ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ޚާއްޞަކޮށްގެން ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފިއެވެ.
މި ހޮސްޕިޓަލް އަޅާނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ.
ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޓް ޖޭ ވެނާ ޕެކެވެ. މީގެ އިތުރުން ޗިން ހިން ގްރޫޕް ބަރްހާދްގެ ފަރާތުން ސޮއިކުރެއްވީ އެ ގުރޫޕްގެ ސީއީއޯ ރޮޖާ ލިންއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވަން ބޭއްވުނު ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި "ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަޕްލޭން" ވެސް އިފްތިތާހުކޮށްފައެވެ.
ރަސްމިއްޔާތުގައި ދައްކާލި ވީޑިއޯއިން ހާމަވި ގޮތުގައި، މި ތިން ބުރީގެ ހޮސްޕިޓަލްގެ އެންމެ ތިރީ ބުރީގައި ހުންނާނީ އިމަޖެންސީ ރޫމާއި ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ކެންޓީނެކެވެ. މީގެ އިތުރުން މި ހޮސްޕިޓަލްގައި ބްލަޑް އަދި އޯގަން ޓްރާންސްޕްލާންޓް ޔުނިޓަކާއި ބްލަޑް ޓްރާންސްފިއުޝަން ޔުނިޓަކާއި ލެބޯޓަރީއާއި ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
ތެލެސީމިއާ ކުދިންނަށް ފަރުވާ ދިނުމަށް ޚާއްޞަ ހޮސްޕިޓަލެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އެއްބަސްވުމާއެކު އެ ވައުދު ފުއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.