މެލޭޝިޔާގައި އިއްޔެ ނިމުނު 64 ވަނަ މެލޭޝިއަން އިންޓަނޭޝަނަލް އަލްޤުރުއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ މުބާރާތުގައި ރާއްޖެ ތަމްސީލްކޮށް، ހިތުން ކިޔެވުމުގެ ބައިން މުޅި މުބާރާތުން ތިން ވަނަ ހާސިލްކުރި ދަރިވަރު ފާތިމަތު ޝާޔާ ޒާހިރަށް މިއަދު ވެލަނާ އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ވާދަކޮށްފައިވާއިރު، ރާއްޖެ ތަމްސީލްކޮށް ބައިވެރިވި ފާތިމަތު ޝާޔާ ޒާހިރު ވަނީ މުޅި މުބާރާތުން ތިން ވަނަ ހާސިލްކޮށްފައެވެ. ޝާޔާއަކީ އިސްކަންދަރު ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. އަދި އުމުރުން އެންމެ 10 އަހަރުގައި ޤުރުއާން ހިތުދަސްކުރައްވާފައިވާ ކުޅަދާނަ ދަރިވަރެކެވެ.

ފާތިމަތު ޝާޔާ ޒާހިރަށް މަރުހަބާ ދެންނެވުމަށް ވެލަނާ އެއާޕޯޓަށް ވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ޝާޔާ ހޯދި ކާމިޔާބީއަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ މަރުހަބާ ދަންނަވާފައެވެ.