މަސްވެރިކަމުގައި ބޭނުންކުރާ އެން ގިނަ ދުވަހު ގެންގުޅުމަށް އެންވަތަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ކ. ހިންމަފުށީގެ "ބިގްފިޝް މޯލްޑިވްސް" ގައި މިމަހު 14 އިން 16 އަށް ބޭއްވުނު މި ސެޝަންތައް ކުރިއަށް ގެންދިޔައީ ދިވެހި ސަރުކާރާއި ޖަޕާން އިންޓޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާ ގުޅިގެން ހިންގާ "ޕްރޮމޯޝަން އޮފް ބްލޫ އެކޮނަމީ އިން ފިޝަރީޒް ސެކްޓަރ އޮފް ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުންނެވެ.

މި ސެޝަންތަކުގައި 7 ދޯންޏެއްގެ މަސްވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވުނެވެ. މީގެ ތެރޭގައި މަސްދޯނިފަހަރުގެ އެންވަތް ފަރުމާކޮށްފައި ހުންނަ ގޮތުން އެން މަރުވުމަށް މެދުވެރިވާ ސަބަބުތަކާއި، މިހާރު ބޭނުންކުރާ އެންވަށި ބޭނުންކޮށްގެން އެން ނެގުމުގެ ސަބަބުން އެން މަރުވުމަށް މަގުފަހިވާ ކަންކަން ހިމެނެއެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ވެސް މަސްވެރިންނަށް އަމަލީ ގޮތުން ދަސްކޮށްދެވުނެވެ.

މީގެ އިތުރުން، މި ޕްރޮޖެކްޓުގެ ދަށުން ފަރުމާކޮށްފައިވާ އެންވަތުގެ މޮޑެލްއާއި، ޖަޕާނުގައި އެން ނެގުމަށް ބޭނުންކުރާ އެންވަށީގެ ފަރުމާއަށް ތައްޔާރުކޮށްފައިވާ އެންވަށި ބޭނުންކުރާ ގޮތުގެ މަޢުލޫމާތު ވެސް މަސްވެރިންނާ ހިއްސާކުރެވުނެވެ. އަދި އެންވަތުގެ ޙަރަކާތްތައް ހުންނަ ގޮތާ ގުޅޭ މަޢުލޫމާތު ވެސް ފޯރުކޮށްދެވުނެވެ.