އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ލާލް ބަހާދުރް ޝާސްތްރީ އަވަހާރަވީ 1966 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާ އަވަހާރަވީމާ ކޮންގްރެސް ޕާޓީން ބޮޑު ވަޒީރުކަން ދިނީ މިސިޒް އިންދިރާ ގާނދީ އަށެވެ. އެކަމަކު އެ ދުވަސްވަރު މޮރާޖީ ދެސާއީ ވެސް ގެންދެވީ ބޮޑު ވަޒީރުކަން ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ. 1967 ވަނަ އަހަރުގެ އިންތިޚާބަށް ފަހު މޮރާޖީ ދެސާއީ ވެވަޑައިގަތީ އިންޑިއާގެ ބޮޑު ވަޒީރުގެ ނާއިބަކަށެވެ.

އެހެން ނަމަވެސް މޮރާޖީ ދެސާއީ ދެކެވަޑައިގަތީ ބޮޑު ވަޒީރުގެ ނާއިބުކަމުގެ މަޤާމަކީ އޭނާ އަދާ ކުރައްވާ ވަރަށްވުރެ މާ ދެރަ މަޤާމެއް ކަމުގައެވެ. ވުމާއެކު ބޮޑުވަޒީރުކަން ހޯއްދަވަން ކުރައްވާ މަސައްކަތްޕުޅު ހުއްޓަވާނުލައްވައި ކުރިއަށް ގެންދެވީއެވެ. ކުރީގެ އިންފޮމޭޝަން މިނިސްޓަރ އިންދަރް ކުމާރު ގުޖުރާލް ލިޔުއްވާފައިވާ ގޮތުގައި އިންދިރާ ގާނދީ ފޮނުއްވައިގެން މޮރާޖީ ދެސާއީ އަރިހަށް ވަޑައިގަތީ އޭނާ އެވެ. އޭނާ ވަޑައިގެން ދެންނެވީ އިތުރު ޢިއްޒަތާއި، އިމްތިޔާޒުތަކާ އެކު މޮރާޖީ ދެސާއީ އިންޑިއާގެ ރައީސް ކަމަށް ގެންނަވަން ގަސްތު ކުރައްވާ ކަމަށް އިންދިރާ ގާނދީ ވިދާޅުވި ވާހަކަ އެވެ. އޭނާ މި ވާހަކަ ދެންނެވުމާއެކު މޮރާޖީ ދެސާއީ ވިދާޅުވި ކަމަށް ގުޖުރާލް ވިދާޅު ވިއެވެ. “ޚުދު އެކަމަނާ ތިޔަ މަޤާމާ ޙަވާލުވެ ވަޑައިގަންނަވަންވީ ނޫންތޯއެވެ؟”

?Why not she herself

މާނައަކީ އިންދިރާ ގާނދީ ރައީސަކަށް ވެވަޑައިގެންފައި، މޮރާޖީ ދެސާއީ އާ ބޮޑުވަޒީރުކަން ޙަވާލު ކުރައްވަން ވީއެވެ. އެ ޙާދިސާއަށް ފަހު އޭނާ ކޮންގްރެސް އިން ވަކިވެވަޑައިގަތީ އެވެ. ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގައި މުޅި ޤައުމު އެފުށް މިފުށަށް ޖައްސަވައިލެއްވި އެވެ. 1977 ވަނަ އަހަރުގެ އިންތިޚާބުގައި ޖަންތާ ޕާޓީއަށް ލިބުނު ކާމިޔާބީ އާއެކު އޭނާ ކުޑަ ދުވަސްކޮޅަކަށް އިންޑިއާގެ ބޮޑުވަޒީރަކަށް ވެވަޑައިގަތެވެ. އެހެން ނަމަވެސް އެއަށްފަހު ނެގި ސިޔާސީ ރާޅުތަކެއްގެ ސަބަބުން އޭނާއަކަށް އިސްތަށިފުޅު ހިއްލައިލެއްވޭ ވަރެއްވެސް ނުވިއެވެ.

މޮރާޖީ ދެސާއީގެ ސިޔާސީ ނާކާމިޔާބީގެ ޙަޤީޤީ ސަބަބަކީ ކުރެއްވެން އޮތް ކަމެއް ދޫކޮށްލައްވާފައި ކުރެއްވެން ނެތް ކަމެއް ކުރައްވާން މަސައްކަތްޕުޅު ކުރެއްވުމެވެ. އެ ވަގުތު ޙާލަތު ނިޔާ ކުރާ ގޮތުން އޭނާއަށް އެންމެ އެކަށީގެންވާ މަޤާމަކީ ރައީސްކަން ކަމާއި، ބޮޑުވަޒީރުކަން ނޫންކަން ޤަބޫލުފުޅު ކުރައްވައި އެ މަޤާމާ ޙަވާލުވެ ވަޑައިގަތް ނަމަ ފަހުން ކުރިމަތިލައްވަން ޖެހިވަޑައިގަތް ލަދުވެތި ޙާލަތާ ކުރިމަތިލައްވާކަށް ޖެހިވަޑައެއް ނުގަތީހެވެ. އެކަމަކު ކުރެއްވެން ނެތް ކަމެއްގެ ފަހަތުން ދުވެވަޑައިގަތުމުގެ ނަތީޖާ އަކަށްވީ، ކުރެއްވެން އޮތް ކަންތައްތަކުންވެސް މަޙްރޫމްވެ ވަޑައިގަތުމެވެ.

ކުރެވެން ނެތް ކަމެއްގެ ފަހަތުން ދުވަން ފަށައިފި ނަމަ، ކުރެވެން އޮންނަ ކަމަކުންވެސް މަޙްރޫމްވާ ގޮތް ދިމާވެއެވެ. ކުރެވެން އޮންނަ ކަމަކަށް ރުހިގެން ހުންނަ މީހާ އަށް އެންމެ ފަހުން ކުރެވެން ނޯންނަ ކަމެއްގެ ގޮތުގައި އޮތް ކަންތައްވެސް ކުރެވޭ ގޮތް ދިމާވެ އެވެ.