ރާއްޖެއިން އިންސާނީ ހައްގުތަކުގެ ދާއިރާގައި ލިބުނު ކާމިޔާބަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ފްރޭމްވޯކްގެ ކާމިޔާބު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެހެން ވިދާޅުވީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓްގައި ޝާހިދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ޝާހިދު ވިދާޅުވ އިންސާނީ ހައްޤުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ތަރައްޤީގެ ފްރޭމްވޯކްގެ ކާމިޔާބުކަމަށް ވިދާޅުވިއެވެ.

އެގޮތުން އެންމެފަހުގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ޤައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒްކުރުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަގާފީ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެއިން ތަންފީޒުކުރިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އދ.ގެ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ދީފައިވާ ދައުވަތަށް ބަދަލެއް ނާންނަކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެބޭފުޅުންގެ ޒިޔާރަތްތަކަށް ރާއްޖެއިން މަރުޙަބާ ކިޔާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، އިންސާނީ ވަގުވިޔަފާރި ހުއްޓުވުމާއި، ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިގާލީ އިންސާފު ގާއިމް ކުރުމުގެ އިތުރުން ނުރައްކަލައް ހުށަހެޅިފައިވާ މުޖްތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ކުރުމާ ބެހޭ ގޮތުންވެސް ޝާހިދު ވަނީ ވާހަކަ ދައްކަވާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ކުދި ޖަޒީރާ ގައުމުތަކަށް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ދިމާވާ އިތުރު ގޮންޖެހުންތަކާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކެވިއެވެ.

ކޮވިޑުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، މި ގޮންޖެހުންތަކުން އަރައިގަތުމުގައި އދގެ ޗާޓަރުގައި ކަށަވަރު ކޮށްދޭ އިންސާނީ ހައްގުތަކަށް ސަމާލުވުމަށް ޝާހިދު ގޮވާލެއްވިއެވެ. އަދި ގޮންޖެހުން ތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ އެއްވެސް މީހަކު ބާކީ ވިޔަ ނުދޭނެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޮތް ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.