ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ވޭޕް މަނާކުރަން ނިންމެވި ނިންމެވުމާ ގުޅިގެން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މަރުހަބާ ކިޔައިފިއެވެ.

ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާ ސަރަހައްދުގެ އޮފީހުން ވިދާޅުވެފައިވަނީ ޒުވާނުންގެ މެދުގައި ވޭޕް ކުރުން އާންމުވެފައި އޮތީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުރިހާ ބާވަތަކީވެސް ގެއްލުން ހުރި އަދި ކެންސަރާއި، ކާޑިއޯ ވެސްކިއުލަ ބަލިތަކާއި، ދިގުމުއްދަތުގެ ފުއްޕާމޭގެ ބަލިތަކާއި، ހަކުރުބަލި ފަދަ ބަލިތަކަށް ނުރައްކާ ބޮޑު ކުރާ އެއްޗެއް ކަމަށެވެ.

ދެހާސް ނަވާރަވަނަ އަހަރު ހަދާފައިވާ ގްލޯބަލް ޔޫތް ޓޮބޭކޯ ސާވޭ އިން ދައްކާ ގޮތުގައި ރާއްޖޭގައި އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 23.1 ޕަސަންޓް ފިރިހެން ކުދިން އަދި 10.7 ޕަސަންޓް އަންހެން ކުދިން އީ ސިނގިރޭޓް ބޭނުން ކުރާކަން އެ ޖަމުއިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ޑަބްލިއުއެޗްއޯ އިން މި މައުލޫމާތު ހާމަކޮށްފައިވަނީ އެ ޖަމުއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް ޚާއްސަ އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އަދި މިއީ ވޭޕް ބޭނުންކުރާ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު އަދި ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވޭޕް ބޭނުންކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ރާއްޖޭން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައިވަނީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އެފަދަ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.