މިއީ ސަރުކާރުން ބަހަނާއާއި އުޒުރު ދައްކަވަންވީ ވަގުތެއް ނޫންކަމަށާއި މިއީ ރައްޔިތުންނަށް ޢަމަލީގޮތުން ކަންކަން ކޮށްދެއްވަންވީ ވަގުތު ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ ބޮޑެތި ވަޢުދުތަކަށް ފަހު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވަން ޖެހޭނީ އެ ވަޢުދުތައް ފުއްދަވަން ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު ސަރުކާރުގެ ވަޢުދުތައް އަދި ހުރީ ފުނިޖެހިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި ވަޢުދު ފުއްދަވާނެ ވާހަކަ ވިދާޅުވުމަކުން ފުދޭވަރަށްވުރެ ރައްޔިތުން މިވަގުތު ތިބީ ކޮވިޑްގެ ބަލިމަޑުކަމާހެދި ހާސްކަމެއްގެ ތެރޭގައި ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

ސަރުކާރަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވޭނީ ރައްޔިތުންނަށް އިޚްލާސްތެރިވެ ވަޑައިގެން ރައްޔިތުންގެ އިތުބާރު ހޯއްދެވި ވަރަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ޙައްސާސް މި ދަނޑިވަޅުގައި ކުރިއަށްވުރެ ވެސް ބޮޑަށް ރައްޔިތުންގެ ކަންކަން ގާތުން ބައްލަވައި ދަތިކަން ފިލުއްވައި ދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިނދަޖެހިފައިވާ މިވަގުތުގައި ސަރުކާރަށް ވެސް ދަތިތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުމުގައި ދެން ޢަމަލު ކުރައްވަންވީ ޕްލޭން އެކުލަވާލައްވައި އެކަން ރައްޔިތުންނާ ޙިއްސާ ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ރައްޔިތުން މިވަގުތު ތިބީ ކޮވިޑްގެ ސަބަބުން ހާސްކަމެއްގެ ތެރޭގައި ކަމަށެވެ. މިދަނޑިވަޅަކީ ރައްޔިތުންނަށް ސަރުކާރުގެ އޯގާތެރިކަމާއި އަޅައިލުން އިންތިހާއަށް ބޭނުންވެފައިވާ ވަގުތެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީހާލަތުގައި އެގޮތަށް ޢަމަލު ނުކުރައްވައިފި ކަމަށް ވާނަމަ އެކަމުގެ ނަތީޖާއަކަށްވާނީ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލި މާޔޫސްވުން ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.