ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ދޫކޮށްލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބެއްލެވުގެ ދަށަށް އޭނާ ގެންދެވީ އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފަށް މިއަދު އެއްވުމެއް ބޭއްވުމުންނެވެ. އެ އެއްވުން ބާއްވައިފައިވަނީ އޭނާގެ ލީޑަރޝިޕްގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުންގެ ބެއްލެވުމުގެ ދަށަށް އޭނާ ގެންދެވީ އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި އެއްވުން ރޫޅާލެއްވުމުގެ ބޭނުމުގައި ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

"ފުލުހުންގެ ބެލުމުގެ ދަށަށް ޢަބްދުއްރަޙީމް ޢަބްދުﷲ ގެނައުމަށްފަހު މައުލޫމާތު ސާފު ކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި،" ފުލުހުން ވިދާޅުވިއެވެ. އޭނާ ގެންގޮސް މަޢުލޫމާތު ސާފު ކޮށްފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ.

ހަޑިހުތުރު ބަސް ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ދަޢުވާ ކޮށް ޝަރީޢަތް ވެސް ފަށައިފައެވެ. އެ ޝަރީޢަތުގެ ފުރަތަމަ އަޑު އެހުން ބާއްވައިފައިވަނީ ޖަނަވަރީ މަހުގެ މެދުތެރޭގައެވެ.