ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން، ފާއިތުވި 24 އިރުތެރޭގައި 155 މީހުން އެ ބަލިން ފަސޭހަވެއްޖެއެވެ.

މި މީހުންނަށް ﷲ ޝިފާ ދެއްވުމުން މި ބަލިޖެހުނު މީހުންގެ ތެރެއިން ބަލި ފަސޭހަވީ މީހުންގެ ޖުމްލަ ވަނީ 16351 އަށް އަރައިފައި ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

މި ބައްޔަށް ރާއްޖެއިން މިވަގުތު ފަރުވާ ހޯދަމުން ގެންދާ މީހުންގެ ޢަދަދަކީ 2512 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ މީހުންގެ ޢަދަދަކީ 162 މީހުންނެވެ. ދަރުމަވަންތް ހޮސްޕިޓަލުގެ އައީސީޔޫގައި ދެ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެކަށް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައެވެ. އަދި އަތޮޅުތަކުގެ ކޮވިޑް ފެސިލިޓީތަކުގައި 4 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ބަލިން 155 މީހުންނަށް ޝިފާ ލިބިފައިވާއިރު ފާއިތުވި 24 ގަޑިއިރުތެރޭގައި ރާއްޖެއިން ވަނީ އިތުރު 161 މީހުން ކިވިޑަށް ޕޮޒިޓިވްވެފައެވެ. މި ޢަދަދާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 18930 އަށް އަރައިފައި ކަމަށް އެޗުޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަލަށް ޕޮޒިޓިވްވި 161 މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 139 މީހެކެވެ. ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 4 މީހެކެވެ. ރިސޯޓުތަކުން ޕޮޒިޓިވްވެފައިވަނީ 17 މީހެކެވެ. ސަފާރީއަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 18930އަށް އަރައިފައެވެ.

އެޗުޕީއޭއިން ވިދާޅުވަނީ ބަލީގެ ނުރައްކާ އަދިވެސް ކުޑަނުވާ ކަމަށެވެ. އެހެން ކަމުން އެތަނުގެ ގައިޑުލައިނާ އެއްގޮތަށް އެންމެންވެސް ޢަމަލު ކުރުމަށްވަނީ ނަސޭހަތްތެރިވެފައެވެ.