މާލެ ސިޓީގެ ވޭސްޓް މެނޭޖްމެންޓުގެ މުވައްޒަފުންނަށް އަރުތަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 11 ވަނަ ދުވަހު އިމާދުއްދީނު ސްކޫލުގައި މާލެ ސިޓީ ވޭސްޓް މެނޭޖްމެންޓުގެ މުވައްޒަފުންނަށް އަރުތަ ޕްރޮގްރާމް ކުރިއަށް ގެންގޮސްދިނީ ޕަބްލިސް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމެންޓުންނެވެ.
އިމާދުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެކިއެކި މުހިއްމު ދާއިރާތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައެވެ. އެ ގޮތުން, އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި އެއްގަމު އުޅަނޑު ދުއްވުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާ ބެހޭ ގޮތުން ވަނީ މައުލޫމާތު ދީފައެވެ. އަދި ގެވެށި އަނިޔާ, ޖިންސީ ފުރައްސާރަ ނުވަތަ ގޯނާއެއް ކުރިމަތިވެއްޖެ ނަމަ އަމަލުކުރަން ޖެހޭނެ ގޮތާ ބެހޭ ގޮތުން ވަނީ މައުލޫމާތު ދީފައެވެ.
އޭގެ އިތުރުން، ދިރިއުޅުމުގެ އަދަބުތަކާއި އޮފީސް މާހައުލުގައި ދިމާވާ ކަންކަމާ ކުރިމަތިލައި, މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތާއި ކަންކަމުގައި އިސްނެގުމުގެ ހުނަރުތަކާއި އޮފީސް މާހައުލުގައި ދިމާވާ ކަންކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ލިބޭ ހާސްކަމާއި ކުރެވޭ ފިކުރުތަކުން ދުރުވުމަށް ކުރެވޭނެ ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
ހަމަ އެހެންމެ ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގައި ގޮތް ނިންމުމަން ފަސޭހަވާނެ ގޮތްތަކާއި ނިންމުންތައް ނިންމާއިރު ވިސްނަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ޕްރޮގްރާމް ކުރުކޮށްލުމުގެ ގޮތުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމަށް ކުރިއަށް ގެންދިޔަ ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމުގައި ވޭސްޓް މެނޭޖްމަންޓުގެ އިސްވެރިންނާއި މުވައްޒަފުން ހިމެނޭހެން 113 މުވައްޒަފުން ބައިވެރިވިއެވެ.
ވޭސްޓް މެނޭޖްމެންޓްގެ މާލެ ސިޓީގެ މުވައްޒަފުންނެކޭ އެއްފަދައިން ވިލިމާލޭގެ މުވައްޒަފުންނަށް މި މަހު 18 ވަނަ ދުވަހު އަރުތަ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.