ދިވެހިރާއްޖޭގައި ކުޅެމުންދާ ހަމަ އެކަނި އަމިއްލަ ކުޅިވަރަކީ ބައްޓެވެ. މިއީ ދިވެހި ކަނބަލުންނަށް ޚާއްސަ ކުޅިވަރެކެވެ. މިއީ ސުއްމުވުލް އަމީރު އަލް މަރުޙޫމު މުޙަމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ރާއްޖެއަށް ތަޢާރަފް ކޮށްދެއްވި ކުޅިވަރެކެވެ. އެއަށްފަހު ދިވެހި ޖިންސުއްލަތީފުން މިކުޅިވަރު ކުޅެމުން އަންނަނީ ނިކަން ޖޯޝާއި ފޯރީގައެވެ. މިހާރު މި ކުޅިވަރު ވަނީ ދިވެހި ބިމުން ފޮހެވިދާނެ ކަމުގެ ބިރުހީވާ ހިސާބުގައެވެ.

އަމީން ދީދީ ތަޢާރަފް ކޮށްދެއްވި މި ޚާއްޞަ ކުޅިވަރު ޒަމާނާ އެއްގޮތަށް ބަދަލު ކުރެއްވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ މި ޤައުމުގެ ކުޅިވަރުގެ "ބައްޕަ" ކަމުގައިވި ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލް މަރުޙޫމު ޒާހިރު ނަޞީރެވެ. އެމަނިކުފާނުގެ މާލިމީ ކަމުގައި ކުޅިވަރުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ޙާޞިލު ކުރައްވާފައިވާ ޙާމިދު ޢަބުދުލް ޣަފޫރު މި މަސައްކަތުގައި ބައިވެރި ވަޑައިގެންނެވި އެވެ.

ޙާމިދު ޢަބުދުލް ޣަފޫރުގެ މޭސްތިރިކަމުގައި އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބާއި، ޝިޔާމާ އަޙުމަދުގެ މުޝްތަޝާރު ކަމުގައި "ބަށިބޯޅަ" ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ވުޖޫދުވިއެވެ. ބަށިބޯޅަ ފައުންޑޭޝަން ވުޖޫދުވެފައިވަނީ 2010 ވަނަ އަހަރު އޮކްޓޯބަރުމަހު 29 ގައެވެ. މި ޖަމިއްޔާގެ މަސައްކަތުން ވަނީ ބަށިބޯޅައިން މިއަދު މި ދެކޭ ރަންޒަމާނާ ހަމައަށް ޤައުމު ގެންގޮސްދީފައެވެ.

މިބޭފުޅުން މި ކުރެއްވި މަސައްކަތުން ދިވެހިންގެ އަމިއްލަ ސަޤާފީ ކުޅިވަރެއް ދައްކާލުމަށްޓަކައި ޔޫތު މިނިސްޓްރީން އިސްނަންގަވައިގެން 17 ވަނަ ސާކު ސަމިޓްގައި ފުވައްމުލަކާއި އައްޑޫސިޓީގެ ޓީމުތަކުގެ މެދުގައި ބަށި މުބާރާތެއް ބޭއްވެވި އެވެ. އެހިސާބުން ޤައުމީ ބަށިބޯޅަ އެސޯސިއޭޝަނެއް އުފެއްދުމަށްޓަކައި އެ ކުޅިވަރަށް ޤައުމީ ޙައިސިއްޔަތު ހޯއްދަވަން މަސައްކަތް ފެއްޓެވިއެވެ. އެގޮތުން ރާއްޖެއިން ބޭރަށް މި ކުޅިވަރު ތަޢާރަފު ކުރެއްވިއެވެ. މިކުޅިވަރު ދިވެހިރާއްޖެއިން ބޭރުވެ އިންޑިއާގެ ޓްރިވެންޑުރަމަށް ދަތުރުކުރީ 2014 ވަނަ އަހަރުއެވެ. އެއީ ރާއްޖެއިން ބޭރުގެ ޤައުމަކަށް މިކުޅިވަރު ތަޢާރަފު ކުރެވުނު ފަހަރެވެ.

މި ގޮތުން ބަށިބޯޅަ ފައުންޑޭޝަން އޮފު މޯލްޑިވުސް އަށް ނެޝަނަލަ ދަރަޖަ ލިބި، ލީގު މުބާރާތްތައް ބާއްވަމުން ފޯރި އާއި އެކު ކުރިއަށް ދިޔައެވެ.

ދެންއޮތީ ހިތާމަވެރި ވާހަކައެކެވެ. އެއީ ފޯރި އާއި އެކު ކުޅެމުން ދިޔަ ބަށިބޯޅަ އަށް ލޮޅުން އެރި ހިސާބެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި 13 އޮގަސްޓް 2015 ގައި ބަށިބޯޅަ އެސޯސިއޭޝަން އޮފު މޯލްޑިވުސް އުފަންވުމެވެ. މިހާ ހިސާބުން މި ބަށިބޯޅަ އަށް ތޫފާނެއް ކުރިމަތިވިއެވެ.

އެއް ކަމެއެއްކުރަން ދެ ޖަމިއްޔާއެއް އޮތުމުން ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރޭގައި މައްސަލަ ޖެހެން ފެށި 2 ޖަމިއްޔާވެސް އުވާލަން ޖެހުނެވެ. މި ޖެހުނު މައްސަލަތައް ބެލުމަށްޓަކއި 2019 ސެޕްޓެމްބަރު މަހު މި ޖަމިއްޔާ އުވާލުމަށްފަހު އަދިވެސް މި ވަނީ މި ކުޅިވަރށް ދޭންވީ ޤައުމީ ޙައިސިއްޔަތު ނުލިބިފައެވެ. އެތައް ބައެއްގެ މަސައްކަތުން ނަގައި ކޮޅަށްޖެހި އެކުޅިވަރު ނިކަމެތިކޮށް އެކަހެރި ކޮށްލެވުނީއެވެ. މިކަމުގެ ހިތަމައާއި ނުރުހުންތެރިކަން މުޅި ބަށިބޯޅަ ޢާއިލާގެ ތެރޭގައި އެބައޮތެވެ. މި ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި އެބައޮތެވެ.

ބަށިބޯޅަ ފައުންޑޭޝަންގެ މުސްތަޝާރު ޝިޔާމާ އަޙުމަދު ވިދާޅުވީ މިއީ ޤައުމެއްގެ ކުޅިވަރު ޙަޔާތަށް އެޅުނު ކަޅުހިޔަންޏެއް ކަމަށެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މަރުޙޫމް އަމީންދީދީއާއި މަރުޙޫމް ޒާހިރު ނަޞީރާއި ޙާމިދު ޢަބްދުލް ޣަފޫރާއި، ޝިޔާމާ އަޙުމަދާއި ޙަބީބާ ޙުސައިން ޙަބީބު ފަދަ އެއްތައް ބޭފުޅުންނެއްގެ މިންނެތް މަސައްކަތް ބަލައި ނުގަނެވުނީ ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ނޭނގޭތީ ދޫކޮށްލީއެވެ.

މި ކުޅިވަރަށް މިހެންމިވީ ކީއްވެ ހެއްޔެވެ؟ މިއަށް ޖަވާބެއް އެބައޮތެވެ. ބައްޓަށް މިހެންމިވީ އެ ކުޅިވަރަށް ދެ އެސޯސިއޭޝަނެއް އުފައްދައި ދެ ޤަވާޢިދެއް އުފެއްދުމުންނެވެ. ނަތީޖާއަކަށްވީ ކުޅުންތެރިންނަށް އޮޅުންބޮޅުން އަރައި ފިތުނަވުމެވެ. އެހެންނަމަވެސް އެއްކުޅިވަރަކަށް ދެ އެސޯސިއޭޝަނާއި ދެ ޤަވާޢިދެއް ހެއްދެވީ ކީއްވެ ހެއްޔެވެ؟ ކޮންބައެއް ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ވެސް ދޫކޮށްލީއެވެ.

ދެ އެސޯސޮއޭޝަނެއް އުފެއްދެވުމުން ދެންވީ ގޮތަކީތޯއެވެ؟ ކުޅުންތެރިންގެ މެދުގައި މަސްލަޙަތު ހިފެހެއްޓުމަށް ދަތިތަކެއް ކުރިމަތިވީއެވެ. އެންމެ ފަހުން އެކުޅިވަރުގެ ޤައުމީ ޙައްސިއްޔަތު އުވާލީއެވެ. ނިގުޅައިގަތީއެވެ.

ބަށީގެ ޚާއްސަ ޝަޚުސިއްޔަތުން އަދިވެސް އެތިބީ މިކުޅިވަރަށް ޤައުމީ ޙައިސިއްޔަތު ލިބޭނެ ކަމަށް އަދައިގެންނެވެ. އުންމީދުގައެވެ. އެ ބޭފުޅުން ވިދާޅުވަނީ ކޮންމެ ކުޅިވަރެއްގައި ވެސް ޚިޔާލު ތަފާތުވުން އުފެދޭނެ ކަމަށެވެ. އެގޮތުން ބަށީގައި ވެސް ޚިޔާލު ތަފާތުވުން އުފެދިދާނެއެވެ. އެހެންނަމަވެސް އެއީ ޤައުމީ ޙައިސިއްޔަތު ނިގުޅައި ގަންނަންޖެހޭ ސަބަބެއް ކަމަށް އެބޭފުޅުން ދެކެވަޑައެއް ނުގަންނަވައެވެ. ޚިޔާލުތަފާތުވުންތަކުގެ ޙައްލަކީ މަޝްވަރާއެވެ. މަޝްވަރާ ކޮށްގެން ކަންކަން ޙައްލު ކުރުމުގެ ވިސްނުމާއި ފިކުރާއި ޤާބިލްކަން ހުންނަންވާނެއެވެ.

މިކުޅިވަރަށް އޮތް ޤައުމީ ޙައިސިއްޔަތު ނިގުޅައިގަތަސް މިކުޅިވަރު ކުޅެން ބޭނުންވާ ޖިންސުއްލަތިފުންގެ ހިތްތަކުން އެ ޙައިސިއްޔަތާއި ލޯބި ނިގުޅައި ނުގަނެވޭނެއެވެ. އެ ޝައުޤެއް ވެސް މަރައެއް ނުލެވޭނެއެވެ. ތަފާތަކަށްވާނީ މިކުޅިވަރުގެ ބެލެނިވެރިއަކު ނެތުމެވެ. ރަސްމީ ސިފައެއްގައި ޚަރަދުކުރާނެ އަތްތަކެއް ނެތުމެވެ. މިއީ ކުޅިވަރާ ބެހޭ ވަޒީރު ވިސްނަވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ.

ރާއްޖޭގައި މިކުޅިވަރު ދެކެލޯބިވާ މިކުޅިވަރު ކުޅޭ ހިތްވާ ޒުވާނުންތިބިހާ ހިނދަކު މި ކުޅިވަރެއް މިބިމުން ފޮހެވިގެން ނުދާނެއެވެ. އެހެންވީމާ މިއީ ސަރުކާރުގެ ފެންވަރުގައި ވިސްނަވަންވީ ކަމެކެވެ.

ދެންވެސް މިކަމަށްއޮތް ޙައްލަކީ ނިގުޅައިގެންފައިވާ ޤައުމީ ޙައިސިއްޔަތު މިކުޅިވަވަރަށް އަލުން ދެއްވުމެވެ. މިއީ ދޮންދަރިއަކަށް ނުހައްދަވައި އުފަންދަރިއަކަށް ހެއްދެވުމެވެ. އެހެން ކުޅިވަރުތަކެކޭ އެއްފަދައިން މި ކުޅިވަރަށްވެސް ޚަރަދު ކުރެވޭނެ އިންތިޒާމްތަކެއް ސަރުކާރު ތެރެއިން ހަމަޖައްސަވަން ޖެހެއެވެ. މިކަމަށް ކުޅިވަރުގެ މުޅި ޢާއިލާގެ އެހީތެރިކަން ބޭނުންވެއެވެ.

މިކުޅިވަރު ނަގައި އަނެއްކާވެސް ކޮޅަށްޖަހާނެ އަތްތައް ބައިވަރެވެ. އެ އަތްކަށް ބޭނުންވަނީ ޤައުމީ ޙަކަތައެވެ. އެ ޙަކަތަ ފޯރުކޮށްދެވޭނީ ސަރުކާރަށެވެ. ކުޅިވަރާބެހޭ ވުޒާރާއަށެވެ. ވަޒީރަށެވެ. ސްޕޯޓްސް ކޮމިޝަނަރަށެވެ. ބައްޓަކީ ކުޅިވަރުގެ ޙަރާމްދަރިއަކަށް ނުހައްދަވައި ޙަލާލު ދަރިއަކަށް ހައްދަވާށެވެ. އެއަށް އަލުން ޙިމާޔަތާއި މަދަދު ދެއްވާށެވެ. ދިވެހި ކަނބަލުންނަށްޓަކައެވެ. ދިވެހި ކުޅިވަރަށްޓަކައެވެ.