ބަންގްލަދޭޝްގައި ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާތައް ސަރުކާރާ ދެކޮޅު ފުރިހަމަ ހަރަކާތަކަށް ބަދަލުވެ، ޝެއިޚް ހަސީނާ މަގާމުން ދުރުކުރިތާ މަސްތަކެއް ފަހުން އިދިކޮޅު މީހުން ނިޒާމުން ގެއްލުވާލަން ހަސީނާގެ ސަރުކާރުން ބޭނުން ކުރި ސިއްރު ޖަލަކާ ބެހޭ ބިރުވެރި ތަފްސީލުތައް ވަނީ ބޭޒާރުވެފައެވެ. ނިޒާމުން ގެއްލުވާލި މީޙުން ވަނީ މި ޖަލުގައި ހިނގާ ކަންތައްތަކުގެ ވާހަކަ، ކިޔައި ދީފައެވެ.
މި ޖަލު މަޝްހޫރު ވެފައި ވަނީ 'އައިނަގޯރް' ގެނަމުންނެވެ. މާނައަކީ މޫނުބަލާ ލޯގަނޑުތަކުން ޖަރީކޮށްފައިވާ ގެ، ހައުސް އޮފް މިރަރސް އެވެ. ބަންގްލަދޭޝްގެ 170 މިލިއަން މީހުންގެ އާބާދީ ވަނީ ހަސީނާގެ ސިއްރު ޖަލުގެ ތަފްސީލު ހާމަ ވުމުން ސިހިފައެވެ.
2009 ވަނަ އަހަރު ވެރިކަމަށް އައިސް ޙަސީނާ ވެރިކަން ކުރެއްވީ ބަދަލު ހިތްޕެވުމުގެ ރޫހެއްގައެވެ. އިސްލާމީ ޚިޔާލުގެ މީހުންނާއި އިދިކޮޅު ކަމަށް ބެލެވޭ، އެތައް ސަތޭކަ ބަޔަކު އުފުރާލައި، ސަލާމަތީ ބާރުތަކުން ނިޒާމުން ގެއްލުވައިލިއެވެ. އެ ޖަލަށް ގެންދިޔަ ބައެއް މީހުން މަރާލައި ހަށިގަނޑު ކޯރަށް އެއްލާލައިފައި ވެސް ވެއެވެ. ބައެއް މީހުންގެ ބަނޑު ފަޅާލައި، ބަނޑުގައި ބަސްތާތައް ބަނދެ ފައްތާލައިވާ ކަންވެސް އެނގިފައި ވެއެވެ.
އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ލަފާކުރާ ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން ހަސީނާގެ ވެރިކަމުން، 700 އަށް ވުރެ ގިނަ މީހުން ނިޒާމުން ގެއްލުވައިލިއެވެ. ނަމަވެސް ހަގީގީ އަދަދު އެއަށްވުރެ މާ ބޮޑަށް އިތުރު ވާނެ ކަމަށް ބެލެވެ އެވެ.
ނިޒާމުން ގެއްލުވާލި ބައެއް މީހުން ނަގާފައި ވަނީ އެއްވުންތައް އިންތިޒާމު ކުރަން އުޅެގެންނެވެ. ނުވަތަ މުޒާހަރާއަކަށް މަގު ބަންދުކޮށްގެންނެވެ. ނުވަތަ ސޯޝަލް މީޑިއާގައި ދެކޮޅުވެރި މެސެޖެއް ވެސް ޖަހައިގެންނެވެ.
ހައުސް އޮފް މިރަރސް ބަލަހައްޓަމުން ދިޔައީ، ބަންގްލަދޭޝްގެ ސިފައިންގެ ޖާސޫސީ ވިންގާއި ހަވާލުކޮށްގެންނެވެ. މިޖަލަކީ ބިންގަރާހެއްގައި، ބިމު އަޑީގައި ހަދާފައިވާ، އިރުގެ އަލި ކަމެއް ނުލިބޭ ކަރަންޓު ނެތް ޖަލެކެވެ. އެމީހުންނަށް އިވޭ ހަމައެކަނި އަޑަކީ ކޮންމެ ހެނދުނަކު ސިފައިން ބާއްވާ އަސްކަރީ ޕެރޭޑުގެ އަޑެވެ.
މިޖަލުގައި ޑިލްލޮމެޓުންނާއި ގާނޫނީ ވަކީލުންނާއި ނޫސްވެރިންވެސް ބަންދުކޮށްފައި ވެއެވެ.
ގަތަރާއި ވިއެޓްނާމްގައި ކުރިން ހުންނެވި، ބަންގްލަދޭޝްގެ ކުރީގެ ސަފީރެއް ކަމަށްވާ މަޢުރޫފް ޒަމާން 2019 ވަނަ އަހަރުން ފެށިގެން އެ ޖަލުގައި ޖުމްލަ 467 ދުވަސް ހޭދަކުރެއްވި އެވެ.
ސިފައިންގެ ޖާސޫސީ އިދާރާއިން ހިންގާ 'ހައުސް އޮފް މިރަރސް' އަށް މި ނަން ދީފައިވަނީ އެތާގައި ތިބޭ ދުވަސްތަކުގައި ގައިދީއަށް އެމީހާ ފިޔަވައި އިތުރު މީހަކު ނުފެންނާތީއެވެ.
މި ޖަލުގައި ހިންގާ ތަޙުގީގުގައި ސުވާލުކުރުމުގެ ތެރޭގައި ޖިސްމާނީ އަނިޔާތައް ކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް ސިއްހީ ޗެކަޕްތައް ގަވާއިދުން ފުރިހަމައަށް ކުރިއަށް ގެންގޮސްފައި ވެއެވެ. ކޮންމެ ހަތަރު މަހަކުން, ހަ މަހަކުން ގައިދީންގެ ބޯ ކޮށައި ދެއެވެ.
މިއީ ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ ގޮތުން ކޮށްފައިވާ ކަންކަން ކަމަށް މި ވާހަކަ ތަފްސީލުކޮށް ރިޕޯޓު ކުރި ނިއުޔޯކް ޓައިމްސް އިން ބުނެއެވެ.
އެނޫހުން ގެނަސްދިން އެކެއްގެ ވާހަކައަކީ، ޤާނޫނީ ވަކީލު 3 ކުދިންގެ ބައްޕަ، އަހުމަދު ބިން ގާސިމްގެ ވާހަކައެވެ. 2016 ވަނަ އަހަރު އެ ޖަލަށް ގާސިމް ލީފަހުން އޭނާ އަބަދުވެސް ބަހައްޓާފައި ވަނީ ކަނު ބަނދެ، ފުރަގަހަށް ބިޑި އަޅުވާފައެވެ.
ހަސީނާގެ ސަރުކާރު ވެއްޓުމުން އޭނާ ޖަލުން ނެރެގެން ގެންގޮސް އެއްލާލީ ޖަންގައްޔެއްގެ ތެރެއަށެވެ. ގާސިމު ބުނީ ހީވީ އޭނާ މަރާލަން ގެންދަނީ ހެންނެވެ.
މި ޖަލުގައި ގައިދީންނާއި ޖަލު ބަލަހައްޓާ މީހުންނާވެސް ގުޅުމެއް ނޯވެއެވެ. އެހެންވެ ބޭރުގެ ޥާނުވާވެސް ގައިދީންނަކަށް ނޭނގެއެވެ.
އެ ފެސިލިޓީގެ ކުރެހުން ކުރަހައި ދިނުމަށް ގައިދީން ގާތު އެދުމުން ކުރީގެ ބައެއް ގައިދީން ބުނީ އެތަނުގައި ދިގު ކޮރިޑޯތަކެއް ހުންނަ ކަމަށާއި ދުރުދުރުގައި އެއްދޮޅަސް ގޮޅިތަކާއި ކޮޓަރިތައް ހުންނަ ކަމަށެވެ. އަޑު ގަދަ ބޮޑެތި ސިންގާ އެގްޒޯސް ފަންކާތައް ބަހައްޓާފައި ހުންނަކަމަށްވެސް ބުނެއެވެ.
ހަސީނާގެ އިންސާނީ ހައްގަށް އަރައިގަތުމުގެ ޖަރީމާތަކުގައި ހަސީނާ ހައްޔަރުކޮށް ކޯޓާ ހަވާލު ކުރުމަށް ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް ޙަސީނާގެ ސަރުކާރުން އެކުލަވާލި ޓްރައިބިއުނަލުން އަމުރު ކޮށްފައި ވެއެވެ. މި ޓްރައިބިއުނަލަކީ ހަސީނާގެ ބައްޕައާއި އާއިލާގެ މީހުން މަރާލައި ޝެއިޚު މުޖީބުގެ ސަރުކާރު ވައްޓާލި ކަމަށް ތުހުމަތު ކުރެއްވުނު އިސްލާމީ ޚިޔާލުގެ އެތައް ބަޔަކު ދަންޖެއްސުމަށް ޙުކުމް ކުރި ކޯޓެވެ.