ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ތައާރަފްކުރި އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 840 މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އިމިގްރޭޝަން ވޮޗްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބެއް އާންމުކޮށްފައެވެ.

އެގޮތުން އެ އިދާރައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗްއަށް 840 މައްސަލައެއް ހުށަހަޅާފައި ވާއިރު، އޭގެތެރެއިން 596 މައްސަލައެއް އިމިގްރޭޝަނުން އެޓެންޑްވެފައިވެއެވެ. އަދި 174 މައްސަލައެއްގެ އަސްލު ދެނެގަނެވިފައި ނުވާއިރު، 70 މައްސަލައެއް ޔަގީން ކުރުމަށް އިމިގްރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

އަދި އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 596 މައްސަލައަކީ އެކި ކުށްތަކާ ގުޅިގެން ރިޕޯޓު ކޮށްފައިވާ މައްސަލަތަކެވެ.

މި 596 މައްސަލައިގެ ބާވަތްތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރުމުގެ 221 މައްސަލައާއި ވޯކް ވިސާގެ 206 މައްސަލައާއި ހަށިވިއްކުމުގެ 50 މައްސަލައިގެ އިތުރުން ކަޅުބާޒާރުގައި ފައިސާ ވިއްކުމުގެ 7 މައްސަލައާއި ޓޫރިސްޓް ވިސާގެ 10 މައްސައާއި ލައެމްޕްލޮޔާ ސްޕޮންސާއާ ހިލާފުމުގެ 9 މައްސަލަ ހިމެނެއެވެ.

ހަމައެއާއެކު ލިޔެކިޔުންތައް އޮޅުވާލުމުގެ 2 މައްސަލައާއި މަސްތުވާތަކެތީގެ 9 މައްސަލައާއި ހޯދާ މީހުންނާ ގުޅޭ 32 މައްސަލައާއި ބޯޑާ އިންޓެލިޖެންސްގެ 3 މައްސަލަގެ އިތުރުން އަދި އެހެނިހެން 40 މައްސަލައެއް ހިމެނެ ކަމަށް އިމިގްރޭޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓު ކުރުމަށް ހާއްސަކޮށް އިމިގްރޭޝަނުން މި ޕްލެޓްފޯމް ލޯންޗުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭގައި ހައްލު ކުރުމެވެ.