ހާރޫން ޔަޙްޔާ
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އިންސާނަކު ދިރިދުނިޔޭގައި ހުންނަން ބޭނުން ވާ އެއްޗިއްސާ މެދު ކުޑަ އިރުކޮޅަކަށް ވިސްނާވަޑައިގެން ބައްލަވާށެވެ. އެ އެއްޗެހީގެ ތެރޭގައި ފެނާއި، އިރާއި، ވަޔާއި، ޖައްވާއި، ގަސްގަހާ ގެއްސާއި، ޖަނަވާރާ މި ނޫނަސް، އަޅުގަނޑުމެންގެ ހިތަށް ނުވެސް ގެނެވޭ ފަދަ އެއްޗިއްސާ އެކު، އެތައް އެއްޗެއް ހިމެނެ އެވެ. މި ހުރިހައި އެއްޗެއް އަޅުގަނޑުމެންގެ އެއްވެސް މަސައްކަތަކާ ނުލައި ލިބޭ ގޮތަށް ދުނިޔޭގައި ވަނީ ލައްވައިފަ އެވެ. މީގެ އިތުރަށް އަޅުގަނޑުމެން މި ހުރިހައި އެއްޗަކާއި ވަސީލަތަކަށް ތަޙްޤީޤީ ނަޒަރަކުން ބަލައިލީމާ އެނގޭ ގޮތުގައި މި ހުރިހައި ކަމެއް އޮންނަނީ އެއް ކަމެއް އަނެއް ކަމަކާ ވަރަށް ބޮޑަށް ގުޅިފައިކަން އެނގެ އެވެ. އަދި މި ހުރިހައި ކަމެއް ލައްވާފައި ވަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ މަތީގައިކަން ވެސް އެނގެ އެވެ. ދުނިޔޭގައި ލައްވާފައިވާ ދިރޭ ތަކެއްޗާއި، ގަސްގަހާ ގެއްސާއި، އުޑާއި، ކަނޑުތަކާއި މި ނޫނަސް މި ފަދަ ހުރިހައި އެއްޗެއް ހައްދަވައިފައި ވަނީ އިންސާނުންނަށް އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނޭ ފަދަ ގޮތަކަށެވެ.
އަޅުގަނޑުމެންގެ ސޯލާ ސިސްޓަމް (އިރުގެ ނިޒާމު) ގައި ދުނިޔެ ނޫން އެހެން ޕްލެނެޓްތައް ވެސް އެބަ ހުއްޓެވެ. އެހެންނަމަވެސް އިންސާނުން ދިރިއުޅޭން ކަމުދާ ކަހަލަ ޕްލެނެޓަކަށް އޮތީ ހަމައެކަނި މި ދުނިޔެއެވެ. ނުވަތަ ދިރުން ލައްވައިފައި ވަނީ ހަމައެކަނި މި ދުނިޔޭގައެވެ. ދުނިޔެ އާއި އިރާ ދެމެދު ހުންނަ ދުރުމިނާއި، ދުނިޔެ އިރުގެ ވަށައިގެން އެނބުރޭ ބާރު މިނާއި، ދުނިޔެ އޭގެ ދަނޑީގައި އެނބުރޭ ބާރު މިނާއި، ދުނިޔެ ދަތުރު ކުރާ މަގާއި، ދުނިޔޭގެ ދަނޑިއާ ހުންނަ ގުޅުމާއި، ދުނިޔޭގެ އޮނިގަނޑު އުފެދިފައިވާ ގޮތާއި، މި ނޫނަސް މި ފަދަ ސަބަބުތަކާ ހުރެ ދުނިޔޭގެ ހޫނު މިން ހުންނަނީ އަޅުގަނޑުމެންނަށް ދިރިއުޅެވޭ ފަދަ މިންވަރެއްގައި ހިފެހެއްޓިފަ އެވެ. މި ހޫނުކަން ދުނިޔޭގެ ހުރިހައި ދިމާއަކަށް، އެ ދިމާއަކަށް އެންމެ ބޮޑަށް ބޭނުންވާ މިންވަރަށް، ވަނީ ފެތުރިފަ އެވެ. ޖައްވުގެ އެކި ބައިތައް ހިފެހެއްޓިފައިވާ ގޮތާއި، ދުނިޔޭގެ ބޮޑު މިން ވެސް ވަނީ އެ ކަމަށް އެންމެ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓިފަ އެވެ. އިރުން އަޅުގަނޑުމެންނާ ހަމައަށް ފޯރާ އަލިކަމާއި، އަޅުގަނޑުމެން ބޮއި އުޅޭ ފެނާއި، އަޅުގަނޑުމެން ކާ އެއްޗިއްސަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަށިގަނޑަށް އެންމެ ރަނގަޅު އެއްޗިއްސެވެ.
ކުރުކޮށް ދަންނަވާ ނަމަ ދުނިޔޭގެ ކޮންމެ ކަމަކަށް ބެލި ކަމުގައި ވިޔަސް ދުނިޔެ ހައްދަވާފައި ވަނީ އިންސާނުންނަށްޓަކައިކަން ވަރަށް ރަނގަޅަށް އެނގެ އެވެ. ދުނިޔެ ހައްދަވާފައިވާ ޚާއްޞަ ގޮތް ފާހަގަ ކުރައްވަން ބޭނުންފުޅު ނަމަ އެހެން ޕްލެނެޓްތަކުގެ މައްޗަށް ތަޙްޤީޤީ ނަޒަރެއް ހިންގަވައިލެއްވުމުން ފުދޭނެ އެވެ. މިސާލަކަށް މާރސް ނަގަމާތޯއެވެ. މާރސްގެ ޖައްވު ކިލަނބު ވެފައި ވަނީ ކާރބަން ޑައިއޮކްސައިޑް ވަރަށް ބޮޑަށް އެކުލެވޭ ވިހަ ގޭހުންނެވެ. އެ ޕްލެނެޓްގައި ފެނެއް ނުހުރެ އެވެ. މިޞަފްޙާގައި އެވާ މާރސް ގެ ފޮޓޯއަށް ބައްލަވައި ލައްވާށެވެ. ފެނިވަޑައިގަނނަވާނީ ގިނިހިލަ ފަދަ އެއްޗެހި ޖެހިގެން އުފެދިފައިވާ ވަޅު ވަޅުގަނޑާއި، ހަލާކު ވެފައިވާ ތަންތަނެވެ. މޫސުމަށް ބަލާ އިރު ބާރުގަދަ ޠޫފާނާއި، ވެލީގެ ޠޫފާން ފަދަ ޠޫފާންތައް އެތައް މަހެއް ވާންދެން މެދުނުކެނޑި އާދެ އެވެ. ހޫނުމިން ހުންނަނީ 53 ޑިގްރީ ސެލްސިއަސް (64 ޑިގްރީ ފެރެންހެއިޓް) ގައެވެ. މާރސް އަކީ ދުނިޔެއާ އެންމެ ގާތްކަން ބޮޑު ސިފަތައް ލިބިފައިވާ ޕްލެނެޓެވެ. އެކަމަކު މި ދެންނެވުނު ކަންތައްތަކަށް ބަލާ އިރު އެއީ ދިރުމެއް ނެތް މަރުވެފައިވާ ޕްލެނެޓެއް ކަން ވަރަށް ރަނގަޅަށް އެނގެ އެވެ. އެ ޕްލެނެޓްގައި ދިރިއުޅުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. މި ދެ ޕްލެނެޓް (ދުނިޔެ އާއި މާރސް) ގެ ސިފަތައް އަޅައި ބަލައިލީމާ ދުނިޔެ އަކީ އަޅުގަނޑުމެންނަށް ދިރިއުޅެވޭ ވަރުގެ ތަނެއް ކަމުގައި ލައްވާފައި ވާ ކަމީ ރަޙްމަތެއްކަން އެނގެ އެވެ. މުޅި ކާއިނާތާއި، އެ ކާއިނާތުގައި ލައްވައިފައިވާ ތަރި ތަކާއި، ޕްލެނެޓް ތަކާއި، ފަރުބަދަ ތަކާއި، ކަނޑު ތައް ހެއްދެވީ ﷲ އެވެ. އަޅުގަނޑުމެންގެ މުޅި ދިރިއުޅުން ހޭދަ ކުރަން ޖެހެނީ މި ނިޢުމަތްތަކަށް ޝުކުރު ކުރުންމަތީގަ އެވެ. އަޅުގަނޑުމެން ދިންނަވާނޭ ފަރާތެއް ކަމުގައި، އަދި އަޅުގަނޑުމެންނަށް އެހީތެރިކަމެއް ދެއްވޭނޭ ފަރާތެއް ކަމުގައި ބަލަން ޖެހޭ ފަރާތަކީ ހަމައެކަނި ﷲ އެވެ. ޝުކުރު ކުރުން ޙައްޤު ފަރާތަކީ މި ހުރިހައި ކަމަކާއި، ތަކެއްޗެއް ހެއްދެވި ފަރާތެވެ.
މިކަން އަންގަވައި ދެއްވުމުގެ ގޮތުން ﷲ ވަޙީ ކުރައްވައިފައި ވެއެވެ. “أَفَمَن يَخْلُقُ كَمَن لاَّ يَخْلُقُ أَفَلا تَذَكَّرُونَ. وَإِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا إِنَّ اللّهَ لَغَفُورٌ رَّحِيمٌ”(“ފަހެ (އެންމެހާ ތަކެތި) ހައްދަވާ ކަލާނގެއާއި (އެއްޗެއް) ނަހަދާ ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟ ތިޔަބައިމީހުން اللَّهގެ نعمة ހިމަނައި، عددކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمةއެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.”) (سورة النحل 18-17)