މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބައެއް ސަރަހައްދުތަކަށް މިއަދު ނެރެފައިވާ އެލާޓްތަކުގެ ވަގުތު އިތުރު ކޮށްފިއެވެ.

މެޓުން މިއަދު 11:00 އިން 15:00 އަށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ނެރެނު ރީނދޫ ސަމާލުގެ މުއްދަތު މިހާރު ވަނީ މިރޭ 7:00 އާ ހަމައަށް އިތުރު ކޮށްފައެވެ. މި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވާން މެޓުން އިލްތިމާސްކޮށްފައެވެ.

ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ނެރުނު ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިރޭ 9:00 ހަމައަށެވެ.

މެޓް އޮފީހުން ބުނީ ސަމާލު ނެރެފައިވާ ވަގުތު އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާ އަދި ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.