންނާ މެދު އިހުމާލުވުމާއި، މުޖުތަމަޢުގައި ދޮށީއުމުރުގެ މީހުންނަށް އިޙްތިރާމާއި ރައްކާތެރިކަން ނުލިބުމުގެ މައްސަލަތައް ހިމެނޭކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

އެޗް.އާރް.ސީ.އެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް 19 ފަދަ ހާލަތެއްގައި ދޮށީއުމުރުގެ މީހުންގެ އެކަނިވެރިކަމާއި، އެހެން މީހުންގެ ފަރާތުން ލިބޭ އަޅާލުމާއި އެކުގައި ހޭދަކުރެވޭ ވަގުތު މަޑުމަޑުން މަދުވަމުން، ހިނދެމުން ނެތިގެންދާކަމުގެ ފިކުރާއި އިޙްސާސްތައް ކުރެވޭ މިންވަރު އިތުރުވެގެން ދާނެކަމީ، ހަމަ ކޮންމެ މީހަކުވެސް ވިސްނަން ޖެހޭ ކަމެއްކަމަށެވެ.

ކޯވިޑް19 ގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުން ކަމަށްވީ ހިނދު، އެފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ އަހައްމިޔަތު ކަމެއްދީ، ކަމާ ގުޅުންހުރި އިދާރާތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، އެމަރުކަޒުގެ ވަސީލަތްތައް ފުޅާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް އެ ކޮމިޝަނުން ގޮވާލައްވާފައި ވެއެވެ.

އެޗްއާރްސީއެމުން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދޮށީ އުމުރުގެ މީހުން ތިބޭ މަރުކަޒުގެ ޙާލަތާއި ވަސީލަތުގެ ގިނަ ދަތިތަކެއް ހުރިކަމަށާ އެ މަރުކަޒުގައި ބަލިމީހުނަށް ޚިދުމަތްދޭން ތިބި ކެއާ ވޯކަރުން މަދުވުމުގެ ސަބަބުން އެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށެވެ.

އަދި މިކަންކަން ހައްލުކޮށްދިނުމަށް ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވީނަމަވެސް މި ހުށަހެޅުންތައް ތަންފީޒުވެފައި ނުވާކަމީ ކޮމިޝަންގެ ނުހަނު ބޮޑު ކަންބޮޑުވާ ކަމެއްކަމަށްވެސް އެޗްއާރްސީއެމުން ބުނެއެވެ.

ދޮށީ އުމުރުގެ މީހުން ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތަކާ އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި މެދު މުޖުތަމަޢު ހޭލުންތެރި ކުރުމަށް މީޑިއާތަކުން ކުރަމުންދާ މަސައްކަތް މިހާރަށް ވުރެ އިތުރުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗް.އާރް.ސީ.އެމްގެ ބަޔާނުގައި ޢާއިލާ އާއި މުޖްތަމަޢުގެ ފަރާތުން ދޮށީ އުމުރުގެ މީހުންނަށްދޭ ލޯތްބާއި އަޅާލުން އިތުރުކޮށް، އެފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އިހުނަށްވުރެ ބޮޑަށް މަސައްކަތްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.