ބާސެލޯނާއިން ދޭންޖެހޭ މުސާރައިގެ ބައެއް ނުދެއްކުމުގެ ސަބަބުން ސަރޖިއޯ އަގުއޭރޯ އެ މައްސަލަ ކޯޓަށް ހުށައަޅާފައިވާ ކަމަށް އެ ކްލަބުގެ މެމްބަރުންނަށް ފޮނުވި އޮފިޝަލް ރިޕޯޓަކުން ހާމަކޮށްފިއެވެ.

އެ ރިޕޯޓުން ހާމަކުރާ ގޮތުގައި ހިތުގެ މައްސަލައަކާ ގުޅިގެން ދާދި ފަހުން ފުޓުބޯޅައިން ރިޓައާވާން ޖެހުނު އަގުއޭރޯއަށް ދައްކަން ޖެހޭ 3 މިލިއަން ޑޮލަރު ބާސާއިން ދައްކާފައިނުވާ ކަމަށެވެ. މި ފައިސާއަކީ 2021 ވަނަ އަހަރު އޭނާގެ ކުއްލި ރިޓައާމެންޓުގެ ސަބަބުން ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓު ކުރުކޮށްލަން ޖެހުމުން, އަގުއޭރޯއަށް ބާސާއިން ދައްކަން ޖެހޭ ފައިސާއެވެ.

އަގުއޭރޯ, ފުޓުބޯޅައިން ރިޓައާވިކަން ހާމަކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ރިޓައާވުމާއެކު އޭނާ ވަނީ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓު އަވަހަށް ނިންމާލުމަށް އެ ކްލަބާއެކު އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ބާސާއިން އޭނާގެ ކޮންޓްރެކްޓުގެ މުސާރައިގެ ބާކީބައި ދައްކަން ޖެހޭނެ ކަމުގައިވިއަސް, އެ ފައިސާ އަދި އަގުއޭރޯއަށް ފޯރުކޮށްދީފައެއް އެ ކްލަބަކުން ނުވެއެވެ.

އެ ރިޕޯޓު ހާމަކުރާ ގޮތުގައި އަގުއޭރޯ, ބާސާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާފައިވަނީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް 21 ޖޫންއާ ހަމައަށް އައި އިރު ވެސް ދެ ފަރާތުން އެއްބަސްވުމަކާ ހަމައަށް އައިސްފައިނުވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބަޔާން ކޮށްފައެވެ.

ބާސެލޯނާގެ ނާޒުކު މާލީ ހާލަތް ރަނގަޅަށް ބަޔާން ކޮށްދޭ މި ރިޕޯޓުގައިވާ ގޮތުގައި އަގުއޭރޯގެ މުސާރައިގެ މައްސަލަ ހިމަނައިގެން ބާސާއާ ދެކޮޅަށް އެކި ފަރާތްތަކުން އަޅާފައިވާ ގާނޫނީ ފިޔަވަޅުތަކުގެ އަދަދު ޖުމްލަ ނުވައަކަށް އަރައެވެ. މިއީ, ބާސާގެ މެނޭޖްމެންޓުން ދާދި ފަހަކާ ޖެހެންދެން ވެސް މާލީ ގޮތުން އަޅަމުން އައި ކަތި ފިޔަވަޅުތަކުގެ ނަތީޖާކަން މި ރިޕޯޓުން ހާމަވެގެންދެއެވެ.