ކައިވެނި ކުރަންވެގެން އުޅޭއިރު، ނުވަތަ ކައިވެނީގެ ކުރީކޮޅު އެކަކު އަނެކަކުގެ ޢައިބު ނުފެނުމާ، ލޯބިން ކޮންމެފަދަ ކަމެއް ކޮށްދިނުމަށްވެސް ތައްޔާރަށް ތިބެއެވެ.އެކަމަކު، ދެތިން އަހަރުވުމުން، އެއްކަލަ ލޯބި ހަތުރުވެރިކަމަށް ބަދަލުވެގެން ދާތަން އެބައާދެއެވެ. އެކަކު އަނެކަކަށް ފާޑު ކިޔުމާ ނުރުހުމުގެ ނަޒަރުން ބަލާންފަށައެވެ. ބައެއް ކައިވެނިތައް ރޫޅޭއިރު އަނެއްބައި މީހުން ދަރީންނަށްޓަކައި ތިބެނީއެވެ.ލޯބި އާލާކުރުމަށް ދަސްނުކުރާނަމަ ކޮންމެ ގުޅުމެއްގެވެސް ހާލަކީ ހަމަ މިއީއެވެ. އެހެންކަމުން،މިއީ ޙައްލު ހޯދުން މުހިންމުކަމެކެވެ. ޝަރުޢީ ގޮތުން މިކަމާމެދު ޢަމަލުކުރަންވީ ގޮތް މުސްލިމެއްގެ ޙައިސިއްޔަތުން ބައްލަވާލީމުތޯއެވެ ؟
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَعَاشِرُوهُنَّ بِالْمَعْرُوفِ﴾ މާނަ: “އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!”(އައްނިސާ)އަނބީންނަށް ހެޔޮކޮށް ހިތުމަށް ޤުރުއާނުގައި މިވަނީ އަންގަވާފައެވެ. އަދިވެސް ވަޙީ ކުރެއްވިއެވެ. “އަދި ޝަރުޢީހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤު ވެގެން ވެއެވެ.”(ބަޤަރާ) އާދެ!ކައިވެނީގެ ގުޅުމަކީ ހަމަހަމަ، ދެމީހުންވެސް އެ ގުޅުން ދެމެހުއްޓުމައްޓަކައި އެކުގައި މަސައްކަތްކުރާންޖެހޭ ގުޅުމެކެވެ.
އަނބީންނާމެދު ހެޔޮކޮށް ކަންތައް ކުރުމަށް ހިއްވަރުދެއްވާ ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. ((خَيْرُكُمْ خَيْرُكُمْ لِأَهْلِهِ)) (މުސްލިމް) މާނަ: “ތިޔަބައިމީހުންގެ ތެރެއިން ހެޔޮ މީހަކީ އެ މީހެއްގެ އަނބިދަރީންނަށް އެންމެ ހެޔޮ މީހާއެވެ.” އަދިވެސް އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ.”މުއުމިނު ފިރިހެނަކު(ފިރިމީހާ) މުއުނިމު އަންހެނެއްދެކެ(އަނބިމީހާދެކެ) ނުރުހުން ނުވާށެވެ. ތިބާ ހިތްނުރުހޭ ކަމެއް އޭނާގެ ކިބައިން ފެނިއްޖެނަމަ، ތިބާ ހިތްރުހޭ ކަމެއްވެސް އޭނާގެ ކިބައިން ފެއްނާނެއެވެ.”(މުސްލިމް) ވިސްނާލައްވާށެވެ. ކޮންމެ މީހެއްގެވެސް ހެވާއި ނުބައި ހުންނާނެއެވެ. އަނބިމީހާގެ ފުށުން އޭނާގެ ހެޔޮ ކަންކަން ދެނެގަންނަން މަސައްކަތްކުރާށެވެ.
އަޅުގަނޑުމެން އެކަކު އަނެކަކުގެ ލޯބި އިތުރުކުރުމަށް ނަޒަރު ހިންގާލާއިރު، ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބީންގެ އިހުސާސްތަކަށް ބައްލަވާ އެ ވަގުތަކާ ގުޅޭގޮތަށް ވާހަކަފުޅު ދައްކަވާ ލޯބިކޮށް ހައްދަވައެވެ. އެކަނބަލުންނާއެކު ހީ ސަމާސާކޮށް ހައްދަވައެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ އާ “ރޭސް” ޖެއްސެވި ވާހަކައަކީ އަޅުގަނޑުމެން ކިތަންމެފަހަރު އަޑު އަހާފައިވާނޭ ވާހަކައެކެވެ. ހަމައެހެންމެ، އަނބީންގެ ޢާއިލާތަކަށް ހެޔޮކޮށް ހިތުމުގައި އެކަލޭގެފާނަކީ ނަމޫނާ އެކެވެ. އޭގެ އިތުރުން، އަނބީންގެ މެދުގައި ހަމަހަމަކަން ބެހެއްޓުވުމުގައިވެސް އެކަލޭގެފާނަކީ ލާމަސީލުމިސާލެކެވެ.އަދި ގޭތެރޭގެ ކަންކަމުގައިވެސް އަވަދި ނެތި އެކަލޭގެފާނު އުޅުއްވައެވެ.
އެއްފަހަރެއްގައި މީސްތަކުންގެ މެދުގައި އިންނަވަނިކޮށް އެކަލޭގެފާނު އެންމެ ލޯބިވެވަޑައިގަންނަވީ ކާކުދެކެތޯ ސުވާލުކުރެވުމުން ޢާންމު ތަނެއްގައި އިންނަވާވެސް އެއީ ޢާއިޝާ ރަޟިޔަﷲ ޢަންހާ ކަމުގައި ދެއްނެވުމަށް ޖެހިލުންވެވަޑައި ނުގަންނަވައެވެ. އެކަމަކު، އަޅުގަނޑުމެންގެ ތެރެއިން ބައެއް ދެމަފިރިން އެކަނި ހޭދަކުރެވޭ ވަގުތުތަކުގައިވެސް އެކަކު އަނެކާދެކެ ލޯބިވާ ވާހަކަ ބުނެނުލާ ތިބެނީ ކީއްވެގެންތޯއެވެ ؟
ކުރިން ބަޔާންވެ ދިޔަ ބަޤަރާ ސޫރުތުގެ 228 ވަނަ އާޔަތުގެ ތަފްސީރުގައި އިބްން ޢައްބާސް ރަޟިޔަﷲ ޢަންހު ބަޔާންކުރައްވާފައިވެއެވެ. (إني لأحب أن أتزين للمرأة كما أحب أن تتزين لي المرأة ) މާނަ: “އަނބިމީހާ ތިމަންނާއަށްޓަކައި ޒީނަތްތެރިވުމަށް ލޯބިކުރާ ފަދައިން، އަނބިމީހާއަށްޓަކައި ތިމަންނާ ޒީނަތްތެރިވާން ލޯބިކުރަމެވެ.” ވީމާ، ހަމައެކަނި އަނބިމީހާ ތިމާއަށްޓަކައި ޒީނަތްތެރިވުމަށް ވިސްނިފައި އޮންނަ އޮތުން ބަދަލުކުރާންޖެހެއެވެ. ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރެވޭނީ ދެމީހުން ގުޅިގެން އެކަމަށް މަސައްކަތްކޮށްގެންނެވެ. އެހެންމީހަކު އެކަން ޙައްލުކުރާކަށް ނާންނާނެއެވެ.
ލޯބި އާލާކުރާނޭ ގޮތްތަށް ދަސްކުރައްވާށެވެ. ހަދިޔާ ދިނުމާ، ލޯބީގެ ބަސްތައް ބުނުމާ، ގޭތެރޭގެ ކަންކަމުގައި އެހީވުމާ، ރަނގަޅު “ކޮލިޓީ” ވަޤުތު އެކުގައި ހޭދުކުރުންފަދަ ކަންކަމަށް އިސްކަންދެއްވާށެވެ. ﷲ ގެ އިރާދަފުޅުން އަލުންބަލުން ޒަވާޖީ ޙަޔާތް ބާއްޖަވެރިވެގެން ދާނެއެވެ.
ނޯޓް: ލިޔުމުގެ އަސްލު ނެގިފައި ވަނީ "އިލްމް.އެމްވީ" އިންނެވެ. ލިޔުއްވީ ސަމޫޙް ސަޢީދެވެ.