ގްރޭންޑް ވިއު ރެސްޓޯރެންޓް ފަސް ހާސް ރުފިޔާއިން މިރޭ ޖޫރިމަނާ ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެތަން ޖޫރިމަނާކުރީ އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފަށް އުފަންދުވަހުގެ ޕާޓީއެއް ބޭއްވުމުންނެވެ. "އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފަށް ގްރޭންޑް ވިއު ރެސްޓޯރެންޓުގައި މިރޭ ބޭއްވި ބޭއްވި ބާތުޑޭ ޕާޓީއެއް ހުއްޓުވައިފި. ރެސްޓޯރެންޓް ވަނީ 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި،" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިއަދު ހަވީރުވަނީ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި މިއަދު ހަވީރު ބޭއްވި ކައިވެނި ޕާޓީއެއް ވެސް ހުއްޓުވައިފައެވެ. އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފަށް އެ ޕާޓީ ބޭއްވުމުން އެތަން ވެސް ވަނީ ފަސް ހާސް ރުފިޔާއިން ޖުރިމަނާ ކޮށްފައެވެ.

އެޗުޕީއޭގެ ގައިޑްލައިނާ ޚިލާފުވާ މިދަދަ ތަންތަން ފަސް ހާސް ރުފިޔާއިން ފެށިގެން އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

މާލޭ ސަރަހައްދުގައި ހިފެހެއްޓުމެއްނެތި ކޮވިޑް ފެތުރެމުންދާތީ އެކަން ހުއްޓުވަން އެޗުޕީއޭއިން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެހެންނަމަވެސް ޕޮޒިޓިވްވާ ޢަދަދު މަދެއް ނުވެއެވެ.

މިރޭ ވެސް ވަނީ 161 މީހަކު މިބައްޔަށް ހުށަހެޅިފައެވެ. އަދި 155 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.