ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓގައި އިޢުލާމްކޮށްފައިވާ ކާފިއު ހުޅުމީދޫ ފިޔަވައި އެހެން އަވަށްތަކުގައި އުވާލައިފިއެވެ.
އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިގު (ސޯބެ) މިރޭ ވިދާޅުވީ ކާފިއު އުވާލައިފައިވަނީ ސިޓީގައި ނަގާފައިވާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާއަށް ވެސް ރިޢާޔަތް ކޮށްފައި ކަމަށެވެ. އައްޑޫގައި ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ހުޅުދޫ/މީދޫ އިން ނެގި ސާމްޕަލެއް އެކަންންޏެވެ. އެހެން އަވަށްތަކުން ނެގި ރެންޑަމް ސާމްޕަލްތަކުން ސާމްޕަލެއް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ނޫސްވެރިންނަށް މިރޭ މަޢުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ ކާފިއު އުވާލިޔަސް އަދިވެސް ކޮވިޑަށް ސަމާލުވާންޖެހޭ ކަމަށެވެ. އެގޮތުން ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމަށް އޭނާ ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ބޭކާރުގޮތުގައި ގެއިން ބޭރަށް ނުދިއުން ރަނަގަޅު ކަމަށް ވެސް ވިދާޅުވިއެވެ.
ހުޅުމީދޫގައި އިޢުލާންކޮށްފައިވާ ކާފިއު ކުރިއަށް ގެންދަން ނިންމެވީ އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ. ޕޮޒިޓިވްވި މީހާގެ ދަރިފުޅު ރޯގާޖެހިގެން ފުލޫ ކުލިނިކަށް ދައްކައިގެން ޓެސްޓްކުރި އިރު އޭނާ ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހުންނާ ކޮންޓެކްޓްވި މީހުންގެ އަދަދުވަނީ 19 ވުރެ އިތުރުވެފައެވެ.