ޗައިނާ ސަރުކާރުން ޝިންޖިއާންގެ މުސްލިމުންނާ މެދު ނަސްލު ނައްތާލުމުގެ ސިޔާސަތެއް ގެންގުޅެމުންދާކަމަށް ބުނެ ކެނެޑާ ޕާލަމެންޓުން ގަރާތެއް ފާސްކޮށްފިއެވެ. މި ގަރާރުގައ ބުނެފައިވަނީ ޝިންޖިއާންގައި ނަސްލުތައް ނެތިކޮށްލުމުގެ ސިޔާސަތެއް ހިންގަމުން ގެންދާ ކަމަށެވެ.
ޗައިނާއިން ސިފަ ކުރިގޮތުގައި މިއީ ނުބައި ނިޔަތެއްގައި ޗައިނާ ރުޅިއަރުވާލުމަށް ހިންގާފައިވާ ކަމެކެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޗައިނާއިން ޝިންޖިއާންގައި މިލިއަނަކަށް ވުރެން ގިނަ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ޖަލުތަކުގައި ގަދަކަމުން މީހުން ލައްވައި މަސައްކަތް ކުރުވުމާއި އަނިޔާކުރުމާއި އަންހެނުން ރޭޕްކުރުމާއި ގަދަކަމުން އަންހެނުން ދަރިމައިވުން ހުއްޓުވުމުގެ މަސައްކަތްތައް ހިންގަމުން ގެންދާ ކަމަށެވެ.
ކެނެޑާ ޕާލަމެންޓުން ނިންމި ގަރާރުގައި ނިންމުމުގައި ބުނެފައިވަނީ، ޝިންޖިއާންގައި މުސްލިމުންނާ މެދު ހިންގަމުން ގެންދަނީ ޖެނޮސައިޑް ކަމަށެވެ. އަދި ކެނެޑާ ބޮޑު ވަޒީރުވެސް މިކަން މިގޮތަށް ބަލައިގަތުމަށް ބާރުއަޅާފައި ވެއެވެ. އަދި މި ޖެނޮސައިޑް މިގޮތަށް ކުރިއަށް ދަނީނަމަ، އަންނަ އަހަރު ބާއްވާ އޮލިމްޕިކްވެސް ބެއިޖިންގގައި ނު ބޭއްވުމަށް ގޮވާލާފައި ވެއެވެ.
އެމެރިކާއިން ވެސް ޓްރަމްޕްގެ ވެރިކަމުގައި ވަނީ ޗައިނާއިން އުއިގޫރު މުސލިމުންނާމެދު ނަސްލުތައް ނައްތާލުމުގެ ސިޔާސަތެއް ގެންގުޅޭކަމަށް ތުހުމަތުކޮށްފައެވެ.
ކެނެޑާއިން ދަނީ ކެނެޑާގެ ބައިނަލްއަގްވާމީ ބައިވެރިންނާއެކު މި މައްސަލާގައި މަޝްވަރާ ކުރަމުންނެވެ.
ބެއިޖިންގއިން ބުނާ ގޮތުގައި ކެނެޑާގެ މި އަމަލަކީ ހުތުރު އަމަލެކެވެ. އަދި މިއީ ޗައިނާގެ 1.4 ބިލިއަން މީހުން ރުޅިއަރުވާލުމަށް ކުރާ މަސައްކަތެއްކަމަށްވެސް ސިފަކޮށްފައި ވެއެވެ. ކެނެޑާގައި ހުންނަ ޗައިނާ އެމްބަސީން ބުނެފައިވަނީ ޗައިނާގެ ތަރައްގީ ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމަށެވެ.
އެމެރިކާއިން ނެރުނު ވޮރެންޓަކަށް 2018 ގައި ކެނެޑާގައި ވާވޭގެ ފައިނޭންޝަލް އެގްޒެކެޓިވް މެންގ ވެންޒޯ ހައްޔަރުކުރުމުން ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެއަށްފަހު ޗައިނާއިން ވަނީ ކެނެޑާގެ ދެ ރައްޔިތަކުވެސް ހައްޔރުކޮށްފައެވެ. އެއިން އެކަކީ، ކުރީގެ ޑިޕްލޮމޭޓެކެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ގެންދަވަނީ ޗައިނާގެ އިންސާނީ ހައްގުތަކުގެ މައްސަލާގައި ގައުމުތަކާ މަޝްވަރާކޮށް ޗައިނާއަށް ފިއްތުންތައް ކުރިމަތި ކުރުމަށް ބާރު އަޅުއްވަމުންނެވެ.