މ. މުލަކުގައި ގެސްޓްހައުސް ވިޔަފާރިއަށް ބިން ބޭނުންލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
އެގޮތުން ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ އިދާރާއިން ޢާންމު ކޮށްފައިވާ އިޢުލާނުގައި އެ ކައުންސިލުގެ ނަމުގައިވާ އެރަށުގެ އިރުމަތީކޮޅު ރާޅުގަނޑު ސަރަޙައްދުގައި އޮތް 12,400 އަކަފޫޓުގެ ބިމާއި، އެރަށު އަލިކަލޭފާނު މަގުގެ ހުޅަނގުކޮޅު އުތުރު ފަޅިން، 15,400 އަކަފޫޓުގެ ބިން، ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
ކޮންމެ ބިމަކަވެސް ބިޑް ހުށައަޅަން ޖެހެނީ ވަކިވަކިންނެވެ. މީގެއިތުރުން މި ބިޑަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށާއި މި ބިޑުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިމަހު 20 ވަނަ ދުވަހު ގެ 11:00 އަށް ރަޖިސްޓަރީ ވާންޖެހޭނެ ކަމަށްވެސް އެ ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.
އަދި ބިޑް ރަޖިސްޓްރޭޝަން ފޯމުގެ އަގަކީ 3,000 ރުފިޔާއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ އޮކްޓޫބަރު 20 ވަނަ ދުވަހުގެ 12:00 ގައި މުލަކު ކައުންސިލު އިދާރާގެ މީޓިން ރޫމުގައެވެ. އަދި ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ މިމަހު 31 ވަނަ ދުވަހުގެ 10:00 ގައި ހަމަ އެތަނުގައެވެ.
މި ބިޑާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7414167 ނަންބަރު ފޯނަށް ގުޅުމަށާއި ނުވަތަ [email protected] އަށް މެއިލް ކުރުމަށް މުލަކު ކައުންސިލް އިދާރާއިން އެދިފައިވެއެވެ.