އުމުރުން ސަތަރާ ވަރަކަށް އަހަރުގައި އަހަންނަށް ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެންނަނީ އަހަރެން މިސްކިތެއްގެ ތެރޭގައި އިށީނދެގެން އިންދާ ކުޑަ އަންހެން ކުއްޖަކު އައިސް އަހަންނާ ސުވާލެއް ކުރާތީއެވެ. އެ ކުއްޖާ ސުވާލު ކުރިއެވެ. [މީސްމީހުންނަށް އެކަކު އަނެކަކާ ވަކިވާން ޖެހެނީ ކީއް ވެގެން ހެއްޔެވެ؟] އެއީ އެ ކުއްޖާގެ ޒާތީ ސުވާލެކެވެ. އެކަމަކު އެ ސުވާލު އަހަންނަށް އަމާޒު ކުރެވުނީ ކީއްވެގެން ކަން އަހަންނަށް އެބަ އެނގެޔޭ އޭރުވެސް ހިތަށް އެރިއެވެ.
އަހަންނަކީ މީސްމީހުންނާ ނުވަތަ އެއްޗިއްސާ ވަރަށް ބޮޑަށް ދޯޅުވާން ތަގުދީރުގައި ލިޔެވިފައި އޮތް މީހަކީމެވެ.
ކުޑަ އިރުއްސުރެ އަހަރެންގެ ކިބައިން އެކަމުގެ އަސަރު ވަރަށް ފާޅުކޮށް ފެނެއެވެ. ޕްރީ ސްކޫލް ދުވަސްވަރު ބައެއް ކުދީން އިސްކޫލަށް ލާފައި މައިންބަފައިން އެނބުރި ދިޔައީމާ އެ ކުދީން ވަރަށް އަވަހަށް މާހައުލަށް ފެތި، ފަރިތަ ވެގަނެއެވެ. އަހަންނަކަށް އެހެންނެއް ނުވެއެވެ. އަހަރެންގެ ލޮލުން ކަރުނަ ފައިބާން ފަށާ ގޮތަކަށް ފަސޭހައިން ހުއްޓޭ ގޮތެއް ނުވެއެވެ. ބޮޑު ވަމުން އައި ވަރަކަށް އަހަރެންގެ ވަށައިގެން ހުންނަ ތަކެއްޗާވެސް ދޯޅުވުން ބޮޑު ވާން ފަށައިފިއެވެ. އެއްވަނަ ކުލާހުގައި އުޅުނު ދުވަސްވަރު އަހަންނަށް ގާތް ރަހުމަތްތެރިޔަކު ބޭނުން ވެއްޖެއެވެ. އުމުރުން ދުވަސްވަމުން ދިޔަ ވަރަކަށް ރަހުމަތްތެރިންނާ އޮންނަ ގުޅުންވެސް ބޮޑުވިއެވެ. ރަހުމަތްތެރިއަކާ ވަކިވާން ޖެހުނީމާ އަހަރެންގެ ހިތް ހަލާކު ވެއެވެ. މީހަކާވެސް އަދި އެއްޗަކާވެސް ދުރު ވެގަތުމަކީ އަހަންނަކަށް ކުރެވޭ ކަމެއް ނޫނެވެ. މީހަކަށް ވިޔަސް، ތަނަކަށް ވިޔަސް، ކަމަކަށް ވިޔަސް، ފޮޓޯއަކަށް ވިޔަސް، ހަނދާނަކަށް ވިޔަސް، ކަމެއްގެ ނަތީޖާއަކަށް ވިޔަސް، ކޮންމެ ކަމަކާވެސް އަހަރެން ދޯޅު ވަނީ ވަރަށް އަވަހަށް، ވަރަށް ބޮޑަށެވެ. އަހަރެން ބޭނުންވާ ގޮތަކަށް ނުވަތަ އަހަރެން އުއްމީދު ކޮށްގެން ހުރި ގޮތަކަށް ކަމެއް ނުވެއްޖެ ނަމަ އަހަރެންގެ ހިތް ކުދިކުދި ވެއެވެ. ހިތާމައަކީ އަހަންނަކަށް އާދައިގެ އިހުސާސެއް ނޫނެވެ. އެއީ ބޮޑު ތޫފާނެއް ވަރުގެ އިހުސާސެކެވެ. ހިތާމައެއްގެ ތެރެއަށް ވަދެވިއްޖެ ނަމަ ފަސޭހައިން ނުކުތުމަކީ އަހަންނަކަށް ފަސޭހަ ކަމެއް ނޫނެވެ. އަހަންނަކަށް ހަނދާން ނައްތައެއް ނުލެވެއެވެ. އަޅާ ރެނދެއް ނުއެއް ބެދެއެވެ. މިސާލަކީ މޭޒުގެ ދާރައިގައި ބަހައްޓާ ބިއްލޫރި ތަށްޓެއްގެ މިސާލެވެ. އެ ތަށި ބިން މައްޗަށް ވެއްޓި ފުނޑުފުނޑު ވުމަށް ފަހު ބިއްލޫރިކޮޅުތައް އަލަކުން އެކެއް ނުވެއެވެ.
މައްސަލައަކީ ބިއްލޫރި ތަށްޓެއް ނޫނެވެ. އަދި ތަށި ތެޅުމެއްވެސް ނޫނެވެ. މައްސަލައަކީ ތަޅައިގެންދާކަން އެނގޭ އިރުވެސް މޭޒުގެ ދާރައިގައި ތަށި ބަހައްޓާ ކަމެވެ. މީސްމީހުންނާ ދޯޅު ވެގެން ގޮސް، އަހަންނަށް އާދަ ވެފައި ހުންނަނީ އަހަންނާ ގުޅުން އޮންނަ މީސްމީހުން ލައްވައި އަހަރެންގެ ބޭނުންތައް ފުއްދުވާށެވެ. އަހަރެންގެ ހިތާމައާއި އުފާވެރިކަން އެ މީހުން ލައްވައި ކަނޑައަޅުވާށެވެ. އަހަރެންގެ ލިބިގަތުމާއި މަހުރޫމީ އާއި އަހަރެންގެ ލަޔާގަތާއި ނަފުސުގެ އަގަށް ދާންދެން އެމީހުން ލައްވައި ކަނޑައަޅުވާށެވެ. މޭޒުގެ ދާރައިގައި ބަހައްޓާ ތަށި ކޮންމެވެސް އިރަކުން ވެއްޓި ތެޅޭނެއެވެ. އަހަރެންގެ މި ބުނެވުނު ދޯޅުވުމުގެ ސަބަބުން ކޮންމެވެސް އިރަކުން ހިތާއަކާ ކުރިމަތިލާން އޮންނަނީ ޖެހިފައެވެ. ވެއްޓި ތެޅޭނޭ ސަބަބު މެދުވެރި ކުރަނީ އަހަރެން އަމިއްލަ އަށެވެ. ތަޖުރިބާއިން އަހަންނަށް އެނގުނީ ހިތާމައާ ކުރިމަތިލާން ޖެހޭ ކަމެވެ. އެއް ފަހަރު ފުނޑުފުނޑު ވެފައި އަނެއްކާވެސް ފުނޑުފުނޑު ވާން ޖެހޭ ކަމެވެ.
އަހަންނަށް ދެރައެއް ދޭ ކޮންމެ މީހަކު ނުވަތަ އަހަރެން [ފުނޑުފުނޑު ކޮށްލާ] ކޮންމެ މީހަކު ކުށްވެރި ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެން ހެދުން ވާނީ މޭޒުގެ ދާރައިގައި ބަހައްޓާ ބިއްލޫރި ތަށި ތެޅެނީ ބިމުގައި ހުންނަ ދަމާ ބާރަކުން ކަމަށް ބުނެ، އެ ބާރު ކުށްވެރި ކުރުން ކަހަލަ ކަމަކަށެވެ. ގުދުރަތީ ގާނޫނު ކުށްވެރިއެއް ނުކުރެވޭނެއެވެ. މަރުވެ، ފީވެފައިވާ ގޮފިގަނޑެއްގެ މަތީގައި އިށީނީމާ ބިންދައިގެން ގޮސް ވެއްޓޭނީއެވެ. އޭގައި އިށީނދެގެން ނުވާނޭކަން އެނގެން ވާނެއެވެ.
އަހަރެމެންގެ ބަރު އުފުއްލަވާނީ ހަމައެކަނި ﷲ އެވެ. ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރައްވައިފައި ވެއެވެ. […ފަހެ، ޝައިތާނާޔަށް ކާފިރުވެ اللَّه އަށް އީމާންވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ އަގީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]
މި އާޔަތުގައި ވަނީ ވަރަށް މުހިއްމު ފިލާވަޅެކެވެ. އެއީ ހިފާ ގޮތަށް ދޫކޮށް ނުލާނޭ [އަތަކީ] އެންމެ އަތެއް ކަމެވެ. އަހަރެމެންނަށް ސައްތައިން ސައްތަ އިތުބާރާއެކު އަމިއްލަ ނަފްސު ދޫކޮށްލެވޭނީ އެންމެ ފަރާތަކަށް ކަމެވެ. އަހަރެމެންގެ ނަފްސުގެ އަގު ހިފަހައްޓައި ދެވޭނީ އެންމެ ފަރާތަކަށް ކަމެވެ. އަހަރެމެންނަށް އުފަލާއި ހިތްހަމަ ޖެހުމާއި ސަލާމަތްތެރިކަން ލިބޭނީ އެންމެ ފަރާތަކުން ކަމެވެ. އެ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.
އެހެން ނަމަވެސް މި ދުނިޔެ އޮންނަނީ އެހެން ގޮތަކަށެވެ. އަހަރެމެން އެކި ކަންކަމަށް އެދި އުޅެނީ އެހެން ފަރާތްތަކުންނެވެ. ބައެއް މީހުން ހުރިހައި އެއްޗެއް ކަމަށް ދެކެނީ އެ މީހެއްގެ މަސައްކަތެވެ. ނުވަތަ ވަޒީފާއެވެ. ބައެއް މީހުން ފައިސާއެވެ. އަނެއް ބަޔަކު މަތިވެރި މަގާމާއި ދަރަޖައެވެ. [އީޓް، ޕްރޭ، ލަވް] އުފާވެރިކަން ލިބިގަތުމަށްޓަކައި އޭނާ ކުރި މަސައްކަތް އެލިޒަބަތު ގިލްބަރޓް މި ފޮތުގައި ބަޔާން ކޮށްފައި ވެއެވެ. މީސްމީހުނާ ރައްޓެހި ވެފައި ރުޅިވުމާއި، އެކި ކަހަލަ އާދަތަކާ ދޯޅު ވެފައި ހުއްޓުން އޭނާ މި ފޮތުގައި ސިފަކޮށް ދީފައި ވެއެވެ. އެކި ކަހަލަ ޝައުގުވެރިކަމުގައި ދުނިޔޭގެ އެކި ދިމަދިމާއަށް ދަތުރު ކުރުމުގެ ވާހަކަ ލިޔެފައި ވެއެވެ. ނާކާމިޔާބު ވީ ނަމަވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ އެކި މީސްމީހުނާ އޮންނަަ ގުޅުމުގެ ތެރެއިންނާއި، އަޅުކަމުގެ ތެރެއިންނާއި، ކާބޯތަކެތީގެ ތެރެއިން ފުރިހަމަ ހިތްހަމަ ޖެހުމާއި އުފާވެރިކަން ހޯދޭތޯއެވެ.
އަހަރެންވެސް ދިރިއުޅުމުގެ ގިނަ ދުވަސްތަކެއް ހޭދަ ކުރީ އެފަދަަ އުއްމީދުތަކެއްގެ ތެރޭގައެވެ. އަހަރެންގެ ހިތުގައި އޮތް ހުސް ޖާގައެއް ފުރައިލެވޭނޭ ގޮތެއް ހޯދުމުގައެވެ. އެހެންވީމާ އަހަރެން ހުވަފެނުގައި ދުށް ކުޑަ ކުއްޖާ އަހަންނާ އެ ސުވާލު ކުރުމަކީ އަޖައިބުވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެއީ ހިތާާމައާއި، ބީވުމާ ގުޅޭ ސުވާލެކެވެ. އެއީ އުއްމީދުތައް ފުނޑުފުނޑު ކޮށްލުމާ ގުޅޭ ސުވާލެކެވެ. އެއީ ކަމެއް ނުވަތަ އެއްޗެއްގެ އެދުމުގައި ދަތުރުކޮށްފައި، ހުސް އަތާ އެނބުރި އައުމާ ގުޅޭ ސުވާލެކެވެ. އެއީ ގޮންގިރިޓުގަނޑެއް އަތުން ކޮންނާން އުޅުން ކަހަލަ ކަމެކެވެ. އެފަދަ ކަމެއް ކުރީމާ، ބޭނުންވާ މަގުސަދު ހާސިލު ނުވަނީ އެކަންޏެއް ނޫނެވެ. އަތަށްވެސް އަނިޔާާ ކުރެވެނީއެވެ. އަހަންނަށް އެކަން އެނގުނީ ފޮތަކުން ކިޔައިގެންނެއް ނޫނެވެ. ދަންނަބޭކަލަކު ކިޔައި ދީގެންނެއްވެސް ނޫނެވެ. އަހަންނަށް އެކަން އެނގުނީ ތަކުރާރުކޮށް އެތައް ފަހަރަކު ތަޖުރިބާ ކޮށްގެންނެވެ.
އެހެންވީމާ އެ ކުޑަ ކުއްޖާ ކުރި ސުވާލަކީ ހަގީގަތުގައި އަހަރެންގެ އަމިއްލަ ސުވާލެކެވެ. އަހަރެން ޚުދު އަހަރެންގެ އަމިއްލަ ނަފުސާ ކުރި ސުވާލެކެވެ.
ފުންކޮށް ވިސްނައިލީމާ އެނގުނު ގޮތުގައި އެއީ މި ދުނިޔޭގެ ހަމަތަކާ ގުޅޭ ސުވާލެކެވެ. ފާއިތުވަމުންދާ ވަގުތާއި، ހާސިލު ކުރެވޭ ވަގުތީ ހާސިލު ކުރުންތަކާ ގުޅޭ ސުވާލެކެވެ. މިއަދު ތިބާއާ އެކު ހިނގައި ބިގައިވެ އުޅޭ މީސްމީހުން މާދަމާ މަރުވެ، ތިބާ ދޫކޮށްލައިފައި ދަނީއެވެ. މިއީ ކޮންމެ މީހަކުވެސް ދަންނަ ކަމެކެވެ. އެކަމަކު އެފަދަ ކަމެއް ކުރިމަތިވީމާ ހިތާމަ ކުރެއެވެ. އެއީ އަހަރެމެންގެ ތަބީއަތެވެ. ފިތުރަތެވެ. އިންސާނާ އުފައްދަވަައިފައި ވަނީ އެދުންތަކަކާ އެކީގައެވެ. ލޯބި ވުމާއި، މުޅީން ފުރިހަމަ އަދި ދާއިމީ ތަކެއްޗާއި ކަންކަަމަަށް އެދުމުގެ ތަބީއަތާ އެކީގައެވެ. އަހަރެމެން އުފައްދަަވައިފައި ވަނީ ނިމުމެއް، ހުސްވުމެއް ނެތް ކަންކަމާއި ތަކެއްޗަށް އެދިގެން ދުވުމުގެ ފިތުރަތާ އެކީގައެވެ. ސަބަބަކީ އަހަރެމެންނަކީ މި ދުނިޔެއަށްޓަކައި އުފައްދަވައިފައިވާ ބަޔަކަށް ނުވުމެވެ. އަހަރެމެންގެ ހަގީގީ ގޮވައްޗަކީ ސުވަރުގެއެވެ. އެއީ މުޅީން ފުރިހަމަ، ދާއިމީ ތަނެކެވެ. އެހެންވީމާ އެ ފަދަ ދާއިމީ ދިރިއުޅުމަކަށް އެދިގެން އުޅުމަކީ އަހަރެމެންގެ ފިތުރަތެވެ. މައްސަލައަކީ އެފަދަ ދިރިއުޅުމެއް މި ދުނިޔެއިން ހޯދާން އުޅޭ އުޅުމެވެ. އެކި ކަހަލަ ކިރިމާއި، ބޭސް އުފައްދައި އެ ތަކެތީގެ ބޭނުން ކޮށްގެން އަހަރެމެން މަސައްކަތް ކުރަނީ މި ތާނގައި ދާއިމަށް ދެމި ތިބެވޭނޭ ގޮތެއް ހޯދާށެވެ. މި ދުނިޔެ، އޭގެ ތަބީއަތާ ޚިލާފު ތަނަކަށް ހަދާށެވެ. އެއީ ދުވަހަކުވެސް ކުރެވޭނޭ ކަމެއް ނޫނެވެ.
މި ދުނިޔޭގައި އަހަރެމެންގެ އެދުންތަކާ އެކީގައި ދިރިއުޅުމުން ހިތް ހަލާކުވާ ސަބަބަކީ މިއީއެވެ. ދުނިޔެ، އަހަރެމެންގެ ހިތުގައި ޖައްސާ ސަބަބަަކީ މިއީއެވެ. ދުނިޔެއަކީ މުޅީން ފުރިހަމަ ނޫން، ވަގުތީ ތަނެކެވެ. އަހަރެމެން، އިންސާނުން، އެދި ގޮވާ، ގޮވުމާާ ޚިލާާފު ތަނެކެވެ. ﷲ ތަޢާލާާ އަހަރެމެންގެ ހިތުގައި ލައްވައިފައިވާ އެދުމުގެ ހައިކަން ފިލުވައި ދެވޭނީ މުޅީން ފުރިހަމަ އަދި ދާއިމީ ތަނަކަށެވެ. އަހަރެމެންނާ ދުރަށް ދުވާާ ތަނެއްްގެ ފަހަތުންް ދުވާ ދުވުމަކީ އަވާމެންދުރެއްގެ ފަހަަތުން ދުވުމެވެ. ގޮންގިރިޓުގަނޑެއް ކޮންނާން އަހަރެމެން މި އުޅެނީ ބަރަހަނާ އަތުންނެވެ. ވަގުތީ އެއްްޗަކުން ދާއިމީ އެއްޗެއް ނެރޭން މަސައްކަތް ކުރުމަކީ އަލިފާނުން ފެން ނެރޭން މަސައްކަތް ކުރުން ކަހަލަ ކަމެކެވެ. ނަތީޖާއަކީ އަނދައި ހުލިވުމެވެ. މި ދުނިޔެއަކީ ވަގުތީ އެއްޗެއްކަން ދަނެ، ދުނިޔޭގެ ތަބީއަތާާ ޚިލާާފު ކަންްކަން ދުނިޔެއިން ހޯދާން އުޅުން ހުއްޓާލައިގެން ނޫނީ ހިތް ހަލާކު ވުމާއި، ހިތާމަތަކުން ސަލާމަތް ވުމެއް ނެތެވެ.
ސަބަބަކާ ނުލައި އެއްވެސް ކަމެއްް ނުވާނޭ ކަމަށް ގަބޫލު ކުރާން އެބަ ޖެހެއެވެ. ހިތް ހަލާކު ވުމާާއި، ހިތާމައަކީވެސް ސަބަބަކާ ލައިގެން ވާ ކަމެކެވެ. މި ފަދަަ ކަންކަމުގައި އަހަރެމެންނަށް އިބުރަތްތަކެއް ލައްވައިފައި ވެއެވެ. އެއީ އަހަރެމެންނަށް ނުބައިކޮށް ކަމެއް ކުރެވޭ ކަމުގެ އިންޒާރެކެވެ. އަހަރެމެން ކަމެއް ކުރާ ގޮތް ބަދަަލު ކުރާން ޖެހޭ ކަމުގެ އިންޒާރެކެވެ. އަތް ފިހި، ވޭން އަޅާން ފެށުމަކީ ތިބާގެ އަތް އަލިފާނާ ދުރަށް ލާންް ޖެހޭ ކަމުގެ ސިގުނަލެކެވެ. ހިތުގައި ޖެހުމަކީ ތިބާގެ ވިސްނުމާއި ފިކުރު ބަދަލު ކުރާން ޖެހިއްޖެ ކަމުގެ ސިގުނަލެކެވެ. މިހާރު ވަކި ހިއްޕާލައިގެން ހުރި އެއްޗަަކުން ނެއްޓިގަންނާން ވެއްޖެ ކަމުގެ ސިގުނަލެކެވެ. ވޭނާއި ހިތާމައަކީ ގަދަކަމުންް ކަމަކުން ވަކިކޮށްލުމުގެ ގުދުރަތީ ފިޔަވަޅެކެވެ. ލޯބިވާ މީހަކު ތިބާއަށް ހިތާމައެއް ކުރިމަތި ކުރުވައިފިނަމަ ވަނީ ކިހިނެއްތޯއެވެ؟ ހިތާމަ ކުރިމަތި ކުރުވާ ވަރަކަށް އެ މީހަކާ ދުރަށް ޖެހެނީއެވެ. ދުނިޔެ ކުރިމަތި ކުރުވާ ހިތާމައިގެ ނަތީޖާއަކީވެސް މިއީއެވެ. ދުނިޔެ ދެކެ ފޫހިވުމެވެ. އެންމެ ފަހުން ދުނިޔެ ދެކެ ލޯބިވުން ހުއްޓައިލުމެވެ.
ހިތާމައަކީ އަހަރެމެން ދޯޅުވުމާ ގުޅިފައިވާ ކަމެކެވެ. އެ ދޯޅުވުމުގެ ސަބަބުންް އަހަރެމެން ރޮއްވައެވެ. އެކަމަކު ބޮޑަށް ރޮވެނީ މަސްނޫއީ ދޯޅުވުމެއްގެ ސަބަބުންނެވެ. ހަގީގީ ދޯޅުވުން އޮންނާން ޖެހެނީ ﷲ އަށެވެ. ދޯޅު ވެވެނީ މަސްނޫއީ ކަމަކާ ނުވަތަ އެއްޗަކާ ކަން އެނގެނީ ހިތާމައިގެ ސަބަބުންނެވެ. އަމިއްލަ ހާލަތު ބަދަލު ކުރާން ޖެހެނީ ނުވަތަ ބަދަލު ކުރުމުގެ ވިސްނުން އަންނަނީ ހިތާމައިގެ ސަބަބުންނެވެ. ވަކި ކަމެއްގައި އަހަރެމެން ގަޔާ ނުވާ ފިޔަވަޅެއް އެކުލެވޭ ނަމަ، އެ ފިޔަވަޅެއް ހެޔޮ އަތަށް އަނބުރައިލާނޭ ގޮތް ﷲ ތަޢާލާ ވަނީ އަަންގަވައި ދެއްވައިފައެވެ. “ހަމަކަށަވަރުން، ބަޔަކުމީހުންގެ ހާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، ﷲ، އެ ހާލަތު ބަދަލެއް ނުކުރައްވާނެތެވެ.” (އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގެ ބައެއް)
އެތައް އަހަރެއްގެ ހިތާމަޔާއި ހިތް ހަލާކު ވުމަކަށް ފަަހު، މިހާރު ވަރަށް އާދަޔާ ޚިލާފު ކަމެއް އަހަންނަށް ފާހަގަ ކުރެވިއްޖެއެވެ. މީގެ ކުރީން އަހަރެން ހީކުރަނީ ދުނިޔެ ދެކެ ލޯބި ވުމަކީ ހަމައެކަނި މާއްދީ ތަކެއްޗަށް ދޯޅު ވުން ކަމުގައެވެ. އެކަމަަކު އަހަރެން ދޯޅު ވަނީއަކީ މާއްދީ ތަކެއްޗަކަށް ނޫނެވެ. އަހަރެން ދޯޅު ވަނީ މީހުންނަށެވެ. ހިނދުކޮޅޮކޮޅަށެވެ. ހާލަތަށެވެ. އިހުސާސަށެވެ. އެހެންވީމާ އަހަރެން ހީ ކޮށްގެން ހުންނަނީ ދުނިޔެ ދެކެ ލޯބި ވުމުގެ ވާހަކައަކީ އަހަންނާ ގުޅުމެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ. މީހުންނާއި، އިހުސާސާއި، ވަގުތާއި، ހާލަތާ މިއީ ހައްތަހާވެސް ދުނިޔޭގެ ކަންކަމެކޭ އިހަކަށް ހިތަކަށް ނާރައެވެ. މީގެ ކުރީން އަހަރެން އިހުސާސް ކުރަމުން ދިޔަ ހިތާމައާއި ވޭނުގައި އޮތީ ހަމަ އެންމެ ސަބަބެއްކަން ވިސްނުނީ ފަހުންނެވެ. އެއީ ދުނިޔޭގެ ލޯތްބާއި ދުނިޔޭގެ އެދުމެވެ.
މި އިހުސާސް ކުރެވުމާއެކު އަހަރެންގެ މޫނުމަތީގައި ލެވިފައި އޮތް ފަރުދާއެއް ކަހައިލެވިއްޖެެވެ. ހަގީގީ މައްސަލަ އަހަންނަށް ވަރަށް ރީތިކޮށް ފެންނާން ފަށައިފިއެވެ. ދިރިއުޅުން އޮތް ހަގީގީ ސިފަ ނޫން އެހެން ސިފައެއްގައި ދިރިއުޅުން ދެކޭން މަސައްކަތް ކުރުމަކީ އަހަރެންގެ ހަގީގީ މައްސަލައެވެ. އަަހަރެން ދެކެނީ ފުރިހަމަ ދުނިޔެއެކެވެ. އެއީ ދުނިޔެ އޮތް ގޮތެއް ނޫނެވެ. އަހަރެން ގަދަ އަޅައި މަސައްކަތް ކުރަމުން ދިޔައީ ދުނިޔެއިން އަހަރެން ބޭނުންވާފަދަ ފުރިހަމަ ދިރިއުޅުމެއް ހޯދާށެވެ. އެއީ ކުރެވިދާނޭ ކަމެއް ކަމަށް އަހަރެން ގަބޫލު ކުރީމެވެ. އެހެންވީމާ ފުރިހަމަ ދިރިއުޅުމެއް ހޯދެން ވާނެއެއް ނޫންހެއްޔެވެ؟ އަޅުގަަނޑު މަސައްކަތްކޮށް ދާ އޮހޮރުވަމުން ދިޔައީ ދުނިޔެ، ސުވަރުގެއަކަށް ހަދާށެވެ. އަހަރެންގެ އުއްމީދަކީ އަހަރެންގެ ވަށައިގެން އެނބުރޭ މީހުންނަކީވެސް އުނިކަމެއް ނެތް، ފުރިހަމަ ބަޔަކަށް ވުމެވެ. މުޅީންވެސް އުއްްމީދެވެ. އުއްމީދެވެ. އުއްމީދެވެ. އުފާވެރިކަމެއް ނެތް، ހިތާމަވެރި ދިރިއުޅުމެއްގެ ރަހަފަތަކީ އުއްމީދެވެ. އަހަރެންގެ “ކުށް” ފެންނާން އޮތީ މި ދެންނެވި އުއްމީދުގައެވެ. އަހަރެންގެ ކުށަކީ އުއްމީދު ކުރުމެއް ނޫނެވެ. އިންސާނަކަށް ވީތީ އަބަދުވެސް އުއްމީދަކާއި ޔަގީންކަމެއް އޮންނާން ވާނެއެވެ. އަހަރެންގެ ކުށަކީ އެ އުއްމީދާއި ޔަގީންކަން ނުބައި ދިމާއަކަށް އަމާޒު ކުރުމެވެ. އަހަރެންގެ އުއްމީދާއި ޔަގީންކަން އޮންނަނީއަކީ ﷲ އަކަށް ނޫނެވެ. މީހުންނަށެވެ. ގުޅުންތަަކަށެވެ. ދުނިޔޭގެ ވަސީލަތްތަކަށެވެ. މާނައަކީ ﷲ އަށް އިތުބާރު ކުރުމުގެ ބަދަލުގައި އަހަރެން އިތުބާރު ކުރަނީ މި ދުނިޔެއަށެވެ.
މިހައިތަަނުން ވަރަށް ބޮޑު ހަގީގަތެއް އަހަންނަށް އެނގި، ދަސްވެއްޖެއެވެ. ކީރިތި ޤުރްއާނުގެ އާޔަތެއް ހަނދާނަށް އަތުވެއްޖެއެވެ. މީގެ ކުރީން އެތައް ފަހަަރަކު އެ އާޔަތް އަޑު އެހީމެވެ. އެކަމަކު މިހާާރު އަހަންނަށް އިހުސާސް ކުރެވުނު ގޮތުގައި އެ އާޔަތުގައި އެ ދައްކަނީ އަހަރެންގެ ވާހަކައެވެ. “ހަމަކަށަވަރުން، ތިމަން ރަސްކަލާނގެއާ ބައްދަލުވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށް ރުހި، އަދި އެ ކަމަށް ހިތް ހަމަޖައްސައިގެން ތިބެ ތިމަން ރަސްކަލާނގެ އާޔަތްތަކާ މެދު ޣާފިލުވީ މީހުން (ދަންނާށެވެ!) އެުރެން ތިބެނިވި ތަނަކީ ނަރަކައެވެ. (އެއީ) އެއުރެން ހޯދައި އުޅުނު ޢަމަލުތަކުގެ ސަބަބުންނެވެ.” (ޔޫނުސް ސޫރަތުގެ 7 ވަނަ އާޔަތް)
އަހަަރެން ބޭނުންވާ ހުރިހައި އެއްޗެއް މި ދުނިޔެއިން ލިބޭނޭ ކަމަށް ހީކުރުމަަކީ އެނބުރި ﷲ ގެ ޙަޟުރަތަށް ދާންް ޖެހޭނޭކަން ހަނދާން ނައްތައިލުމެވެ. ﷲ ގެ އިރާދަފުޅަށް ކުރާ އުއްމީދެއް ނެތުމެވެ. އަހަރެންގެ އުއްމީދު އޮތީ މި ދުނިޔެއަށެވެ. އުއްމީދުތައް އޮތީ ދުނިޔޭގައޭ ބުނުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ މިއީ ކިހިނެއް ބަދަލު ކުރެވޭނޭ ކަމެއް ހެއްޔެވެ؟ އެ ގޮތް މި ދަންނަވަނީއެވެ. ރަހުމަތްތެރިން ތިއްބަސް، ތިބާގެ އެކަނިވެރިކަން ފިލުވައި ދޭނޭ ބަޔަކީ އެއީ ކަމުގައި ހީ ނުކުރާށެވެ. މީހަކާ އިނަސް، ތިބާގެ ހުރިހައި ކަމެއް ފުރިހަމަކޮށް ދޭނޭ މީހަކީ އެ މީހާ ކަމުގައި ނުބަލާށެވެ. މަސައްކަތެއްގައި އުޅޭ އިރު އެ މަސައްކަތްކުން ނުކުންނާނޭ ނަތީޖާއަށް މުޅި ދިރިއުޅުން ބުނާ ނުކުރާށެވެ. މުސީބާތަކާ ކުރިމަތި ވެއްޖެނަމަ ތިބާގެ އަމިއްލަ ނަފްސަށް ބުރަ ނުވާށެވެ. މީސްމީހުންނަށް ބުރަވެގެން ނުހުންނާށެވެ. އަބަދުވެސް ﷲ ތަޢާލާއަށް ބުރަ ވާށެވެ.
މީސްމީހުންގެ އެހީތެރިކަން ހޯދާށެވެ. އެކަމަކު ތިބާ ސަލާމަތް ކޮށް ދޭނީ މީހުން ކަމުގައި (ޚުދު ތިބާގެ އަމިއްލަ ނަފުސުވެސް ހިމެނޭ ގޮތުން) ހީ ނުކުރާށެވެ. އެއީ ހަމައެކަނި ﷲ އަށް އޮތް ބާރެކެވެ. މީސްމީހުންނަކީ އާލާތެވެ. ﷲ ބޭނުން ހިއްޕަވާ އާލާތެވެ. އެއީ އެއް ގޮތަކަށްވެސް އެހީތެރިކަމުގެ މުލެއް ނޫނެވެ. ސަލާމަތުގެ ވެރިންނެއް ނޫނެވެ. މެއްސެއްގެ ފިޔައެއްހައި މިންވަރު އުފެއްދުމަކީވެސް އިންސާނަކަށް ކުޅަދާނަ ވެގެން ވާ ކަމެއް ނޫނެވެ. (އަލްޙައްޖު ސޫރަތުގެ 73 ވަނަ އާޔަތުން) އެހެންވީމާ ބޭރު ފުށުގެ ޢަމަލުތައް އިންސާނުންނާ ގުޅުވައިގެން އުޅޭ އިރު އަބަދުވެސް ތިބާގެ ހިތް ﷲ އާ ގުޅުވާފައި ބާއްވާށެވެ. ހަމަ އެކަނި ﷲ އާ ކުރިމަތި ލާށެވެ. އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅު ވެފައިވާ ބަސްފުޅު ކިހައި ރީތި ހެއްޔެވެ؟ ” ހަމަކަށަވަރުން، (އަޅުކަންކުރުމުގެ ގަސްތުގައި) އަޅުގެ މޫނު ކުރިމަތިކުރަނީ، ބާތިލުގޮތުން އެއްކިބާވެ، ހައްގުގެ ފަރާތަށް ލެނބިހުރި ހާލުގައި، އިސްވެދިޔަ ނަމޫނާއެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއަށެވެ. އަދި މިއަޅާ މުޝްރިކުންގެ ތެރެއަކުން ނުވަމެވެ.” (އަލްއަންޢާމް ސޫރަތުގެ 79 ވަނަ އާޔަތް)
އެކަމަކު އިބްރާހީމް ޢަލައިހިއްސަލާމް މި ދެންނެވުނު އާޔަތުގައި އެވާާ ހާލަތަށް ވަޑައިގަތީ ކިހިނެއް ހެއްޔެވެ؟ އެކަލޭގެފާނު އިރު ހަނދާއި ތަރިތަކަށް ބައްލަވައި ފިކުރު ހިންގެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެ ތަކެތި ވަގި ވަގުތެއް ޖެހުނީމާ ގޮސް އޮއްސޭ ތަނެވެ.
އެ ތަކެތި އެ ކަލޭގެފާނުގެ އުއްމީދުތައް ފުނޑުފުނޑު ކޮށްލިއެވެ.
ދެން އިބްރާހީމް ޢަލައިހިއްސަލާމް ގަސްތުފުޅު ކުރެއްވީ ހަމަ އެކަނި ﷲ އަށް ކުރިމަތި ލައްވާށެވެ. އެކަލޭގެފާާނެކޭ އެއްފަދައިން އަހަރެމެންނަށްވެސް ޖެހެނީ ހަމައެކަނި ﷲ އަށް އިތުބާރުކޮށް، އެކަލާނގެއާ ކުރިމަތި ލާށެވެ. އަހަރެމެންގެ މޫނުތައް ﷲ އާ ކުރިމަތި ކުރާށެވެ. މި ފަަދައިން ޢަމަލު ކޮށްފި ނަމަ ހަގީގީ ހިތްހަމަޖެހުމާއި، އުފަލަކީ ކޮބައިކަން އަހަރެމެންނަށް އިހުސާސް ކުރެވޭން ފަށާނެއެވެ. އަހަރެމެން އެތައް އަހަރެއް ވާންދެން އެ އެއްޗެއް ހޯދާނ ތެޅިފޮޅުނު އެއްޗެއް ލިބުނު ކަމުގެ ފޮނި އިހުސާސް ކުރެވޭން ފަށާނެއެވެ. އެހެނީ އަހަރެމެންގެ ހިތާއި ސިކުނޑި އަބަދުވެސް އެދިއެދި އޮންނަނީ ދާއިމީ އުފަލަކަަށެވެ. އެއީ ދާއިމީ އުއްމީދެކެވެ. އެހެންވީމާ ދާއިމީ ވިސްނުމަކަށް ވަގުތީ އުފަލަކުން ލިބޭނޭ ދާއިމީ ރާހަތެއް ނޯންނާނެއެވެ. އެފަދަ ވަގުތީ ކަމަަކުން އަބަދުވެސް އުފެދޭނީ ހިތްްހަމަަ ނުޖެހުމާއި، ކަން ބޮޑު ވުމެވެ. މާނައަކީ އަހަރެމެން އުފަަލުން ތިބޭނީ ކުޑަ ހިނދުކޮޅަކަށެވެ. އެ އުފާވެރިކަން ދެމި އޮންނަ އަސާސް ބަދަލު ވުމާއެކު އުފާވެރިކަންވެސް ގޮސް ތަނަކަށް ވަދެ ފިލައިފާނެއެވެ. ދެން ކުރިމަތި ވާނީ ހިތާމައެވެ. ދިރިއުޅުން އޮންނާނީ މިފަދަ ގޮތަކަށް އެއް ހާލަަތުން އަނެއް ހާލަތަށް ބަދަލު ވޭވެއެވެ.
މި ހައިޖާނުގައި އަހަރެމެން ދިރިއުޅުން ވޭތު ކުރަނީއެވެ. އެހެނީ އަހަރެމެންގެ އުފާވެރިކަމުގެ އަސާސަކީ ދާއިމީ އެއްޗެއް ކަމުގައި ނުހަދަނީހެއް، ދާއިމީ އުފަލެއް ލިބިއެއް ނުގަނެވޭނެއެވެ. ދާއިމީ ނޫން އެއްޗެއްގެ މައްޗަށް ބުރަ ވެގެން ތިބެ ދާއިމީ އުފަލަކާއި އަރާމެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟ މި ހަލަތު ސިފަ ކުރާން އެންމެ ރަނގަޅު ވާހަކަަފުޅެއް ދައްކަވައިފައި ވަނީ އަބޫ ބަކުރު ރަޟިޔަﷲ ޢަންހުއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތީމާ މުސްލިމުންގެ މައްޗަށް ވެރިވީ އާދަޔާ ޚިލާފު ހިތާމައެކެވެ. އެހައިމެ ބޮޑު ސިހުމެކެވެ. އަޞްޙާބުންގެ ތެރެއިން ކީރިތި ރަސޫލ ދެކެ އެންމެ ބޮޑަށް ލޯބިފުޅުވަނީ އަބޫބަކުރުގެފާނެވެ. އެކަމަކު އިންސާނާގެ އުއްމީދާއި އިތުބާރު އޮންނާންވީ ކޮން ފަރާތަކަށްކަންް އެކަލޭގެފާނަށް ވިސްނިވަޑައިގަތެވެ. އެ ނާޒުކު ދަނޑިވަޅުގައި އެކަލޭގެފާނު ވިދާޅުވިއެވެ. “ކަލޭމެންގެ ތެރޭގައި މުޙައްމަދުގެފާނަށް އަޅުކަން ކުރާ މީހަކު ހުރި ކަމުގައި ވާ ނަމަ ދަންނާށެވެ. ހަަމަކަށަވަރުން އެކަލޭގެފާނު އަވަހާރަ ވެއްޖެއެވެ. އަދި ﷲ އަށް އަޅުކަން ކުރާ މީހަކު ހުރި ކަމުގައި ވާ ނަމަަ ދަންނާށެވެ. ﷲ އަކީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ކަލާނގެއެވެ.”
އަބޫބަކުރުގެފާނުގެ ވިސްނުންފުޅުގެ ދަރަަޖައަށް ވާާސިލު ވާން ބޭނުން ނަަމަ، ތިބާގެ ކާމިޔާބީއާއި، ބޭނުންތަކުގެ އަސާސަކަށް ﷲ ފިޔަވައި އެހެން ފަރާތެއް ނުހަދާށެވެ. ތިބާގެ ކާމިޔާބީއާއި، ނާާކާމިޔާބީ އަކީ ﷲ ގެ އިރާދަފުޅާ އެކު ކުރިމަތިވާ ކަންތައްތަކެއްކަން އަބަދުވެސް ހަނދާން ކުރާށެވެ. މިހެން ހަދައިފި ނަމަ ތިބާއަކީ ނުމުގުރޭ މީހަކަށް ވެދާނެއެވެ. އެހެނީ ތިބާގެ ހަށިފާރަވެރިއާއަކީ މުގުރޭނޭ ފަރާތެއް ނޫނެވެ. ތިބާގެ މައްޗަށް އެެހެންް މީހަކަށް ގަދަވެއެއް ނުގަނެވޭނެއެވެ. އެހެނީ ތިބާގެ އެހީތެރިޔާއަކީ އެހެން ހުރިހައި އެއްޗަކަށްވުރެ ބާރުގަަދަ ފަރާތެކެވެ. ތިމާގެ ދިރިއުޅުމަކީ ހޮއި ދިރިއުޅުމަކަށް ނުވާނެއެވެ. އެހެނީ ތިބާގެ ދިރިއުޅުމުގެ ބައްތި ގުޅިފައި ވަނީ ނިވުމެއް، ކުނި ޖެހުމެއް ނެތް އިންޖީނަކާއެވެ.
އަހަރެންގެ އުމުރުން ސަތާރަ އަހަަރުގައި އަހަންނަށް ފެނުނު ހުވަފެނަށް ވިސްނައިލެވުނީމާ މިހާރު ހިތަށް އަރައެވެ. އެ ކުޑަކުޑަ އަންްހެނުން ކުއްޖާއަކީ ޚުދު އަހަރެން ނޫން ބާވައެވެ؟ އެހެނީ އެ ކުއްޖާގެ ސުވާލަށް އަހަރެން ދިން ޖަވާާބަކީ އަހަރެންގެ މުޅި ދިރިއުޅުން އޭގެ މައްޗަށް ބިނާ ކުރާން އަހަންނަށް ޖެހުނު ޖަވާބެކެވެ. އެ ކުއްޖާގެ ސުވާލަކީ އަހަރެމެން އެކަކު އަނެކަކާ ވަކި ވާން ޖެހެނީ ކީއްވެގެން ހެއްޔޭއެވެ. އަހަރެން ޖަވާބު ދިނީމެވެ. “އެއީ މި ދިރިއުޅުމަކީ ފުރިހަމ ދިރިއުޅުމަކަށް ނުވާތީއެވެ. މިއީ ފުރިހަމަ ދިރިއުޅުމަކަށް ވާނަމަ، އަންނާން އޮތް ދިރިއުޅުމަކަށް އަހަރެމެން ކިޔާނީ ކީކޭ ހެއްޔެވެ؟”
(ޔާސްމީން މުޖާހިދުގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)
ވަރަށް ޢިބުރަތްތެރި ޢަގުލީވިސްނުމަކުން ލިޔެފައިވާ ހަކައެއްގެ އަގުހުރި ތަރުޖަމާއެއް، ޝުކުރިއްޔާ އަޚް ޢަބުދު الله ނަޢީމު އިބުރާހިމް جزاك الله خيرا