ކޮވިޑް-19 އަށް ފަހު އިންޑިއާއިން އެކްސްޕޯޓު ކުރާ ޤައުމުތަކުގެ އަދަދާއި ނިސްބަތް އިތުރުވެ، އެތައް ސަރަހައްދެއްގައި އިންޑިއާގެ އެކްސްޕޯޓަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަ ކުރެވެއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން މިހާރު އަށް ސަރަހައްދަކާއި ސަރަހައްދީ ގްރޫޕްތަކަކާއެކު ކުރަމުންދާ ވިޔަފާރީގައި ދަރަނީގެ ބަދަލުގައި އަރަނިވެރިވެ ފައިދާ ދައްކާފައި ވެއެވެ. ކޮވިޑް19ގެ ކުރިން އިންޑިއާއިން އެކްސްޕޯޓުގައި ކުރި ހޯދާފައި އޮތީ 6 ސަރަހައްދެއްގައެވެ. ނަމަވެސް މިހާރު އެ އަދަދު 8އަށް އިތުރު ވެގެން ހިނގައްޖެއެވެ.

އިންޑިއާގެ އެކްސްޕޯޓު ކުރިއަރާފައިވާ ގޮތަށް ބަލާއިރު، 2020-21 ވަނަ މާލީ އަހަރު 497 ބިލިއަން ޑޮލަރުން 2023-24 ވަނަ މާލީ އަހަރު 778 ބިލިއަން ޑޮލަރަށް ކުރިއަށް ޖެހިލާފައި ވެއެވެ. މިއީ ބޮޑު ކުރިއެރުމެއް ކަމަށާއި ކޮވިޑް-19 ގެ ފަހުން އިންޑިއާއިން 19 ރީޖަންގެ ތެރެއިން 17 ރީޖަނަލް ބްލޮކްތަކާއެކު ކުރާ އެކްސްޕޯޓުގައި ކުރިއެރުން ހޯދާފައިވާ ކަމަށް ދައްކައެވެ.

މި ތަފށްހިސާބުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ، ޔޫރަޕްގެ ގައުމުތަކާއި މެދުތެރޭ އޭޝިއާގެ ގައުމުތަކާއެކު ވިޔަފާރީގެ ޑެފިސިޓު ހާލަތަކުން، ސާޕްލަސް ހާލަތަކަށް ބަދަލުވެފައިވާ ކަމެވެ. މިއިން ދައްކައި ދެނީ ކޯވިޑްގެ ހާލަތުގައި ދުނިޔޭގެ ލޮޖިސްޓިކަށް އައި ލޮޅުންތަކާއެކު، ދުނިޔޭގެ އެކްސްޕޯޓް ހަބެއްގެ ގޮތުގައި އިންޑިއާ ފާހަގަ ވެގެން ދިޔަކަމުގެ އިޝާރާތެކެވެ.

އޭގެ އިތުރުން، އުތުރު އެމެރިކާ، އަދި އީޔޫގެ ގައުމުތަކާއި، ދެކުނު އޭޝިއާ، އުތުރު އެފްރިކާ، އަދި އިރުމަތީ އެފްރިކާއާ އެކު ވެސް ވިޔަފާރީގެ ސާޕްލަސް އެއް ހޯދާފައިވާ ކަން ފާހަގަ ވެއެވެ.

މި ކުރިއެރުންތައް ބިނާ ކުރެވެނީ، އިންޑިއާގެ ސިޔާސަތަށް ގެނަސްފައިވާ ބަދަލާއި ސަރުކާރުން އެކސްޕޯޓު ކުރިއަށް ނެރުމަށް ހިންގާފައިވާ އިސްނެގުމުގެ ސިޔާސަތުތަކުގެ މައްޗަށެވެ.

"ސަރުކާރުން އަޅާފައިވާ ޕްރޮއެކްޓިވް ފިޔަވަޅުތަކާއި ސިޔާސީ އިސްލާހުތަކުގެ ސަބަބުން އިންޑިއާއިން އެކްސްޕޯޓް ކުރުން ބޮޑުކޮށް ފަސޭހަވެގެން ހިނގައްޖެ،" އިންޑިއާގެ ކޮމާސް މިނިސްޓްރީގެ އިސް އޮފިޝަލަކު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. އޭނާ ތަފްޞީލު ކޮށްދެއްވި ގޮތުގައި މި ފިޔަވަޅުތަކުގެ ތެރޭގައި އިންޑިއާގެ ލޮޖިސްޓިކްސް ދާއިރާއަށް ބަދަލު ގެނައުމާއި، އެކްސްޕޯޓް އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމާއި، ޓެކްސް އާއި ކްލިއަރެންސް ޕްރޮސެސްތައް ފަސޭހަ ކުރުން ހިމެނެއެވެ.

ސަރަޙައްދީ ގޮތުން އިންޑިއާގެ އެކްސްޕޯޓް ކުރިއެރުން ވަކިން ބޮޑަށް ވަރުގަދަވެފައިވަނީ ފާހަގަ ކުރެވޭ ވަކި މާކެޓްތަކެއްގައެވެ. އެގޮތުން،

ދެކުނު އެފްރިކާގެ ކަސްޓަމްސް ޔޫނިއަން (އެސްއޭސީޔޫ): ނަމީބިއާ އާއި ދެކުނު އެފްރިކާއާއެކު ވިޔަފާރި އިތުރުވުމުން، ކޯވިޑްގެ ކުރިން 5 އިންސައްތައިގައި އޮތުމަށްފަހު މިހާރު 32 އިންސައްތައަށް އިތުރުވެއްޖެއެވެ.

އަރަބި ގަލްފް/ ޖީސީސީ: ކުވައިތު، ސައުދީ އަރަބިއްޔާ، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އިންޑިއާގެ އެކްސްޕޯޓަށް މަޤްބޫލުކަން އިތުރު ވެފައި ވެއެވެ. ކޯވިޑްގެ ކުރިން ކުރިން މައިނަސް 1 ޕަސެންޓްގައި އޮތުމަށްފަހު، ކޯވިޑްގެ ފަހުން 28 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައި ވެއެވެ.

އިރުމަތީ އޭޝިއާ (އޯޝެނިއާ): އޮސްތްރޭލިއާއާއި އެސަހައްދަށް އެކްސްޕޯޓު %2 އިން %30 އަށް އިތުރު ވެފައި ވެއެވެ. އޭގެ މައިގަނޑު ސަބަބަކީ އޮސްޓްރޭލިއާއަށް އިންޑިއާއިން އެކްސްޕޯޓް ކުރާ މިންވަރު %100 އަށް އިތުރު ވެގެން ދިއުމެވެ.

އިންޑިއާއިން ވަނީ މިދިޔަ އަހަރުގެ މާޗް 31 ގައި އައު ފޮރިން ޓްރޭޑް ޕޮލިސީއެއް ލޯންޗު ކޮށްފައެވެ. މި ޕޮލިސީގެ މަގުސަދަކީ އިންޑިއާގެ އެކްސްޕޯޓްގެ ނިސްބަތް އިތުރަށް ކުރިއެރުވުމެވެ.

މި ސިޔާސަތުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އިންޑިއާގެ ސިޔާސަތަށް ބަދަލު ގެނަސް، ދުނިޔޭގެ މާކެޓްތަކުގައި އެގައުމުގެ ވާދަވެރިކަން އިތުރުކުރާށެވެ. ދުނިޔޭގެ ވިޔަފާރީގައި އިންޑިއާގެ ދައުރު ވަރުގަދަ ކުރަމުންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ސަޕްލައި ޗޭންތަކުގައި ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިޤްތިސާދުގެ ދައުރު އަދި އިތުރަށް ފުޅާވާނެ ކަމަށް ބެލެވެއެވެ.