ފުވައްމުލަކު ސިޓީ އިން މިއަދު ރެންޑޮމް ސާމްޕަލް ނަގަން ފެށުމަށް ނިންމައިފިއެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއެކު ބޭއްވި ބައްދަލުވުމުގައި ރެންޑަމް ސާމްޕަލް ނެގުމަށް ވަރަށް ބޮޑަށް ބާރު އެޅުއްވި ކަމަށާއި އެގޮތުން ރަށުގައި ބަލި އޮތް މިންވަރު ދެނެގަތުމުގެ ގޮތުން މިއަދުން ފެށިގެން ރެންޑަމް ސާމްޕަލް ނެގުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަދު ރެންޑަމް 50 ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ދެ ހަފްތާ ވަންދެން ކޮންމެ ދުވަހަކު ރެންޑަމްކޮށް މަދުވެގެން 30 ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި ރެންޑަމް ސާމްޕަލް ނަގަނީ ވަކި ތަރުތީބަކުން ނޫން ކަމަށްވާތީ އެއްވެސް ރައްޔިތަކު ފަސް ނުޖެހި ސާމްޕަލް ދިނުމަށް ވެސް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުވައްމުލަކުގައި މިވަގުތު ކޮވިޑްގެ ތިން ކްލަސްޓާއެއް ވަނީ އުފެދިފައެވެ. އެ ތިން ކްލަސްޓާ އިން 50 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ތިން ކްލަސްޓާގެ ކޮންޓެކްޓުންގެ އަދަދު 959 އަށް އަރާ ކަމަށް އެޗްއީއޯސީން ރޭ ވަނީ ބުނެފައެވެ.