މިއަދު ހަވީރު 6:00 ގެ ފަހުން އައްޑޫ ސިޓީން އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މި 7 މީހުންގެ ތެރެއިން 5 މީހުންނަކީ މީދޫން އިއްޔެ ފެނުނު އައު ކްލާސްޓަރ އާ ގުޅުންހުރި މީހުން ކަމަށެވެ. ދެން ތިބި ދެމީހުންގެ ތެރެއިން އެކަކީ އެމްޓީސީސީ ކްލާސްޓަރ އާ ގުޅުންހުރި މީހެކެވެ. ދެން ހުރީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.
މިއަދު ފެނުނު 7 މީހުންގެ ތެރެއިން 3 ކޭސް އަކީ ކުޑަ ކުދިންނެވެ. ކަމާބެހޭ ފަރާތްތަކުން ގެންދަނީ އެމީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ. މިއަދު ހަވީރު 6:00 ގެ ކުރިން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެފައިވަނީ އިތުރު 3 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. ބަލި ފަސޭހަވެފައިވަނީ ހިތަދޫން ދެ މީހަކާއި ފޭދޫ މީހެކެވެ.
އެ ތިން މީހުންނާއެކު އައްޑޫއިން ބަލި ފަސޭހަވި މީހުންގެ ޖުމްލައަކީ 29 އެވެ. މިއަދު އަލަށް ޕޮޒިޓިވްވި 7 މީހުންނާއެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 47 އެވެ. މީގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލުގައެވެ. އައްޑޫއިން މިއަދުވަނީ ޖުމްލަ 257 ސާމްޕަލް ނަގައިފައެވެ.
އައްޑޫއިން މިހާރު ވެސް ގެންދަވަނީ ރެންޑަމް ސާމްޕަލްތައް ނަގައި ޓެސްޓް ކުރަމުންނެވެ. މިބަލިން ސަލާމަތްވުމަށްޓަކައި އެޗުޕީއޭއިން ވަނީ އައްޑޫގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ.