އީސައުގެ ދިޔަ ވިހޭދަރި ފޮށްޓަކަށް ލައި ސިއްރުކުރި ގޮތަކީ ފުވައްމުލަކުގައި ބޭނުންކުރާ މިސާލު ބަހެކެވެ. އެ ބަހުގެ މާނަ ބޮޑަށް ސާފުވާނީ ބަސް އުފެދެން ދިމާވި ހާދިސާއަށް ބަލައިލުމުންނެވެ.

އީސައުގެ ދިޔައަކީ ފުރާވަރަށް އަރާފައި އިން ހުސްހަށިބައި އަންހެން ކުއްޖެކެވެ. އޭނާ ކުއްޖަކާ ރައްޓެހި ވެގެން އުޅުމުގެ ތެރޭގައި ބަލިވެއިނދެފިއެވެ. ފިރިހެން ކުއްޖާ ކައިވެނިކުރާކަށް އެއްބަހެއް ނުވިއެވެ. ދިޔައަށް ޖެހުނީ ދުނިޔޭގެ ލަދުން ސަލާމަތް ވުމަށްޓަކައި ބަލިވެއިންކަން ފޮރުވާށެވެ.

އޭނާގެ ބަނޑުގައި ފޮތިއޮޅައިގެން މީހަކަށް ނޭނގި 9 މަސް ހަމަކޮށްފިއެވެ. ވިހެއީ ވެސް އެކަނިމާއެކަންޏެވެ. ދެން ދަރިފުޅުގެ ކަރު ފިއްތައި މަރާލާފައި ފޮރުވަން ފޮށްޓަކަށް ލީއެވެ. ފޮށި ފޮރުވީ ފަންގިފިލާ މަތީގައެވެ.

ގަދަވަންދެން ދެތިން ދުވަހު ގޭގައި މަޑުކޮށްފައި އޭނާ ފެންވަރައި ރީތިވެގެން ރަށުތެރޭގެ ޚަބަރުދަބަރު ބަލައިލަން ބުރެއް ޖަހާލަން ނުކުތެވެ. އެހެން ދަނިކޮށް ވަނަކުން ހަނޑޫކަނޑަން ތިބި އަންހެނުންތަކެއް ފެނިއްޖެއެވެ. ވީތައް ވަނަށް އަޅަމުން ސާފުވާބައި ބަތްޕޮޅިއަކުންފޮޅައި ރީތި ހަނޑޫ ޑަބިޔާއަކަށް އަޅަމުން ދިޔައިރު އެމީހުން ތިބީ އޮލަ ވާހަކައެއްގައެވެ.

ވާހަކައިގެ އޮލަކަމުން ދިޔަގެ ހިތަށް އެރިއެވެ. އަނެއްކާ މި މީހުން މި ދައްކަނީ މަގޭ ވާހަކަ ބާވައެވެ. މި މީހުންނަށް މަގޭ ދަރި ފޮށްޓަކަށް ލީކަން އެނގުނީބާވައެވެ. މި ވިސްނުމެއްގައި އިންދާ އެތަނުން މީހަކު އޭނާ ކައިރިން ލާފައި އެބަ ދެއެވެ. އެ މީހާ ހުއްޓުވައިފައި ދިޔަ އަހައިފިއެވެ. އެ މީހުން އެ ދައްކަނީ ކޮން ވާހަކައެއްހެއްޔެވެ. އީސައުގެ ދިޔަ ވިހޭ ދަރި ފޮށްޓަކަށްލީ ވާހަކަ އެބަ ކިޔާހެއްޔެވެ؟

އެމީހާއަށް ދިޔަގެ ވާހަކައިން އޭނާ އެހުރީ ވަރަށް ބޮޑު ގޯހެއް ހަދައިގެންކަން ވިސްނިއްޖެއެވެ. އަވަސްއަވަހަށް އެ މީހާ ގޮސް ކަތީބަށް އަންގައިފިއެވެ. މި ގޮތުން، މީހަކު ކަމެއް ސިއްރުކޮށްގެން ހުރެ، އޭނާއަށް ތެޅޭ އަނގައެއްގެ ސަބަބުން އެކަމެއް ބޭޒާރުވުމުގެ މިސާލެއްގެ ގޮތުން އީސައުގެ ދިޔަ ވިހޭ ދަރި ފޮށްޓަކަށްލައި ސިއްރުކުރި ގޮތަށޭ ކިޔައި އުޅެއެވެ.