މި ސަރުކާރުން 7000 އަށްވުރެ ގިނަ ވަޒީފާ ދިންކަމަށް ބުނެ ފެތުރެމުންދާ ޚަބަރަކީ "ބުހުތާނު ދޮގު ޚަބަރެއް" ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯޯސްޓެއްގައެވެ.
ހީނާ ވިދާޅުވީ ސަރުކާރު ކުންފުނިތަކަށް އެކަނި ބެލި ނަމަވެސް، 2023 ވަނަ އަހަރުގެ ފަހު ކުއާކުއާޓަރއާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 1،000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭކަމަށެވެ.
"ޚިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން" ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ދޮގު ޚަބަރު ފަތުރަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާއި، ވޭތުވެދިޔަ 5 އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
މި ޚަބަރު ފެތުރެމުންދަނީ ރާއްޖޭގެ އިގްތިޞާދީ ހާލަތު ދަށްވެ، ސަރުކާރުގެ ޚަރަދުތަކާ މެދު ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުން މި ވަގުތު އިގްތިޞާދު ރަނގަޅުކުރުމަށް އެކި ފިޔަވަޅުތައް އަޅަމުންދާއިރު، މި ފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް ހީނާ ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ އިގްތިޞާދީ މަސްލަހަތު އިތުރަށް ހަރުދަނާ ކުރެއްވުމުގެ ގޮތުން 283 ސިޔާސީ މުވައްޒަފުން މަޤާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ނިންމަވާފައިއެވެ.