އިސްލާމްއާބާދުގައި ބޭއްވި އެސްސީއޯ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ ސަރަހައްދީ ގުޅުން ހީނަރުވެފައިވާ މައްސަލައަށް ވާހަކަ ދައްކަވާފައެވެ. އޭނާ ވާހަކަ ދައްކަވާފައި ވަނީ އިންޑިއާގެ އެންމެ ބޮޑު ދެ އަވަށްޓެރިންނާ މުޚާތަބު ކުރައްވަމުންނެވެ.

"އިތުބާރު ގެއްލި، ސަރަހައްދީ އެއްބާރުލުން ނެތި، އެކުވެރިކަން ހީނަރުވެ، ރަނގަޅު އަވަށްޓެރިކަން ގެއްލިއްޖެ ނަމަ، އަމިއްލަ ނަފްސާ މެދު ވިސްލާން ޖެހޭ ސަބަބުތަކާއި ހައްލު ކުރަން ޖެހޭ މައްސަލަތައް ޔަގީނުންވެސް އެބަހުރި" ޖަޔަޝަންކަރު ވިދާޅުވިއެވެ.

އިންޑިއާއަކީ ޕާކިސްތާނަށް ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރާ ޤައުމެކެވެ. އަދި، ޗައިނާއަށް ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްގައި ހަމަނުޖެހުން ހިންގާ ކަމަށްވެސް އިންޑިއާއިން ތުހުމަތު ކުރެއެވެ.

ޕާކިސްތާނަށް ނުސީދާ ކޮށް އިޝާރާތް ކުރައްވަމުން ޖަޔަޝަންކަރު ވިދާޅުވީ އިންޑިއާއަށް މަޝްވަރާ ކުރެވޭނީ، "ޓެރަރިޒަމް ނެތް" މާހައުލެއްގައި ކަމަށެވެ. ކޯވިޑްގެ ތެރޭގައި ޗައިނާއިން ވަނީ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްގައި އަމިއްލައަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އިސްލާމްއާބާދުގައި އިންތިޒާމު ކުރި މުހިންމު ސަރަހައްދީ ސަމިޓާއި ޕާކިސްތާނުން ރިއާސަތު ބެލެހެއްޓެވި ފުރިހަމަކަމަށް ތަޢުރީފު ކުރައްވަމުން އޭނާގެ ވާހަކަފުޅުގައި ޖައިޝަންކަރު ވިދާޅުވީ އެއްބާރުލުން ބިނާވެފައި އޮންނަންވާނީ ދެފަރާތުންވެސް އަނެއް ފަރާތާއި އެކު ބާއްވާ އިހުތިރާމާއި އިސްތިގުލާލީ ހަމަހަމަކަމުގެ މައްޗަށް ކަމަށެވެ.

ދުނިޔެއަށް 3 ނުބައި މައްސަލަތަކެއް ދިމާވެފައިވާކަމަށް އިޝާރާތް ކުރައްވަމުން ޖަޔަޝަންކަރު ވިދާޅުވީ އެއީ، ހަރުކަށިކަމާއި ހައްދުފަހަނައަޅައި ދިއުމާއި ވަހިވެގަތުމެވެ.

ދެކުނު އޭޝިއާއަކީ ދުނިޔޭގައި އެންމެ ހަރުކަށި އަދި ދީނީ ހައްދުފަހަނައަޅައި ދިއުން އެންމެ ބޮޑު ސަރަހައްދެވެ. މުސްލިމުންނާއި މުސްލިމު މަޒުހަބުތަކާއި ހިންދީންނާއި ހިންދީ ޖަމާއަތްތަކުގެ ހަރުކަށި އަމަލުތަކުގެ ވާހަކައަކީ ކޮންމެ ދުވަހަކުވެސް މީޑިއާގެ ސުރުޚީތަކެވެ.

ޖަޔަޝަންކަރު ވިދާޅުވީ މައްސަލަތައް ހައްލު ކުރެވޭނެނަމަ، ވިޔަފާރި ގުޅުން އާލާވެ ވިޔަފާރިތައް ކުރިއަރައިގެންދާނެ އެވެ.

މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުން ގެންދާ ޓެރަރިސްޓު އުދުވާނީ ހާލަތަށް ސިދާ އިޝާރާތް ކުރެއްވުމަކާ ނުލައި، ޖަޔަޝަންކަރު ވިދާޅުވީ، މިދުވަސްވަރަކީ، ދުނިޔެއަށް ނާޒުކު ދުވަސްވަރެއް ކަމަށެވެ. އަދި ދުނިޔެ ދަނީ އެއް ބާރެއްގެ މައްޗަށް ބަރޯސާ ވުމަށް ވުރެން ބޮޑަށް އެތައް ބާރެއްގެ ބާރުވެރިކަމާ ދިމާއަށް ކަމަށް ވިދާޅުވިއެވެ.