1980 ގެ އަހަރުތަކުގައި އަޙުމަދު މާލެ ކިޔަވަން އައި އިރު މާލޭމީހުން ވާހަކަދައްކާ ބަހުރުވައިން އެއްވެސް އެއްޗެއް ބުނާކަން ނޭނގެއެވެ. އުމުރުން ދިހަ އަހުރުގެ އަހުމަދަކީ ލ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ކިޔަވަން ފޭބީ މާލޭ ރައްޔަތެއްގެ ގެއަށެވެ. އޭރު އެގޭގައި 6 އަހަރުގެ ފިރިހެން ކުއްޖަކާއި 4 އަހަރުގެ އަންހެން ކުއްޖެއް ހުރެއެވެ.

އަހުމަދު ކިޔަވަން ހުރިގޭގެ ދެބެންނަކީ ވަރަށް ގިނައިން ތޮޅޭ ދެކުދިންނެވެ. އެއްދުވަހަކު މި ދެކުދިން އާދައިގެ މަތިން ތޮޅެން ފަށައިފިއެވެ. އޭރު މި ދެކުދިންގެ އިތުރު މީހަކަށް ގޭގައި އުޅެނީ އަހުމަދެވެ. ދެކުދިންގެ މަންމަވީ ޖެހިގެން ހުރި ގެއަށް ދުންގަނޑެއް ބޯލަން ގޮހެވެ. ދެކުދިން ތޮޅެމުންގޮސް ހަގަށްހުރި އަންހެންކުއްޖާ ރޯންފަށައިފިއެވެ. އަހުމަދު ކަންބޮޑުވެގެން ޖެހިގެން ހުރި ގެއަށް ހިނގައްޖެއެވެ. އޭރު ދެކުދިންގެ މަންމަ އިނީ ދުންގަނޑެއް ވަރުކޮށްލައިގެން އޮލަ ވާހަކައިގައެވެ.

އަހުމަދު ވަރަށް ކަންބޮޑުވެ ހުރެ ޒައީމާ އެބަ ގޮވައޭ ބުންޏެވެ. މިހެން ބުނުމުން ދެކުދިންގެ މަންމަ ސުވާލުކޮށްފިއެވެ. ގޮވަނީ ކީއްކުރަން ހެއްޔެވެ؟ ކޯޗެއް ބޭނުންވެގެން ހެއްޔެވެ؟ އަހުމަދަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން އަނެއްކާވެސް ދެކުދިންގެ ހާލު ބަލަން ގެއަށް ހިނގައްޖެއެވެ. މި ގޮތަށް ދެގެދޭތެރޭ ޚަބަރު ހިފައިގެން ހިނގަހިނގާ ހުއްޓާ ޒައީމާ ރޮއިރޮއި ހިނދިއްޖެއެވެ. އެންމެ ފަހުން އަހުމަދަށް ރޮވިގެން ދެކުދިންގެ މަންމަ ގާތު ޒައީމާ ގޮވާ ގޮވާ ހިނދިއްޖޭ ބުނުމުން އެ މަންމަ ދުވެފައި ގެއަށް އައެވެ. އަދި ދަރިފުޅު އޮތްގޮތް ފެނިފައި އަހުމަދާއި ދިމާއަށް ހަޅޭލަވައިގަތެވެ. މިވަރު ވީރުވެސް މި ކުއްޖާ ރޮނީއޭ ނުބުނީ ކީއްވެ ހެއްޔެވެ؟ އަހުމަދު އިސްޖަހަލައިގެން އެއްޗެއް ނުބުނެ ހަނު ހުއްޓެވެ. އެކަމު ހިތާހިތާ ބުނަމުން ގެންދިޔައެވެ. މިއޮތް ހާއިރުވަންދެން މި ބުނީ އެ ހެނެވެ. ނަމަވެސް އަހުމަދަށް ރޮނީ އޭ ބުނަނަން ނޭނގުމުން ކުދިންގެ މަންމަ ވަށިވަށިން ދިން އިރުވެސް ހަނު ހުރީއެވެ.